ލޯކަލް ކައުންސިލްތަކުގެ އިންތިހާބު

މިސްރާބު ހުރީ ރަށްވެހި ފަތިހަކާ ދިމާލަށް: ނަޝީދު

ލޯކަލް ކައުންސިލް އިންތިހާބުގެ ނަތީޖާ ދައްކާ ގޮތުން ރާއްޖޭގެ ސިޔާސީ މަސްރަހުގެ މިސްރާބު ހުރީ ރަށްވެހި ފަތިހަކާ ދިމާލަކަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅު ވެއްޖެ އެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ ކައުންސިލް އިންތިހާބަށްފަހު މިއަދު ބޭއްވި މަޖިލީހުގެ ފުރަތަމަ ޖަލްސާގައި އެ އިންތިހާބާ ގުޅޭގޮތުން އެމަނިކުފާނު އެއްވެސް އެއްޗެއްް ވިދާޅުވެފައި ނުވާތީ އިދިކޮޅު ޕީއެންސީގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އެކަން ރައީސް ނަޝީދުގެ ސަމާލު ކަމަށް ގެނައުމުންނެވެ.

އެކަމާ ގުޅިގެން ރައީސް ނަޝީދު ވިދާޅުވީ އިންތިހާބުގައި ވަކި ޕާޓީއަކަށް ލިބުނު ނަތީޖާއެއް ފާހަގަ ކުރައްވާ އެމަނިކުފާނު އެ ވާހަކަ މަޖިލީހުގައި ދެއްކެވުން އެއީ ކޮން ކަހަލަ ކަމަކަށް ވެދާނެތޯ ވިސްނަވާލެއްވުމުގެ ގޮތުން އެއްޗެއް ނުދެންނެވީ ކަމަށެވެ.

ނަމަވެސް ތަޅުމުގައި މެންބަރަކު އެކަން ފާހަގަ ކުރެއްވުމާ ގުޅިގެން ރައީސް ނަޝީދު ވަނީ އިންތިހާބާ ގުޅޭގޮތުން އެމަނިކުފާނު ދެކެވަޑައިގަންނަވާ ގޮތް ވިދާޅުވެފަ އެވެ. ރައީސް ނަޝީދު ވިދާޅުވީ ކުރީގެ އިންތިހާބު ތަކުގެ ނަތީޖާތަކާ އަޅާބަލާއިރު ނިމިގެން ދިޔަ ކައުންސިލް އިންތިހާބުގައި ވެސް މާބޮޑު ތަފާތެއް އެމަނިކުފާނަށް ފެނިވަޑައި ނުގަންނަވާ ކަމަށެވެ. ނަމަވެސް ކުރިން ޕީޕީއެމަށް ކާމިޔާބު ކުރެވިފައި ނެތް ބައެއް ދާއިރާތައް އެ ޕާޓީން މި އަހަރުގެ އިންތިހާބުގައި ކާމިޔާބު ކުރި ކަންވެސް ފާހަގަ ކުރެއްވި އެވެ.

"ހާއްސަކޮށް މާލޭގެ ނަތީޖާ، މާލޭގެ މޭޔަރު ކަން ޕީޕީއެމުން ވަނީ ކާމިޔާބު ކޮށްފައި،" ރައީސް ނަޝީދު ވިދާޅުވި އެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ ރާއްޖޭގެ ލޯކަލް ކައުންސިލް އިންތިހާބުގެ ނަތީޖާއިން ދައްކުވައި ދެނީ ރާއްޖޭގެ ސިޔާސީ މަސްރަހު ތޮބީއަތާ އެއްގޮތަށް މިސްރާބް ޖަހާފައިވާ މަންޒަރު ކަމަށެވެ. އަދި އެ މިސްރާބް ހުރީ ރަށްވެހި ފަތިހަކަށް ކަމުގައި ވެސް ވިދާޅުވި އެވެ.

"ރަށްވެހި ފަތިސް" އެއީ ކައުންސިލް އިންތިހާބުގައި އެމްޑީޕީން މި ފަހަރު ބޭނުން ކުރި ކެމްޕޭން ސްލޯގަން އެވެ.

ލޯކަލް ކައުންސިލް އިންތިހާބުގެ ވޯޓުލުން އޮތީ މިމަހުގެ 10 ވަނަ ދުވަހު އެވެ. ނަމަވެސް ބައެއް ވޯޓު ފޮށިތައް އަލުން ގުނަން ހުށަހަޅާފައިވާތީ އިންތިހާބުގެ ވަގުތީ ނަތީޖާ ދި އިއުލާންކޮށްފައެއް ނުވެ އެވެ.