ދުނިޔެ

އިޒްރޭލު ބޯޓަކަށް އަނެއްކާ ވެސް މިސައިލް ހަމަލާއެއް

އިޒްރޭލްގެ މުދާ އުފުލާ ބޯޓަކަށް ޔޫއޭއީ ކަނޑުގެ ސަރަހައްދުން އަނެއްކާ ވެސް މިސައިލް ހަމަލާއެއް ދީފި އެވެ. މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން މިސައިލް ހަމަލާ އެރިއިރު ބޯޓު އޮތީ ޔޫއޭއީގެ ޕޯޓް ފުޖައިރާގެ ބޭރުގަ އެވެ.

އިޒްރޭލުން ބުނަނީ އެ ހަމަލާ ދިނީ އީރާނުން ކަމަށެވެ. ޓެލްއަވީވް ޓިވީ، ޗެނަލް 12 އިން ބުނީ ހަމަލާގެ ފަހަތުގައި ވަނީ އީރާން ކަމަށެވެ. އިޒްރޭލުގެ ސެކިއުރިޓީ އޮފިޝަލަކު ޗެނަލް 12 އަށް މައުލޫމާތު ހިއްސާކުރި ކަމަށް ވެސް ވަނީ ބުނެފަ އެވެ.

މި ހަމަލާގައި މީހަކަށް ގެއްލުން ނުވި ނަމަވެސް ބޯޓަށާއި މުދަލަށް ގެއްލުން ލިބުނު ކަމަށް އިޒްރޭލުން ބުނެ އެވެ. މިކަމާ ގުޅިގެން އިޒްރޭލުން އަދި ރަސްމީ ޖަވާބެއް ނުދެ އެވެ.

އީރާނާއި އިޒްރޭލް މިފަކުން ވަނީ އަނެއްކާވެސް ގިނައިން ތޮޅެން ފަށާފަ އެވެ. އެއްބަޔަކަށް ހަމަލާ ދީނީ އަނެއް ބަޔަކު ކަމަށް އަންނަނީ ބުނަމުންނެވެ. އީރާންގެ ނަތަންޒް ނިއުކްލިއާ މަރުކަޒުގައި އެއްޗެއް ގޮއްވާލައި ކަރަންޓް ކަނޑާލުމަކީ އިޒްރޭލުން ރާވައިގެން ހިންގި ޓެރަރިސްޓް ހަމަލާއެއް ކަމަށް އީރާނުން ވަނީ ބުނެފަ އެވެ. އަދި އެކަަމަށް ބަދަލު ހިފާނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ.