ބޮލީވުޑް

ކަރީނާ އާއި ކަރަން ނުވަ މަސް ދުވަހު ވާހަކަ ނުދައްކާ ތިބި

ޕްރޮޑިއުސަރު-ޑައިރެކްޓަރު ކަރަން ޖޯހަރް އާއި ކަރީނާ ކަޕޫރު އެކުގައި ބޮލީވުޑް ގިނަ ފިލްމުތަކެއްގައި މަސައްކަތް ކޮށްފައި ވެއެވެ. ދެ މީހުންނަކީ ވެސް ބޮލީވުޑްގެ ފުންނާބު އުސް އާއިލާތަކަށް ނިސްބަތްވާ ދެ މީހުންނެވެ. އަދި ކެރިއަރުގެ ވަރަށް ކުރީކޮޅުން ފެށިގެން ގާތް އެކުވެރިކަމެއް ވެސް ދެ މީހުންގެ މެދުގައި އޮވެ އެވެ.

ނަމަވެސް މީގެ އެތައް އަހަރެން ކުރިން އެއް ފަހަރަކު ދެ މީހުން އަރާރުންވެފައި އެކަކު އަނެކަކާ ވާހަކަ ނުދައްކާ ނުވަ މަސް ދުވަހު ތިއްބެވެ. ކަރަންގެ އޮޓޯބައިގްރޮފީ "ދި އަންސުއިޓެބަލް ބޯއީ" ގައި މި ވާހަކައިގެ ތަފްސީލު ވެސް ގެނެސްދީފައި ވެއެވެ. އެ ފޮތުގައި ކަރަން ލިޔެފައިވާ ގޮތުގައި ކަރީނާ އާ ދެމެދު ފުރަތަމަ ޖެހުނު މައްސަލައަކީ މާ ގިނަ ފައިސާ ހޯދަން ކަރީނާ އުޅުނީމަ ޖެހުނު މައްސަލަ އެކެވެ.

އެ ދުވަސްވަރަކީ ކަރަން ޕްރޮޑިއުސްކޮށް ކުނާލް ކޯލީ ޑައިރެކްޓްކުރި "މުޖްސޭ ޝާދީ ކަރޯގޭ" ރިލީޒްކޮށް އެ ފިލްމު ފްލޮޕްވީ ދުވަސްވަރެވެ. އޭރު ކަރަން ތައްޔާރުވަމުން ދިޔައީ ޝާހްރުކް ޚާނާއެކު "ކަލް ހޯ ނަ ހޯ" ގެ ޝޫޓިން ފެށުމަށެވެ. މި ފިލްމުގެ ބަތަލާ އަކަށް ކަރީނާ ހަދަން ކަރަން ބޭނުންވެ ކަރީނާއަށް ފިލްމު ހުށަހެޅި އެވެ.

"ކަރީނާ މަށާ ދިމާލަށް ބުނި އަދިތުޔާ ޗޯޕްޅާގެ އެސިސްޓެންޓް ކުނާލް ކޯލި އުފެއްދި ފިލްމު ވެސް ވީ ފްލޮޕޭ. އެހެންވީމަ ކަރަން ޖޯހަރްގެ އެސިސްޓެންޓް ނިކިލް އަދުވާނީ އުފައްދާ ފިލްމަކަށް އިތުބާރު ކުރާނީ ކިހިނެއްހޭ؟" ކަރަންގެ އޮޓޮބައިގްރޮފީގައި އޭނާ ލިޔެފައި ވެއެވެ.
ޑައިރެކްޓަރަށް އިތުބާރު ނުކުރެވޭތީ "ކަލް ހޯ ނަ ހޯ" ކުޅެވޭނީ ޝާހްރުކް އަށް ދޭ ވަރަށް އޭނާއަށް ވެސް ފައިސާ ދޭނަމަ ކަމަށް ކަރަން ކައިރީގައި ކަރީނާ ބުނި ކަމަށް ވެއެވެ.

"އަހަރެން ބުނިން ސޮރީ އޭ ތި ކަމެއް ނުވާނޭ،" ކަރަން ލިޔެފައި ވެއެވެ. ކަރީނާ މިގޮތަށް ޑިމާންޑްކުރުމުން ކަރަން އައި ރުޅީގައި ޕްރީތީ ޒިންޓާ އަށް އެ ފިލްމު ދިނީ އެވެ.

"އަހަރެންނަށް ހަގީގަތުގައި ވެސް ވަރަށް އަސަރު ކުރި. އަހަރެން ބައްޕަ ކައިރީ ބުނިން ކަރީނާ އާ ދެން އިތުރަށް މި ކަމާ ގުޅޭ މަޝްވަރާއެއް ނުކުރާނަމޭ. އަހަރެން ގުޅީމަ ކަރީނާ ފޯނެއް ވެސް ނުނެގި. އެހެންވެ އޭނާ ފިލްމަށް ނުނަގަން ނިންމީ،" ކަރަން ލިޔެފައި ވެއެވެ.

ޕްރީތީ ލައްވާ ފިލްމު ކުޅެން ސޮއިކުރުވިޔަސް ކަރީނާ ކަންތައް ކުރި ގޮތުން ކަރަން ހުރީ ވަރަށް ހިތްހަމަނުޖެހިފަ އެވެ. އެހެންވެ އަހަރެއްހާ ދުވަހު އޭނާ ކަރީނާއާ އެއްގޮތަކަށް ވެސް ވާހަކަ ނުދައްކާ ހުއްޓެވެ. ޕާޓީ އަކުން ދިމާވިޔަސް ދެ މީހުން އެކަކު އަނެކަކަށް ނުފެންނަ ކަމަށް ހަދައިގެން އުޅުނު ކަމަށް ކަރަން ބުންޏެވެ.

"ކަލް ހޯ ނަ ހޯ" ގެ ޝޫޓިން ކަރަން ފުރިހަމަކުރީ 2003 ގެ ޖޫން އިން ފެށިގެން ސެޕްޓެމްބަރުގެ ނިޔަލަށެވެ. އަދި ފިލްމު ރިލީޒްކުރަން ނިންމީ އެ އަހަރުގެ ނޮވެމްބަރު މަހު އެވެ.

ފިލްމުގެ މަސައްކަތުގައި ކަރަން އަވަދިނެތި އުޅުނު ދުވަސްވަރަކީ އޭނާގެ ބައްޕަ އެންމެ ބޮޑަށް ބަލިވެ ނިއު ޔޯކްގައި ފަރުވާ ހޯދަމުންދިޔަ ދުވަސްވަރު ވެސް މެއެވެ.

"އޮގަސްޓް މަހު އެއް ދުވަހަކު ކަރީނާ އަހަންނަށް ގުޅީ. އޭރު އަހަރެމެން ވާހަކަ ނުދައްކާތާ ނުވަ ވަރަކަށް މަސް ވެއްޖެ. ކަރީނާ ބުނި ބައްޕަ ބަލިވެ އުޅޭ ވާހަކަ އިވިފައި ވަރަށް ދެރަވެއްޖެޔޯ. އޭނާ ފޯނުން ވާހަކަ ދެއްކިއިރު ވެސް ވަރަށް ދެރަވެފައި ހުރިކަން އެނގުނު. އެހާ ގިނަ ދުވަހު ނުގުޅާ ޚަބަރު ނުބަލާ ހުރެވުނީތީ ވަރަށް ދެރަވެއްޖެޔޯ ސޮރީ އޭ ވެސް ބުނެ ވަރަށް ލޯބިވެޔޯ ވެސް ކަރީނާ އެ ދުވަހު ބުނި،" ކަރަންގެ ގޮތުގައި ލިޔެފައި ވެއެވެ.

އެ ފަހަރު ސުލްހަވީ ގޮތަށް ކަރީނާ އާއި ކަރަންގެ ގާތް އެކުވެރިކަން މިއަދާ ހަމައަށް ވެސް އެބައޮތެވެ. ކަރަންގެ ދަރްމާ ޕްރޮޑަކްޝަންސްގެ ވަރަށް ގިނަ ފިލްމުތަކުގައި އޭގެ ފަހުން ކަރީނާ ވަނީ މަސައްކަތް ކޮށްފަ އެވެ. އަދި މިހާރު އިއުލާން ކޮށްފައިވާ ކަރަންގެ ޑްރީމް ޕްރޮޖެކްޓް "ތަޚުތު" ގައި ވެސް ކަރީނާ ބައިވެރިވެ އެވެ. ނަމަވެސް މި ފިލްމު މިހާރު ވަނީ ކޮވިޑް-19 ޕެންޑެމިކް އާ ހެދި ވަކި މުއްދަތެއް ނެތް ގޮތަކަށް ފަސްކޮށްފަ އެވެ.