އިލެކްޝަންސް ކޮމިޝަން

ބައެއް ފޮށިތައް އަލުން ގުނަނީ

ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިހާބުގެ ބައެއް ވޯޓު ފޮށިތައް އަލުން ގުނަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފި އެވެ.

އީސީ އިން މިއަދު ބުނީ ފާހަގަވެފައިވާ ބައެއް ދާއިރާތަކުގެ ވޯޓު ކަރުދާސްތައް މިއަދު މެންދުރުފަހު 1:30 ގައި އަލުން ގުނަން ފަށާނެ ކަމަށެވެ. ގުނަން ހަމަޖެހިފައިވަނީ 18 ވޯޓު ފޮއްޓެވެ.

އީސީން ބުނީ ވޯޓު ފޮށިތަކެއް ގުނަނީ ވަގުތީ ނަތީޖާ ކަށަވަރުކުރުމަށް ކަމަށެވެ. ވޯޓާ ގުޅޭ ބައެއް ޝަކުވާތައް ލިބެމުންދާ ކަމަށް ވެސް އީސީ އިން ބުނެ އެވެ. ނަމަވެސް އެއީ ކޮންކަހަލަ ޝަކުވާތަކެއް ކަމެއް ބުނެފައެއް ނުވެއެވެ.

ވޯޓު ފޮށިތަކެއް އަލުން ގުނުމަށް ތައްޔާރުވަމުން ދާއިރު ނިމިގެންދިޔަ ކައުންސިލް އިންތިހާބުގައި ބާތިލް ވޯޓު ގިނަކަން ފާހަގަކޮށް ޕީޕީއެމުން އިއްޔެ ވަނީ ބާތިލް ވޯޓުތައް ގުނާ ދިނުމަށް އެދިފަ އެވެ. އަދި ހަތަރު ދާއިރާއެއްގެ ވޯޓު ފޮށި އަލުން ގުނަން ބޭނުންވާ ކަމަށް ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ ވިދާޅުވެފަ އެވެ.