ވިޒިޓް މޯލްޑިވްސް

ސްޕެއިންގެ ޕާސްޕޯޓާ އެޕާއެކު ރާއްޖެ އިސްތިހާރު ކުރަނީ

Apr 14, 2021

ސްޕެއިންގެ ޓްރެވަލް އެޕްލިކޭޝަނެއް ކަމަށްވާ ޕާސްޕޯޓާ އެޕާއެކު ރާއްޖެ އިސްތިހާރު ކުރުމުގެ ހަރަކާތް ތަކެއް ފަށައިފި އެވެ.

ރާއްޖެ އިސްތިހާރު ކުރުމުގެ ޒިންމާ އުފުލާ މޯލްޑިވްސް މާކެޓިން އެންޑް ޕީއާރް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އިން ބުނީ ޕާސްޕޯޓާ އެޕާއެކު ފެށި ކެމްޕޭން ހަރަކާތުގެ ބައެއްގެ ގޮތުން އެ ގައުމުގެ ޓްރެވަލް އަދި ލައިފް ސްޓައިލް އިންފްލުއެންސާގެ ގޮތުގައި ތިން މީހަކު ވެސް ރާއްޖެ ގެނެސްފައިވާ ކަމަށެވެ.

އެ މީހުން ރާއްޖޭގައި ތިބޭނީ މިމަހުގެ 13 އިން 20 ގެ ނިޔަލަށެވެ. އެ މީހުން ރާއްޖޭގައި ތިބޭނީ ކޮކޫން މޯލްޑިވްސް އާއި ފުށިފަރު އަދި ކުރަމަތި އައިލެންޑް ރިސޯޓުގަ އެވެ.

ޕާސްޓްޕޯޓް އެޕަކީ ގިނަ ބަޔަކު ބޭނުން ކުރާ ޓޫރިސްޓުންނާ ގުޅުވައިދޭ އެޕެކެވެ. މި އެޕް މިހާރު ވެސް ފަސް ލައްކައަށް ވުރެ ގިނަ މީހުން ބޭނުން ކުރަމުން ގެންދާއިރު 82،000 އަށްވުރެ ގިނަ މީހުން އިންސްޓަގްރާމުން މި އެޕް ފޮލޯ ކުރެ އެވެ.

ސްޕެއިން އިން ކޮންމެ އަހަރަކު ވެސް ރާއްޖެއަށް ގިނަ އަދަދެއްގެ ޓޫރިސްޓުން އާދެ އެވެ. އެގޮތުން 2019 ވަނަ އަހަރު 36،064 މީހުން ރާއްޖެ އައިސްފައިވެ އެވެ. ރާއްޖޭގެ ބޯޑަރު މިދިޔަ އަހަރުގެ ޖުލައި 15 ގައި ހުޅުވިފަހުން އެ ގައުމުން 4،307 ޓޫރިސްޓުން އައިސްފައިވެ އެވެ.