ދީން

ހުދު ރޮއްޖާއި ކަޅު ރޮދީގެ ވާހަކަ

ރޯދަމަހާ ގުޅިފައިވާ އެއްވާހަކައަކީ ހާރުކެއުމުގެ ވާހަކައެވެ. އަޅުގަނޑުމެންގެ ތެރޭގައި އެކި މީހުން އެކިވަގުތު ހާރުކައި އުޅެއެވެ. މެންދަމު ބާރަޖެހީއްސުރެ ގޮސް ފަތިސްނަމާދުގެ ވަގުތާއި ދެމެދުގެ އެކިވަގުތުގައި އެކިމީހުން ހާރުކައެވެ. އަދި ހާރު ނުކުވިއްޖެނަމަ ރޯދައަށް ނުހުރެވޭނެކަމުގައިވެސް ބައެއް މީހުން ދެކެއެވެ. ނަމަވެސް އެއީ ކުށް ހީއެކެވެ. ހާރު ނުކެވުނު ނަމަވެސް އަނެއްދުވަހު ރޯދައަށް ހުރެފިނަމަ، އެރޯދަ ޞައްޙަވާނެއެވެ.

ކީރިތި ޤުރްއާނުގައި މާތް ﷲ ވަނީ ރޯދައަށް ހުރުމުގެ ވަގުތު ބަޔާންކޮށްދެއްވާފައެވެ. އެއިލާހު ވަޙީކުރައްވާފައިވެއެވެ. " وَكُلُوا وَاشْرَبُوا حَتَّى يَتَبَيَّنَ لَكُمُ الْخَيْطُ الأَبْيَضُ مِنَ الْخَيْطِ الأَسْوَدِ مِنَ الْفَجْرِ ثُمَّ أَتِمُّوا الصِّيَامَ إِلَى اللَّيْلِ" (البقرة 187) މާނައީ: "އަދި ތިޔަބައިމީހުން ކައިބޮއި އުޅޭށެވެ! ފަޖުރުގެ ސަބަބުން ރޭގަނޑުގެ އަނދިރިކަމުގެ ތެރެއިން ފަތިހުގެ އަލިކަން ފާޅުވެ އެނގިއްޖައުމަށް ދާނދެނެވެ. ދެން އެއަށްފަހު، ރޭވެއްޖައުމަށް ދާނދެން ތިޔަބައިމީހުން ރޯދަ ފުރިހަމަ ކުރާށެވެ!"

ރޯދައިގެ އަޅުކަމުގެ ވަގުތަކީ ފަޖުރުއްޞާދިޤުގެ އަލިކަން ފާޅުވީއްސުރެ، ގޮސް އިރު އޮއްސުމާ ހަމައަށެވެ. ވީމާ، ފަޖުރުގެ އަލިކަން ފާޅުވުމާ ހަމައަށް، ކެއިންބުއިން އެވަނީ ހުއްދަ ކުރައްވާފައެވެ. މިއާޔަތުގައި ހިމެނޭ ބައެއް ލަފުޒުތަކަށް ވިސްނައިލާއިރު، ރޭގަނޑުގެ ވާހަކަ ބަޔާން ކުރެއްވުމަށް الْخَيْطِ الأَسْوَدِ އޭވަނީ ވަޙީކުރައްވާފައެވެ. އެއީ ކަޅު ރޮދިފަށެވެ. އަދި ދުވާލުގެ އަލިކަމަށް الْخَيْطُ الأَبْيَضُ އޭވަނީ ވަޙީކުރައްވާފައެވެ. އެއީ ހުދު ރޮދިފަށެވެ.

މި އާޔަތުގެ ލަފުޒީ ތަރުޖަމާއަކީ، ރޯދައަށް ހުނަ ދުވަހުގެ ރޭގަނޑުގެ ވަގުތުގައި، ހުދު ރޮއްޖާއި ކަޅު ރޮދީގެ ތެރެއިން ހުދު ރޮދި ވަކިކުރާން އެންގެންދެން ތިޔަބައިމީހުން ކައިބޮއިއުޅޭށެވެ. މި ބަސްފުޅުގެ މާނައަކީ ރޭގަނޑުގެ އަދިރިކަމުގެ ތެރެއިން ފަތިހުގެ ހަލިކަން ފާޅުވުމާ ހަމައަށް، ރޭގަނޑު ކައިބޮއި އުޅުން ހުއްދަވެގެންވާކަމެވެ. ނަމަވެސް މި ހުދު ރޮއްޖާއާއި ކަޅު ރޮއްޖަކީ ކޮބައިކަން ބައެއް ޞަޙާބީންނަށް އޮޅިވަޑައިގެން، އޭގެ ލަފުޒީ މާނައަށް ޢަމަލު ކުރެއްވިކަން ޙަދީޘްތަކުން ސާބިތުވެއެވެ.

ޞަޙީހުލްބުޚާރީއާއި މުސްލިމްގައި ރިވާވެގެންވެއެވެ. ސަހުލު ބުނު ސަޢީދު رضي الله عنه ވިދާޅުވިއެވެ. " ﴿وَكُلُوا وَاشْرَبُوا حَتَّى يَتَبَيَّنَ لَكُمْ الْخَيْطُ الأَبْيَضُ مِنْ الْخَيْطِ الأَسْوَدِ﴾ މިއާޔަތް އެންމެ ފުރަތަމަ ބާވައިލެއްވުނު އިރު، (مِنْ الْفَجْرِ) މި ކަލިމަ ބާވައި ނުލައްވައެވެ. ވީމާ ބައެއް މީހުން ރޯދައަށް ހުންނަން ބޭނުންވީމާ، ރޯދައަށް ހުންނަ ދުވަހުގެ ރޭގަނޑު ހުދު ރޮއްޖަކާއި ކަޅު ރޮއްޖެ ފައިގައި އައްސައެވެ. ދެން އެ ދެރޮދީގެ ތެރެއިން ހުދު ރޮދި ފާހަގަވާވަރަށް ދުވާލުގެ އަލިކަން ފާޅުވަންދެން ކައިބޮއި އުޅުނެވެ. ދެން މާތް ﷲ، އެއާޔަތުގެ ތެރެއިން (مِنْ الْفَجْرِ) މިކަލިމި ބާވައިލެއްވުމުން، އެބަސްފުޅުގައިވާ ހުދު ރޮއްދީގެ މާނައަކީ ދުވާލު ކަމާއި، ކަޅު ރޮދީގެ މާނައަކީ ރޭގަނޑުކަން އެނގިގެން ދިޔައެވެ."

ޢަދިއްޔު ބުނު ހާތިމު رضي الله عنه އަށްވެސް މި އާޔަތުގެ މާނަ ވިސްނިވަޑައިގަތީ އެފަދަ ގޮތަކަށް ކަމުގައި ރިވާވެފައިވެއެވެ. ޞަޙީޙުލް ބުޚާރީގައި ރިވާވެފިއިވާ ޙަދީޘްގައި ޢަދިއްޔު ވިދާޅުވެފައިވެއެވެ. "ހުދު ރޮއްޖާއި ކަޅު ރޮދީގެ ވާހަކަ ބާވައިލެއްވުމުން ތިމަންކަލޭގެފާނުގެ ބާލީހުގެ ދަށަށް ހުދު ރޮދި ފަށަކާއި ކަޅު ރޮދިފަށެއް ލެއްވީމެވެ. އަދި ރޭގަނޑުގެ އަދިރިކަމުގެ ތެރޭގައި އެދެ ރޮދިފަށް ވިކިކުރާން އެނގޭތޯ ބެއްލެވީމެވެ. ދެން އަނެއް ދުވަހު ރަސޫލު ﷲ صلى الله عليه وسلم ގެ އަރިހަށްގޮސް އެވާހަކަ ދެންނެވުމުން، އެބަސްފުޅުގެ މުރާދަކީ ރޭގަނޑުގެ އަދިރިކަމާއި ދުވާލުގެ އަލިކަން ކަމުގައި ބަޔާންކޮށްދެއްވިއެވެ. އަދި ޙަދީޘް ކުރެއްވިއެވެ. " إِنَّ وِسَادَكَ إِذًا لَعَرِيضٌ أَنْ كَانَ الْخَيْطُ الأَبْيَضُ وَالأَسْوَدُ تَحْتَ وِسَادَتِكَ" "ހުދު ރޮއްޖާއި ކަޅު ރޮދި ތިބާގެ ބާލީހުގެ ދަށަށް ލެވެންޏާ އެ ބާލީސް ހައުދަހައި ފުޅާ ވާނެތާއެވެ." އެބަހީ ރޭގަނޑުގެ އަދިރިކަމާއި، އުޑުމަތިން ފާޅުވާ ފަޖުރުގެ އަލިކަން އެކަލޭގެފާނުގެ ބާލީހުގެ ދަށަށް ލެއްވޭ ވަރަށްވުރެން މާފުޅާވެގެންވެއެވެ.

ހުދު ރޮއްޖާއި ކަޅު ރޮދީގެ މާނަ ބައެއް ޞަޙާބީންނަށް އޮޅިވަޑައިގަތީ ޢަރަބީންގެ ތެރޭގައިވެސް ބައެއް މީހުން އެ ދެ ލަފުޒު ރޭގަނޑާއި ދުވާލުގެ މާނައިގައި ބޭނުންކޮށް ނޫޅޭތީއެވެ. އަލްޙާފިޒު އިބްނު ޙަޖަރު رحمه الله ވިދާޅުވެފައިވެއެވެ. "ޢަދިއްޔު رضي الله عنه ގެ ގައުމުގެ މީހުން، الْخَيْطُ الأَبْيَضُ ހުދު ރޮދި، ފަތިހުގެ އަލިކަމުގެ މާނައިގައި ބޭނުންކޮށް ނޫޅެނީ ކަމުގައިވެދާނެއެވެ."

އަލްއިމާމުއް ނަވަވީވެސް މިފަދައިން ވިދާޅުވެފައިވެއެވެ. "ކަޅު ރޮދީގެ މާނަ އޭގެ ބޭރުފުށުގެ މާނައަށް ވިސްނިވަޑައިގެންނެވި ޞަޙާބީންނަކީ ރައްފުށު ހިސާބުތަކުގެ ބޭކަލުންނަށް ވުމާއި، އެބޭބޭކަލުންގެ ގައުމުގެ މީހުން އެ ލަފުޒަކީ ރޭނގަޑުގެ މާނައިގައި ބޭނުންކޮށް އުޅޭ ލަފުޒެއްކަމުގައި ނުވާތީ އެބަހުގެ މާނަ އޮޅިވަޑައިގަތީއެވެ."

ކީރިތި ޤުރްއާނަކީ ޢަރަބި ބަހުން ބާވައިލެއްވުނު މާތް ﷲ ގެ ކަލާމްފުޅެވެ. ވީމާ، އެ ފޮތުގެ މާނަ ދެނެގަތުމުގައި ޢަރިބީންގެ ބަހުރުވައިގައި ހުރި ތަފާތުތައްވެސް ދެނެގަންނަން ޖެހެއެވެ. އަޅުގަނޑުމެން، މި ބަރަކާތްތެރި ރަމަޟާންމަހު ކީރިތި ޤުރްއާން ކިޔަވައި އުޅޭއިރު އޭގެ މާނަޔާއެކުގައި ކިޔެވުން އެދެވިގެންވެއެވެ.

ހާރުކެއުމަކީ ސުންނަތް ވެގެންވާ ކަމެކެވެ. ހާރުކެއުން ލަސްކުރުމަކީ އެންމެ ހެޔޮވެގެންވާ ގޮތެވެ. އަދި ހާރުކެއުމުގައި ބަރަކާތް ލައްވާފައިވާ ކަމުގައިވެސް ނަބިއްޔާ صلى الله عليه وسلم ގެ ސުންނަތުން އެނގެއެވެ. ވީމާ، މި ސުންނަތް އަދާކުރުމަށް ފަރުވާތެރިވެލައްވާށެވެ.