ހޮނިހިރު ދުވަހު އޮތް ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިހާބުގެ ބައެއް ވޯޓު ފޮށިތަކުގެ ނަތީޖާ ޝީޓްގެ އަދަދުތައް ދިމާނުވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފި އެވެ.
އެ ކޮމިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ 18 ވޯޓު ފޮއްޓެއްގެ ނަތީޖާ ޝީޓްގައި މައްސަލަތަކެއް ފާހަގަކުރެވިފައިވާތީ އެ ވޯޓު ފޮށިތައް އަލުން ގުނަން ނިންމާފައިވާ ކަމަށެވެ.
އެގޮތުން ބައެއް ފޮށިތަކުގެ ނަތީޖާ ޝީޓް ތައްޔާރު ކޮށްފައިވާ ގޮތުން ނަތީޖާތައް މުޅީން ސާފުނުވާ ކަމަށް ޝަރީފް މިއަދު ފާހަގަކުރެއްވި އެވެ. އޭގެ ތެރޭގައި ބައެއް ނަތީޖާ ޝީޓުތަކުގައި ވޯޓު ލީ މީހުންގެ ޖުމްލަ އަދަދާއި ބާތިލް ވޯޓާއި އަދި ސައްހަ ވޯޓު ދިމާނުވުމުގެ މައްސަލަ ހިމެނެ އެވެ.
ވޯޓް ޝީޓްތަކުގައި މައްސަލަ އުޅޭތީ އިލެކްޝަން ކޮމިޝަނުން މިއަދު ވަނީ ސެކިއުރިޓީ އުރަތައް ހުޅުވައި އެކަންތައްތައް ބަލަން މަސައްކަތް ކޮށްފައެވެ. އެކަން ކުރަން އުޅުނީ އެ ވޯޓު ފޮށިތަކަށް ވޯޓު ލީ ފަރާތްތަކުގެ މަސްލަހަތު ހިމެނޭ ފަރާތްތަކުގެ ހާޒިރުގައި ކަަމަށްވެސް އީސީން ބުނެއެވެ. ނަމަވެސް އިންތިހާބީ މަރުކަޒު ދޮށަށް އާންމުންނާއި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހިމެނޭގޮތަށް ބައެއް ސިޔާސީ ފަރާތްތައް އެއްވުމުން އެކަން ކެންސަލް ކުރީ ކަމަށް ޝަރީފް ވިދާޅުވި އެވެ.
އިންތިހާބީ މަރުކަޒުދޮށަށް އެއްވީ އިލެކްޝަންސް ކޮމިޝަންގެ މަސައްކަތްތަކަށް ހުރަސް އެޅުމަށް ކަމަށް އިދިކޮޅު ޕީޕީއެމާއި އެމްޑީޕީންވެސް އެއްބަޔަކު އަނެއް ބަޔަކަށް ދަނީ ތުހުމަތު ކުރަމުން ނެވެ. ނަމަވެސް ޝަރީފް މިއަދު ވިދާޅުވި ދެ ފަރާތުންވެސް ދައްކާ ވާހަކަތަކުގައި ހަގީގަތެއް ނެތް ކަމަށެވެ.
ޝަރީފް ވިދާޅުވީ ވޯޓުތައް އަލުން ގުނަން ނިންމީ ވަކި ބަޔަކު ހުށަހެޅި ޝަކުވާތަކަކާ ގުޅިގެން ނޫން ކަމަށެވެ. އަދި އެއީ ކޮމިޝަނުން ބެލިބެލުމުގައި ބައެއް ކަންތައްތައް ފާހަގަވެގެން ނިންމި ނިންމުމެއް ކަމަށެވެ.
ސިޔާސީ ޕަޓީތަކުން ހުށަހެޅި 21 ޝަކުވާއަކާއެކު ޖުމްލަ 89 ޝަކުވާ މިހާތަނަށް އީސީއަށް ލިބިފައިވާކަމަށްވެސް ޝަރީފް ވިދާޅުވިއެވެ. އޭގެ ތެރޭގައި ބާތިލް ވޯޓުތައް ގިނަވުމާއި ބައެއް ކެންޑިޑޭޓުންގެ ނަތީޖާތަކުގައި ވަރަށް ކުޑަ ފަރަގެއް ހުރުމުން އަލުން ގުނައިދޭން އެދި ހުށައަޅާފައިވާ ޝަކުވާތައްވެސް ހިމެނއެވެ.
ވޯޓު ފޮށިތަކެއް އަލުން ގުނުމަށް ތައްޔާރުވަމުން ދާއިރު ނިމިގެންދިޔަ ކައުންސިލް އިންތިހާބުގައި ބާތިލް ވޯޓު ގިނަކަން ފާހަގަކޮށް ޕީޕީއެމުން އިއްޔެ ވަނީ ބާތިލް ވޯޓުތައް ގުނާ ދިނުމަށް އެދިފަ އެވެ. އަދި މާލޭގެ ފަސް ދާއިރާ އަކާއި އައްޑޫ ސިޓީގެ ހަތަރު ދާއިރާއެއްގެ ވޯޓު ފޮށި އަލުން ގުނަން ބޭނުންވާ ކަމަށް ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ ވިދާޅުވެފަ އެވެ.