ރައްޔިތުންގެ މަޖިލިސް

ރެވެނިއު ސްޓޭމްޕް ޖެހުން އުވާލުމުގެ ބިލް ބަލައިގަނެ ކޮމެޓީއަށް

އެކިއެކި ލިޔުންތަކުގައި މިހާރު ޖަހަމުންދާ ރެވެނިއު ސްޓޭމްޕް ޖެހުމުގެ ގާނޫނު އުވާލަން ހުށަހެޅި ބިލް މަޖިލީހަށް ބަލައިގަނެ އެ ބިލް އިތުރަށް ދިރާސާކުރަން މުޅި މަޖިލީހުގެ ކޮމެޓީއަށް ފޮނުވައިފި އެވެ.

ސަރުކާރުގެ ފަރާތުން މެދު ހެންވޭރު ދާއިރާގެ މެމްބަރު އަދި މެޖޯރިޓީ ލީޑަރު އަލީ އާޒިމް ހުށަހަޅުއްވާފައިވާ ބިލާ ގުޅޭ ގޮތުން މިއަދު މަޖިލީހުގެ ތަޅުމުގައި ނެގި ވޯޓުގައި އެ ބިލް ކޮމެޓީއަށް ފޮނުވަން 55 މެމްބަރަކު ވޯޓު ދެއްވި އެވެ.

ރެވެެނިއު ސްޓޭމްޕް ޖެހުމުގެ ގާނޫނަކީ 1970 ވަނަ އަހަރުން ފެށިގެން އަމަލުކުރަމުންދާ ގާނޫނެކެވެ.

ނަމަވެސް ރެވެނިއު ސްޓޭމްޕް ޖެހުމުގެ ނިޒާމު ހިންގުމަށް މިހާރު ހިނގާ ހަރަދާ ބަލާއިރު އެކަމުގެ ތެރެއިން އެކަށީގެންވާ އާމްދަނީއެއް ލިބެމުން ނުދާ ކަމަށް ސަރުކާރުން ބުނެއެވެ. އަދި ރެވެނިއު ސްޓޭމްޕް ޖެހުން ހުއްޓާލިޔަސް ދައުލަތުގެ އެކިއެކި އިދާރާތަކުން ފޯރުކޮށްދޭ ހިދުމަތްތަކުން ނަގާ ފީންވެސް ރަނގަޅު އާމްދަނީއެއް ލިބޭކަމަށްވެސް ވަނީ ބުނެފަ އެވެ.

ވިޔަފާރިކުރާ ފަރާތްތަކުން ހިދުމަތް ހޯދާއިރު ދައްކަން ޖެހޭ ފީއާއި އެހެނިހެން ފައިސާ ދެއްކުމަށްފަަހު އަދި ރެވެނިއު ސްޓޭމްޕް ޖަހަން ޖެހުމުން ގިނަ ދަތިތަކެއް ކުރިމަތިވާ ކަމަށާއި ނަމަވެސް ގާނޫނު އުވާލުމާއެކު ހިދުމަތް ހޯދާ ފަރާތްތަކަށާއި ވިޔަފާރި ކުރާ ފަރާތްތަކަށް ލުއިތަކެއް ލިބޭނެ ކަމުގެ ޔަގީންކަން ސަރުކާރުން ވަނީ ދީފަ އެވެ.