ރައީސް އަބްދުﷲ ޔާމީން

ކޮވިޑް ވެކްސިން ޖެއްސެވުމަށް ރައީސް ޔާމީން ދެކޮޅު ހައްދަވައިފި

ކޮވިޑް 19 އިން ރައްކާތެރިވުމަށް ވެކްސިން ޖެެއްސެވުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އިންކާރު ކުރައްވައިފި އެވެ.

އަވަސް އިން ސުވާލު ކުރެއްވުމުން މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ މީޑިއާ އޮފިޝަލް ވިދާޅުވީ ރައީސް ޔާމީން ބޭނުންފުޅުވެގެން ކޮވިޑް ވެކްސިން ޖެއްސެވުމަށް މިރޭ މާލެ ގެނެވުނު ކަމަށެވެ. ނަމަވެސް މާލެ ގެނައި ފަހުން ވެކްސިން ޖެއްސެވުމަށް ރައީސް ޔާމިން އިންކާރު ކުރެއްވުމާއި ގުޅިގެން މިރޭ އަނބުރާ މާފުށްޓަށް ގެންގޮސްފައިވާ ކަމަށްވެސް ވިދާޅުވި އެވެ.

އަވަސް އަށް އެނގިފައިވާ ގޮތުގައި މިރޭ 9:45 ހާއިރު ވެކްސިން ޖެއްސެވުމަށް ރައީސް ޔާމީން އޭޑީކޭ އަށް ގެންދެވުނެވެ. އެކަމަކު ހޮސްޕިޓަލްގައި އިންނެވުމަށްފަހު ވެކްސިން ޖެއްސެވުމަށް އެމަނިކުފާނު އިންކާރު ކުރެއްވި ވަކި ސަބަބެއް އަދި އެނގިފައެއް ނުވެ އެވެ.

ކޮވިޑުން ރައްކާތެރިވާން ރާއްޖޭގައި އެންމެ ފުރަތަމަ ޖަހަން ފެށީ އޮކްސްފޯޑް - އެސްޓްރަޒެނަކާގެ ކޮވިޝީލްޑް ވެކްސިނެވެ. އެކަމަކު މިހާރު ޗައިނާގެ ސިނޯފާމްގެ ވެކްސިނާއި ފައިޒާ-ބަޔޯންޓެކް ވެކްސިން ރާއްޖެއަށް ގެނެސް އެ ވެކްސިންގެ ފުރަތަމަ ޑޯޒް ވެސް ދަނީ ޖަހަމުންނެވެ.

އަވަސް އަށް އެނގިފައިވާ ގޮތުގައި ރައީސް ޔާމީން ބޭނުންވެވަޑައިގަންނަވާ ވެކްސިނެއް އިހްތިޔާރު ކުރެއްވުމަށް ފުރުސަތު ދެއްވި އެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުގައި ތިބޭ ގައިދީންނާއި ބަންދުގައި ތިބޭ މީހުންނަށް ކޮވިޑް 19ގެ ވެކްސިންގެ ފުރަތަމަ ޑޯޒް ދޭން ފެށީ މިދިޔަ އާދިއްތަ ދުވަހު އެވެ. މާލެ އަދި ހުޅުމާލެ ޖަލުގައި ތިބޭ ހުރިހާ ގައިދީންނަށް މިޕްރޮގްރާމުގެ ދަށުން މިހާރު ވަނީ ވެކްސިން ދީފަ އެވެ.