އުމަރު ނަސީރު

އެމްޑީޕީ އިން އަދީބާއެކު ހެދި ޑީލްތަކާ ސަރުކާރާ ގުޅުމެއް ނެތް: އުމަރު

ތޭރަ އަހަރަށް ޖަލަށްލާފައިވާ ކުރީގެ ރައީސް، މުހައްމަދު ނަޝީދު މިނިވަންކުރަން އެމްޑީޕީ އިން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއެކު ހެދި ޑީލްތަކާއި ސަރުކާރާ ގުޅުމެއް ނެތް ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.

ނަޝީދު މިނިވަންކުރަން މިދިޔަ ޖުލައި މަހު ސަރުކާރުން އެމްޑީޕީއާއެކު އެއްބަސްވިކަމަށް ބުނެ އެޕާޓީން ނެރުނު ބަޔާނަކާ ގުޅިގެން މިނިސްޓަރު ވިދާޅުވީ، ނަޝީދު މިނިވަންކޮށް ދޫކޮށްލުމުގެ ބާރެއް ސަރުކާރަށް ލިބިގެން ނުވާ ކަމަށެވެ. އެހެންކަމުން ނަޝީދު މިނިވަންކުރުމަށް އަހުމަދު އަދީބާ އެކު އެމްޑީޕީން ޑީލް އެއް ހެދުމަކީ ސަރުކާރާއި ބެހޭ ކަމެއް ނޫން ކަމަށް ވެސް އުމަރު ވިދާޅުވި އެވެ.

އެމްޑީޕީން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވަނީ، ރައީސް ނަޝީދު މިނިވަންކުރުމަށް އެމްޑީޕީއާއި ސަރުކާރާއެކު ބޭއްވި ބައްދަލުވުން ތަކުގައި، ނަޝީދު މިނިވަންކުރުމަށް ނައިބު ރައީސް އަހުމަދު އަދީބު މެދުވެރިކުރައްވައި ރައީސް ޔާމީން ވިދާޅުވި ކަމަށެވެ. ރައީސް ފުރަތަމަ އެއްބަސްވެވަޑައިގެންނެވީ ނަޝީދު ދެ ދުވަަހަށް ގޭބަންދަށް ބަދަލުކުރަން ކަަމަށާއި އޭގެ ފަހުން ޖުލައި މަހު، ނަޝީދު އެއްކޮށް މިނިވަންކުރުމަށް ކަމަށެވެ. އަދި އެގޮތަށް އެއްބަސްވީ ސަރުކާރުން އެދުނު ކަންތައްތައް އެ ޕާޓީން ވެސް ކޮށްދޭނެ ކަމުގެ ޔަގީންކަން ދިނުމުން ކަމަށް އެމްޑީޕީން ވަނީ ބުނެފަ އެވެ.