ދުނިޔެ

ނަތަންޔާހޫ އަބޫދާބީގައި ޔޫއޭއީގެ ވަލީއަހުދާ ބައްދަލުކުރައްވަނީ

އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމީން ނަތަންޔާހޫ އަންނަ ހަފުތާގައި ޔުނައިޓެޑް އަރަބް އެމިރޭޓްސް އަށް، ވަޑައިގަންނަވާނެ ކަމަށް އިޒްރޭލު މީޑިއާއިން ބުނެފި އެވެ. މިއީ މިދިއަ އަހަރު އޯގަސްޓްގައި "އަބްރަހަމް އެކޯޑްސް" ގެ ވާހަކަތައް ދެކެވެން ފެށި ފަހުން ޔޫއޭއީއަށް ބޮޑުވަޒީރު ކުރައްވާ ފުރަތަމަ ދަތުރެވެ.

"އަބްރަހަމް އެކޯޑްސް" އަކީ ޓްރަމްޕް އިސްކޮށް ހުންނަވައި އިޒްރޭލާ އަރަބި ގަލްފު ގައުމުތައް އެކުވެރިކުރުވުމަށް އެކެލަވާލި އެއްބަސްވުމެކެވެ. މި އެއްބަސްވުމުގެ ދަށުން އެމިރޭޓްސް އާއި ސޫދާން، މޮރޮކޯ އަދި ބަހްރޭނުން ވަނީ އިޒްރޭލާ ގުޅުން ބަދަހި ކޮށްފަ އެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ނަތަންޔާހޫގެ މި ދތަރުގައި ޔޫއޭއީގެ ވަލީއަހުދު، ޝައިހް މުހައްމަދު ބިން ޒައިދު އަލް ނަޙްޔާންއާ ބައްދަލު ކުރައްވާނެ އެވެ. ދެ ބޭފުޅުންގެ މައިގަޑު މައުލޫއަކަށް ވާނެ ކަމަށް މީޑިއާގައި ބުނެވެނީ އީރާނެވެ.

އެމެރިކާގެ ވެރިކަން ބަދަލުވި ފަހުން ނަތަންޔާހޫ އުޅުއްވަނީ ފައިންޕުޅަށް ހިނި އަރާތީ އެވެ. އެއީ އެމެރިކާގެ ރައީސް، ޖޯ ބައިޑަން ވިދާޅުވާ ވިދާޅުވުމެއްގެ ސަބަބުންނެވެ. ބައިޑަން ވިދާޅުވީ އީރާނާއެކު ނިއުކްލިއާ އެއްބަސްވުމަށް މަޝްވަރާ ކުރައްވަން ޝައުގުވެރިވެ ވަޑައިގަންނަވާ ކަމަށާއި އީރާނުން ނިއުކްލިއާ ބޮމެއް އުފައްދަން ކުރާ މަސައްކަތްތައް ކޮންޓްރޯލް ކުރެވޭނީ މޭޒު ދޮށުން ކަމަށެވެ.

އެމެރިކާއިން އީރާނާ މަޝްވަރާ ކުރުމަކީ އިޒްރޭލް ބޭނުންވާ ގޮތެއް ނޫނެވެ. އިޒްރޭލުން ބޭނުން ވަނީ ޓްރަމްޕް އަމަލު ކުރެއްވި ގޮތަށް ބައިޑަން ވެސް އީރާނަށް ގަދަފަދަ ހަރުކަށި ފިޔަވަޅުތައް އެޅުއްވުމަށެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ނަތަންޔާހޫ މިދަތުރުކުރައްވަން އުޅުއްވާތާ ދުވަސްތަކެއް ވެއްޖެ އެވެ. އެހެން ނަމަވެސް ކޮވިޑާ ހެދި ވަނީ ލަސްކުރަން ޖެހިވަޑައިގެންފަ އެވެ. އަނެއްކޮޅުން އިޒްރޭލުގައި ސިޔާސީ މަސްރަހު އޮތީ ވެސް ބޮޑުވަޒީރަށް މަސްލަހަތު ގެއްލިދާ ފަދަ ގޮތަކަށެވެ.