ވާހަކަ

ހީނލާގޮތުން

(12 އެޕްރިލް 2021 އާ ގުޅޭ)

އަތުތެރޭ އުރާލައިގެން ހުރި އަނުމްގެ ގައިގާ ބާރަށް ނޯޔާ ހިފަހައްޓާލި އެވެ. ކުރިމަތީގައި ލޫނާ ހުރެފައި ނުކުމެގެން އެ ދިޔައީ އެ މެޔަށް ޖެހި ވަޅި ފުނަށް ވައްދާލުމަށްފަހު އުފުރާލައިގެން ކަހަލައެވެ.

"އަސްލަން..." ވައިއަޑުން ނޯޔާއަށް ބޭއިޚްތިޔާރުގައި ކިޔާލެވުނެވެ.

މިހާތަނަށް ލޫނާގެ ވާހަކަތައް ދޮގު ކުރަމުން އައި ނަމަވެސް އެ ހިތްވަރު މިފަހަރު ނޯޔާއަކަށް ނުލިބުނެވެ. ދޫ ހަރަކާތެއް ނުކުރި އެވެ. ބުނާނޭ ބަހެއް ވެސް ހިތާއި ސިކުނޑިއަށް ނައީ އެވެ. ކަނާއަތް ފަރާތުގައި ހުރި އޭނާ ނިދާ ކޮޓަރިއަށް ނަޒަރު ދަތުރުކޮށްލިއެވެ. ރޭގައި އޭނާއަށް ނިދެންދެން ގާތުގައި އަސްލަން އޮތްކަމުގެ އިހްސާސަކީ އޮޅުވާލުމެއްނޫނެވެ. ނޯޔާއާ ދުރަށް ދާން ޖެހޭތީ އެކަމާ އަސްލަން ގަޔާނުވާކަން ބުނެ ދެއްކި ވާހަކަތައް ނޯޔާގެ ހަނދާނުން ފުހެވިގެންދާހާ ވަގުތެއް އަދި ނުވެއެވެ. ލޫނާ ބަލާ އެއައި ބުރުގާ ދައްޗާ ބެހޭ ގޮތުން އަސްލަން ވާހަކަދައްކާތޯ ނޯޔާ ވެސް ހުރީ މަޑުކޮށްގެންނެވެ. އެ ދަތި ނޯޔާ ފޮރުވީ ވެސް އެހެންވެއެވެ. އަސްލަން ސުވާލު ކުރޭތޯ ބަލާށެވެ.

"މަންމާ..." މަލްސާ ގޮވާލި އެވެ.

ޚިޔާލުތަކަށް ގެއްލިފައި ހުރެވޭކަށް ނޯޔާއަށް ނެތެވެ. މީހެއްގެ އަނތްބަކަށްވެ ފިރިމީހާދެކެ ލޯބިވެވުމުގެ ކުރީން އޭނާ އެވަނީ މަންމައަކަށް ވެފައެވެ. މިހާރު އެ ލޯތްބާމެދު ކަންބޮޑުވެ ހިތް ވިރެމުން ދިޔަސް، މަންމަގެ ޒިންމާއަށް އެކަމުން އަސަރެއް ކުރާކަށް ޚުދު ނޯޔާ ވެސް ނޭދެއެވެ. ފުންކޮށް ފިނި ނޭވާއެއް ލުމާއެކު ލޫނާ މޭގައި ފިރުމާލިއެވެ. ދެން ކުޑަދަރިފުޅު އުރާލައިގެން ހުރެ ނޯޔާ އެނބުރިލީ މަލްސާ ބޭނުންވާކަމެއް އޮޅުންފިލުވާށެވެ.

ތިން ދަރީންގެ މުހުދާތުތައް ފުއްދައިދިނުމުގައި ނޯޔާ އަވަދިނެތި އުޅެމުންދިޔައެވެ. ހިތާއި ސިކުނޑިއަށް ލިބިފައިވާ ބަރުކަމާއެކުއެވެ. ޚިޔާލުތަކުން ލޫނާގެ ސޫރަ ފުސްވެގެން ނުދެ އެވެ. އޭނާ އެ ދެއްކި ވާހަކަތައް ވިޔާނުދާވެފައި އެކަމުން ކުރި ފުންއަސަރުގައި ނޯޔާ ރަނގަޅަށް ވެސް ޖެހިއްޖެ އެވެ. ދޭއްޖެހި ފަހުން އަސްލަން ގެއަށް އައެވެ. އޭނާ ވަދެގެން އައުމުން ވެސް ނޯޔާއަށް ފިރިމީހާ ފެނި ސަލާމް ގޮވާ ނުލެވި، އެތަކެއް ވާހަކައެއް އެކުލެވިފައިވީ ފަދައިން ދުރުގައި ބަލަން ހުރެވުނީ އެވެ. ސަލާން ގޮވާލުމާއެކު ކުދީންނާ ވާހަކަ ދައްކަމުން އަސްލަން ގޮސް ކޮޓަރިއަށް ވަނީ އެވެ. ބައްޕަ ފުރަން އުޅޭކަން އެކުދީންނަށް ވެސް އެނގެއެވެ. އަސްލަންގެ ފަހަތުން ދުރަށް ނުގޮސް އެކުދީން އެ އުޅެނީ އެހެންވެ އެވެ.

ހަތަރުގަޑި ބަޔަށް ފުރުން ހަމަޖެހިފައި އޮތްއިރު އަސްލަން ބޭނުންވީ ޢާއިލާއާއެކު އެންމެ ފަހު ވަގުތުކޮޅު ހޭދަކުރާށެވެ. އެނދުމަތީ ހުރި ދަބަސް އޭނާ ބެލި އެވެ. އޭނާ އެދުނު ހުރިހާ އެއްޗެއް ނޯޔާ ހުރީ ތަރުތީބުން ދަބަހަށް އަޅައިދީފައެވެ. އިތުރަށް ކުރަންޖެހޭ ކަމެއް ނެތެވެ.

ކުދީންނާއެކު އަސްލަން އައިސް ކާމޭޒުދޮށުގައި މަޑުކޮށްލި އެވެ. މެންދުރު ގޭގައި މަޑުނުކުރާތީ މެންދުރުގެ ކެއުން ކާނޭ ވަގުތެއް ނުވިއެވެ. ޖެހި ބުދެއްހެން ސޯފާގައި އިން އަނބިމީހާއަށް އަސްލަން ގޮވާލި އެވެ. ނޯޔާ ތެދުވެގެން ނައީމަ އެވެ. ކާމޭޒުމަތީ ތަށިތައް އަތުރާފައެއް ނެތެވެ. އަމިއްލައަށް އަޅާލައިގެން ކާން މައްސަލައަކަށް އަސްލަންއަށް ވަނީއެއް ނޫނެވެ. ބޭނުން ވަނީ ކާގަޑީގައި އަނބިމީހާ އޭނާގެ ގާތުގައި އިނުމެވެ. އެހެން ނަމަވެސް ނޯޔާއަށް ގޮވާލުމުން އޭނާ އައިސް އަސްލަންއަށް ކާން ތައްޔާރު ކޮށްދީފި އެވެ. ދެބެން ކާމޭޒު ދޮށުގައި އިށީނުމުން އެކުދީންގެ ފަހަތުގައި ކޮޅަށް ނޯޔާ މަޑުކޮށްލައިގެން ހުއްޓެވެ. މަލްސާއާއި ސާރާގެ ސުވާލުތައް ހުހެއް ނުވިއެވެ. ކުދީންނަށް ސަމާލުކަން ދެމުން ވެސް އަސްލަންގެ ލޯ ދޭތެރެއަކުން ނޯޔާ ހޯދާލަ އެވެ.

"މަންމައާއި ބައްޕަ ގާތު ބުނީންތަ އަހަރެން ފުރަން އުޅޭ ވާހަކަ." އަސްލަން އަހާލީ ނޯޔާގެ ގާތުގަ އެވެ. ނޯޔާ ހަމައެކަނި ބޯ ޖަހާލީ އެވެ.

އަސްލަން ގެއަށް އައުމުން ވަގުތު ހިނގާލެއް ވަކިން އަވަސްހެން ހީވިއެވެ. އޭނާ ދެބެން ދެފަރާތަށް ލައިގެން ސޯފާގައި އިނެވެ. އެކުދީންނަށް ނަޞޭޙަތް ދިނެވެ. ނޯޔާގެ ބަސްއެހުމަށެވެ. ބައްޕަ ކައިރީގައި ނެތުމުން މަންމައަށް އަޅާލައި އެހީވެދޭން ތިބޭނީ އެ ދެބެންކަން އަސްލަން ބުންޏެވެ. އެކުދީންނަށް މާބޮޑުކަމެއް ނުކޮށްދެވޭނެކަން އަސްލަންއަށް ވެސް އެނގެ އެވެ. އެހެންވިޔަސް އެކުދީން ނުހަނު އަވަހަށް އެއްބަސްވިއެވެ. މަންމައާއި ހުރިހާ ކުދީންގެ ގާތަށް ބައްޕަ އަވަހަށް އަންނަން ސާރާއަށް ބުނެވުނެވެ.

"ޑެޑީ ބައިވަރު ފަހަރު ގުޅައްޗޭ، ސާރާ ނިދާ ގަޑީގަ ގުޅައްޗޭ." ސާރާ ބުންޏެވެ.

"މައްސަލައެއް ނޯންނާނެ، ބައިވަރު ބައިވަރު ފަހަރު ޑެޑީ ގުޅާނަން... މަމީ ވެސް ޑެޑީއަށް ގުޅައްޗޭ." ބޯ އަރިކޮށް ޖެހިގެން ހުރި ސޯފާގައި އިން ނޯޔާއަށް ބަލާލަމުން އަސްލަން ބުނެލި އެވެ.

"އެއީ މަންމައެއްނު..." ސާރާ ވަގުތުން ރަނގަޅުކޮށްލަ ދިނެވެ.

"ސޮރީ..." އަސްލަން ނުހަނު އަވަހަށް ބުނެލި އެވެ. ނޯޔާއާއި ސާރާއަށް އެއްފަހަރާ ބަލާލި އެވެ. މާބޮޑު ވިސްނުމެއް ނެތިކަން ބުނެވުނީ އަސްލަން ޤަބޫލު ކުރެއެވެ. މަމީއަކީ އެކުދީން މައިރާއަށް ގޮވާ ގޮތެވެ. ނޯޔާ އެކުދީން އާދަކުރުވީ މަންމަ ކިޔާށެވެ. އެވަރުކަމެއް އޭނާ ހަނދާންނެތިގެން ނުވާނޭ އަމިއްލަ ޟަމީރު ބުނެލި އެވެ.

ކޮޓަރިއަށް އަސްލަން އައީ ފުރަން ތައްޔާރުވާށެވެ. ފަހު ފަހަރަށް ދަބަސް ބަލާލުމަށް ފަހު ލެއްޕި އެވެ. ނޯޔާއެއް ނަޔެވެ. ކޮޓަރިން ބޭރަށް ބޯ ދިއްކޮށްލުމާއެކު އަސްލަން ގޮވާލި އެވެ. ނޯޔާ އިސްވެ ކަމެއް ކޮށްދޭން ނޫޅޭތީ އަސްލަން ސުވާލު އުފެދުނެވެ. އޭނާ ދާން އުޅޭތީ އެކަމުން ނޯޔާއަށް ލިބިފައިވާ ހިތްނުވަސްކަމުގައި ކަން އެހެން އެވަނީ އަސްލަން ހީކުރި އެވެ. ނޯޔާ އައިސް ކޮޓަރީ ދޮރު މަތީ މަޑުކޮށްލި އެވެ. އޭނާގެ އަތުގައި ހިފައި އެތެރެއަށް ވެއްދުމާއެކު ކޮޓަރީގެ ދޮރުފަތް އަސްލަން ކައިރިކޮށްލީ އެވެ.

"ދެރަވެފަ ނުހުރެބާ... އަހަރެން ނޯޔާއަށް ގުޅާނަން، ނޯޔާ ވެސް ގުޅަންވީ... ކޮންމެ އިރަކު ގުޅިޔަސް އަހަރެން ފޯނު ނަގާނަން، ނޯޔާ ގުޅައިގެން އަހަރެންނަށް އުނދަގުލެއް ނުވާނެ." ނޯޔާގެ ދެއަތުގައި ހިފަހައްޓާލައިގެން ހުރެ އަސްލަން ވާހަކަ ދެއްކި އެވެ. އަތުކުރީ އޮތް ގަޑިއަށް ބަލާލާފައި އަސްލަން އެނބުރިލީ އޭނާ ލާން ނޯޔާ ތައްޔާރު ކޮށްދީފައި ހުރި އެއްޗެހި ލާށެވެ. ޖިންސު ހެޔޮވަރު ކޮށްލުމާއެކު އުނގައި އޮތް ތުވާލި ނޯޔާއަށް އަސްލަން ދިއްކޮށްލި އެވެ. ގޮޅިޖެހި ގަމީސް ލަމުން އައިސް އަސްލަން ހުއްޓުނީ ސީދާ ނޯޔާގެ ކުރިމަތީ އެވެ. އެ ދެއަތްތިލަ ގެނެސް ގަމީހުގެ ގޮށްފަތީގައި އަސްލަން ޖައްސާލި އެވެ. އަސްލަން ފާޅުނުކޮށް ނުބުނި ނަމަވެސް އޭނާ އެދުނީ ކޮންކަމަކަށްކަން ނޯޔާއަށް އެނގުނެވެ. މަޑުމަޑުން އެ ގަމީހުގެ ގޮށްތައް ނޯޔާ އަޅުވައި ދިނެވެ. އެ ހުރިހާއިރު ނޯޔާގެ މޫނަށް ބަލަން އަސްލަން ހުއްޓެވެ.

"ދިއުމުގެ ކުރީން ހަދިޔާއެއް ނުދޭނަންތަ؟" ނޯޔާ ދުރަށް ދާން އުޅުމުން އެ ގޮނޑުގައި އަސްލަން ހިފެހެއްޓި އެވެ.

"އަހަރެން ދޭ ހަދިޔާއަކުން އަސްލަންއަށް ފުދޭނެތަ؟" ނޯޔާ ދެ ލޮލުން އުފާވެރި ކަމެއް ފާޅެއް ނުވެއެވެ. އެކަމާ އަސްލަން ކަންބޮޑު ވެއެވެ.

"އަހަރެންގެ އަނބިމީހާ ނުފުދޭންވީކީއްވެ؟... ޕްލީޒް، ދެ ހަފްތާ ފަހުން އަހަރެން އިރާދަކުރެއްވިއްޔާ ހުންނާނީ އަނެއްކާވެސް ނޯޔާއާއި އަހަރެންގެ ކުދީންގެ ގާތުގައި، ކަމެއްވެދާނޭތީ ނޯޔާ ބިރު ނުގަނެބަލަ... ކޮންކަމެއްތަވާން އޮންނާނީ." ނޯޔާގެ ކޯތާފަތުގައި އަސްލަން ފިރުމާލި އެވެ. އަސްލަންދެކެ ނޯޔާ ލޯބިވަނީތޯ އަހާލަން އެ ހިތް ނުހަނު ބޭނުންވި އެވެ. އެކަމަކު ވަކިވެގެން ދަމުން އެހެން އަހާލަން ބޭނުން ނުވީއެވެ. ގުދުވެލައި އަނބިމީހާގެ ތުންފަތުގައި އަސްލަން ބޮސްދިނެވެ. ނަމަވެސް އަސްލަން ހައިރާންވީ ނޯޔާގެ އިޝާރާތެއް ނުލިބުނީމަ އެވެ. އެހެންވިޔަސް އޭނާ އަނބިމީހާ ގެނެސް މޭގައި ބޮނޑިކޮށްލި އެވެ.

"އަހަރެންނަށް އިންތިޒާރު ކުރާނަންތަ؟" އަސްލަންއަށް އަހާލެވުނެވެ.

"ކުރަންވީތަ؟" ނޯޔާ ވެސް ރައްދު ދިނީ މިފަދައިންނެވެ. އެއާއެކު އަސްލަން އާނއެކޭ ބުނެލި އެވެ.

"ޑެޑީ މަންމައަށް އުމްމައެއް ދިނީތަ؟" ކުއްލިއަކަށް ދޮރު ހުޅުވާލާފައި އެވަނީ މަލްސާ އެވެ. އަސްލަންއަށް ވަގުތުން ނޯޔާގެ ގައިން ދޫކޮށްލެވުނެވެ. އެކުއްޖާ ދޮރު ކައިރީ ހުރީކަން އެމީހުންނަށް ޔަގީންވި އެވެ. ނޯޔާއާ އެހާ ގާތްކޮށް އަސްލަން އުޅޭތަން އެކުދީންނަށް އަދި ފެނިފައެއް ނުވެއެވެ.

"މަންމަ ދެރަވެފަ ހުރީމަ." އަސްލަން ބުނެލި އެވެ.

"މާމަ އެބައިން." މަލްސާ ބުންޏެވެ.

އަސްލަން އެނދުމަތީ އޮތް ދަބަސް ހިފައިގެން ކޮޓަރިން ނުކުތެވެ. އަނގަތަޅުވަމުން އޭނާއާއެކު މަލްސާ އައެވެ. ނޯޔާ އެމީހުންގެ ފަހަތުން އައެވެ. ސަބީނާ ސޯފާއިން ތެދުވެގެން އައިސް ދަރިފުޅުގެ ގާތުގައި ހުއްޓުނެވެ. އައްޔޫބާއި ރޫމާ ވެސް އެވަގުތު އެބަޔަށް އަތުވެއްޖެއެވެ. އެމީހުންގެ ފަހަތުން ނެހާގެ ދެމަފިރިން ވެސް އެބަޔަށް ވަނެވެ.

"ދަރިފުޅު ބަލައިގެން އުޅެއްޗޭ، ނޯޔާއާއި ކުދީންނާމެދު ފިކުރުބޮޑު ނުކުރާތި، މިކޮޅުގައި އެމީހުން ބަލަހައްޓާނޭ މީހުން އެބަތިބި، މަސައްކަތަށް ފަރުވާ ބަހައްޓާތި، ވިޔާނުދާ ކަމެއް ނުކުރާތި، އަސްލަން ވިޔާނުދާވެގެންނެއް ނޫން މިހެން މިބުނީ... ދަރިފުޅަށް ދުރަށް ދާއިރު ނަޞޭޙަތް ދިނުމަކީ ބައްޕަ ކުރަންވާނޭ ކަމެއްނު." އަސްލަންގެ ކޮނޑުގައި އައްޔޫބު ޖަހާލި އެވެ.

ކުދީންނާއެކު ނޯޔާއާއި އެންމެން ވެސް ގޭގެ ތިރިއަށް ފޭބިއެވެ. މަލްސާ ފީވެ ރޮވެން ފެށީ އެވެ. ނޯޔާގެ ހެދުމުގައި ހިފާލައިގެން ސާރާ ހުރީ ފެންކަޅިވެފައެވެ. އެކުއްޖާ ނުރޯން ހިތްވަރު ކުރާކަން އެނގެ އެވެ. އެކުދީން ހަނދާން ހުންނަން ފެށިފަހުން ބައްޕަ ދުރަށް އެ ދަނީ ފުރަތަމަ ފަހަރަށެވެ. ނޯޔާ ވެސް އެކުދީން ފަދައިން ރޯން ބޭނުންވި އެވެ. އެންމެންގެ ލޮލުގައި އަޅައިގަތީ ނޯޔާ އުރާލައިގެން ހުރި އަނުމްގެ މޫނުގައި ބޮސްދީފައި ނޯޔާގެ ކޯތާފަތުގައި އަސްލަން ފިރުމާލި ގޮތެވެ.

"ދަނީ އިނގޭ... ބަލައިގެން އުޅެއްޗޭ، ރަނގަޅަށް ކާތި... އަހަރެން ގުޅާނަން." އަސްލަން ސިއްރެއް ބުނެލި ފަދައިން މަޑުމަޑުން ނޯޔާގެ ގާތުގައި ބުނެލިއެވެ. އެވާހަކަތަކަށް ނޯޔާ ބޯޖަހާލީއެވެ.

ދޮރޯށި ހުޅުވާލައި މަގުމައްޗަށް އެންމެން ނުކުތެވެ. ދެ އަންހެން ކުދީންނާ ވާހަކަ ދައްކަން އެއްފަރާތުގައި ހުރި ރިދާން އެންމެންނަށް ފެނުނީ އެވަގުތެވެ. އޭނާ އެ ދެ އަންހެން ކުދީން ގާތު މަޑުކޮށްލަ ދިނުމަށްފަ ބުނެފައި އައެވެ. އަސްލަންއާއި ސަލާމް ކުރިއެވެ. އޭނާ ނުބުނަނީސް ގޭގެ އެއްވެސް ކަމަކާ އަސްލަން ހާސް ނުވާން ރިދާން ބުނެލި އެވެ. ނޯޔާއާއި ކުދީންގެ ކަންކަން އޭނާ ބަލާނަމޭ ބުނެލި އެވެ. އަސްލަން ހިނިތުންވެލިއެވެ. ދޮރުމަތީ އޮތް ޓެކްސީއަށް އަރަން އުޅެފައި އަސްލަން މަޑުކޮށްލި އެވެ. އެ ދެ ލޮލުގެ ޒަރިއްޔާއިން ހިތާއި ސިކުނޑީގައި ރައްކާކުރަން ގަސްދުކުރާ މަންޒަރެއް ފަދައިން އަނބިމީހާއާއި ތިން ދަރީން އެކުގައި ތިބި ގޮތް އަސްލަން ބަލާލީ އެވެ.

"އަހަރެންގެ ފުރިހަމަ އަނތްބަކަށް ހަދާނަން... އަހަރެންނަށް އިންތިޒާރު ކުރައްޗޭ، އެނބުރި އައިސް ތި ހިތާއި ތިހަށިގަނޑު ވެސް އަހަރެންގެ މިލްކަކަށް ހަދާނަން." ހިތުގައި ޔަގީންކަމާއެކު އަސްލަން ހިނިތުންވެލި އެވެ. ފަނޑުވިޔަސް ނޯޔާގެ ތުންފަތުން ހިނިތުންވުން ފާޅުވެލި އެވެ. އެ ދެލޮލުން ހީވަނީ އަސްލަން ގާތު ނުދާށޭ ބުނެ އާދޭސްކުރާ ހެންނެވެ. ހިތަށް ބަޔާންކުރާން ނޭނގޭ އުނދަގުލެއް އަސްލަންއަށް އިހްސާސް ކުރެވެނީ އެހެންވެއެވެ. ޓެކްސީއަށް އަސްލަން އެރުމާއެކު އެ ދުއްވާލައިފިއެވެ.

އެންމެން އެތެރެއަށް ވަންނަން ހިނގައިގަތުމުން ނޯޔާއަށް ރިދާން ގޮވާލި އެވެ. ކައިރީގަ ހުރި ސަބީނާއަށް އަނުމް ދީފައި އައިސް ދިނުމަށް ރިދާން އެދުނެވެ. އޭނާ އިޝާރާތްކުރީ ދުރުގައި މަޑުކޮށްގެން ތިބި ދެ އަންހެން ކުދީންނަށެވެ. ވަރަށް ބޮޑު ކަމަކުކަން ރިދާން ބުނީ ނޯޔާ ހައިރާންވެފައި ހުރީމައެވެ. އަދި ގިނައިރެއްނުވާނޭ ވެސް ރިދާން ބުންޏެވެ.

"ރިދާން އެ ކިޔާ އެއްޗެއް އަޑުއަހާލަން ދޭބަލަ، ގެނޭ މަންމައަތަށް އެކުދީން ކައިރީ މަންމަ މަޑުކުރާނަން." ސަބީނާ ބުންޏެވެ. އޭނާ އަނުމް އުރާލައިގެން އައްޔޫބުމެންގެ ޢާއިލާ ގޮވައިގެން ގޭތެރެއަށް ވަދެގެން ހިނގައްޖެއެވެ.

ނޯޔާއާއި ރިދާން އެކަނިވުމުން ދުރުގައި ތިބި ދެ އަންހެން ކުދީން އެމީހުންގެ ގާތަށް އައެވެ. ރިދާން އަހާލީ އެއީ ކޮންބައެއްކަން ނޯޔާއަށް އެނގޭތޯއެވެ. އެމީހުންގެ މޫނަށް ފަރުވާތެރިކަމާއެކު ބަލާލާފައި ނޯޔާ ދެފަރާތަށް ބޯ ހޫރާލިއެވެ.

"މީ ރައުލާ... ދެން މީ އޭނާގެ ފްރެންޑެއް." ރިދާން ބުންޏެވެ. ނޯޔާގެ މޫނުން ދެން ވެސް ފާޅުވާން ހުރީ އެއީ ކޮންބައެއްކަން ނޭނގޭކަމުގެ އަސަރެވެ.

"އޯކޭ... ދަންނަންތޯ އަހާލީ، ދޭ ދެން އެތެރެއަށް." ރިދާން ބުންޏެވެ. ނޯޔާ އިތުރަށް ހައިރާންވި އެވެ. އެހެންވިޔަސް ސުވާލެއް ނުކޮށް އޭނާ ދޮރޯށިން އެތެރެއަށް ވަނީއެވެ.

ނޯޔާ ހޯދަން އޭނާ އުޅޭ ބަޔަށް ރިދާން އައީ އެރެ އެވެ. އޭރު އޭނާ އުޅުނީ ކުދީން ނިންދަވަން އެކޮޓަރިއަށް ވަދެއެވެ. ރިދާން އައުމުން ވާހަކަދައްކަން ނުހުރެވުނީ އެހެން ވެއެވެ. ކުދީންގެ ކަންކަންކޮށް ނޯޔާ ނިމެންދެން ރިދާން ބަހެއް ނުކިޔާ ސޯފާގައި އިނީއެވެ. ކުދީންގެ ކޮޓަރިން ނުކުމެ ބަދިގެއާއި ގޭތެރޭގެ މަސައްކަތްތައް ނިންމާފައި ނޯޔާ އައިސް ރިދާން އިން ސޯފާއާ ޖެހިގެން ހުރި ގޮނޑީގައި އިށީނެވެ.

"ކީއްވެފަ ތިއިނީ." ނޯޔާ އަހާލިއެވެ.

"އަހަރެންދެކެ ރުޅި އައިސްފަތަ؟" ރިދާން އަހާލި އެވެ.

"ނޫން..." ނޯޔާ ދެފަރާތަށް ބޯ ހޫރާލަމުން ބުންޏެވެ.

"މަންމަ ބުނި ނޯޔާ ކަމަކު ނުކިޔާނޭ، އެއީ ތެދެއް... އަހަރެން ވެސް ޤަބޫލު ކުރަން އެކަން، މެންދުރު މަލް ބަލާ އަހަރެން ގޮސްދޭނަން، ދެން މޯނިންގަ އަހަރެން އޮފީހަށް ދަމުން ސާރާ ބަލާ މިބަޔަށް އަންނާނަން، އެވަރު އަހަރެންނަށް ވެސް ކޮށްދެވޭނެ، އޯކޭ... މަންމަ މިވާހަކަތައް ހިފައިގެން ނޯޔާގެ ކައިރިއަށް އަންނާނެ އިނގޭ." ރިދާން ބުނެލިއެވެ.

"އެންމެ ރަނގަޅު." ނޯޔާ އެއްބަސްވި އެވެ.

"އަހަރެން އެހެން ވާހަކައެއް ވެސް ދައްކަންވެފަ އެބައޮތް." އިރުކޮޅަކު ހިމޭނުން އިނދެފައި ރިދާން ބުންޏެވެ. އެހެންޏާ ފެންނަ ރިދާނުގެ މިޒާޖަށް މިރޭ ބަދަލުތަކެއް އައިސްފަ އިންހެން ނޯޔާއަށް ވެސް ފާހަގަވިއެވެ.

"ބުނޭ..." ނޯޔާ ހުއްދަ ދޭ ފަދައަކުން ބުނެލި އެވެ.

"ނޯޔާ އެފެއާއެއް ހިންގަނީތަ؟" ރިދާން ކުރި ސުވާލާއެކު ނޯޔާގެ ދެ ލޯ ބޮޑުކޮށްލެވުނެވެ.

"ތި ދެ މީހުން ވެސްތަ؟... ދެން ކީއްވެ މެރީ ކުރީ؟، އަހަރެންނަށް އެނގޭ ތި ދެމީހުންގެ ޒާތީ ކަންކަމުގެ ތެރެއަށް އެހެންމީހުން ވަންނާކަށް ބޭނުމެއް ނުވާކަން، އަސްލަންބެއަށް އެހެން މީހަކު ކަމުދަންޏާ ނޯޔާއާ އިންނަން ބޭނުންވީ ސަބަބެއް ނުވިސްނުނު، އެންޑް ޔޫ... ކިހިނެއްވީ ކަމެއްމީ؟، ނޯޔާ ލައިކްވާ މީހަކު ފެނުނީތަ؟ މެރީކޮށްގެން ހުރެ އެހެން މީހެއްދެކެ ލޯބިވެވުނީތަ؟"

"ރިދާން ޕްލީޒް... ހާދަ ހަޑި ވާހަކައެކޭ ތި ދައްކަނީ." ނޯޔާއަށް ބުނެވުނީ ތަންކޮޅެއް ބާރަށެވެ. ނޯޔާގެ ފޯނު ރިންގުވީ އެވަގުތެވެ. ގުޅީ އަސްލަންއެވެ.

"މި ކޯލު އަހަރެން ނަގަން ޖެހޭނެ." ފޯނު ހިފައިގެން ގޮނޑިން ތެދުވިގޮތަށް ނޯޔާ ބުންޏެވެ. ރިދާން ދައްކަން އެ އުޅޭ ވާހަކަ މިފަހަރު އަޑުއަހަން ނޯޔާ ވެސް ބޭނުމެވެ. އޭނާ ފޯނުކޯލަށް ޖަވާބުދެމުން ނުކުތީ ބެލްކަންޏަށެވެ.

"އަދިވެސް ފްރީނުވޭތަ؟" އަސްލަން އަހާލި އެވެ.

"މިހާރު ފްރީ." ނޯޔާ ބުންޏެވެ. ކުދީން ނިދަން ތިބި ގަޑީ އަސްލަންއާ އެކުދީން ވާހަކަ ދައްކައި ނިމުމުން ނޯޔާ ފޯނުކޯލު ކަނޑާލަން އުޅުމުން އަސްލަން އެދުނީ މަސައްކަތްތައް ނިމުމުން އޭނާއަށް ގުޅުމަށެވެ. އަސްލަން އެގުޅީ ނޯޔާ ނުގުޅާ ގިނައިރު ވެގެންނެވެ.

"އަސްލަންބެތަ؟" ބެލްކަނީގެ ދޮރު ކައިރީ މަޑުކޮށްލި ރިދާން އަހާލި އެވެ.

"ކާކު؟... ރިދާން އައިސް އުޅެނީތަ؟" އަސްލަން އަހާލި އެވެ. ނޯޔާ ހޫން ލައްވާލީ އެވެ. ފޯނުން ވާހަކަދައްކަމުން ދިޔަ އަސްލަންއާއި ދޮރުކައިރީ ހުރި ރިދާނަށާ ދެ މީހުންނަށް އެކީގައެވެ.

"ރިދާން ކައިރީ ބުނަންވީނު ދާން، ނޯޔާ ވެސް ހުންނާނީ ވަރުބަލިވެފައެއްނު... ބުނޭ ނިދަން ދާންވެއްޖެޔޭ... ނޫނީ އަހަރެން ބުނަންތަ؟" އަސްލަން ނިކަން އަވަހަށް ވާހަކަދެއްކިއެވެ.

"ބުނާނަން، ކީއްކުރަނީ؟ ކޮންތާކު ތިހުރީ..." ނޯޔާ ވާހަކަ ދައްކަމުން ރިދާނަށް އަތުން އިޝާރާތްކުރީ ދުރަށް ދިއުމަށެވެ. އޭނާއާއި އަސްލަން ދައްކާ ވާހަކަ އަޑުއިވޭ ހިސާބުގައި ރިދާން ހުރުމުން ނޯޔާއަށް އުނދަގޫވަނީ އެވެ. ފާޑަކަށް ބަލަން ހުރެފައި ރިދާން އައިސް އިހު އިންހެން ސޯފާއި އިށީނެވެ.

"ތަން ބަދަލު ކުރީ، އެކަމަކު މިހާރު މިހުރީ އަތިރިމަތީގަ... ނޯޔާއާ ވާހަކަ ދައްކަން، އެނގޭތަ!، ހުސެން ދެ ދުވަސް ކުރީން ޗުއްޓީ ނެގިއޭ އަހަރެން ބުނީމެންނު، އަހަރެމެން އައިއިރު އޭނާ ހުރީ މިކޮޅުގަ، އޭނަ ކިޔާވަރުން ގެސްޓުހައުސްއިން ބަދަލުވީ، ހުސެންއާ ދެމީހުން މިތިބެނީ އޭނާގެ ރައްޓެއްސެއްގެ ގޭގަ ހުރި ކޮޓަރިއެއްގަ، ކެއުން ވެސް އެގެއިން ހަމަޖެހިއްޖެ." އަސްލަން ބުންޏެވެ. (ނުނިމޭ)