ބޮލީވުޑް އެކްޓަރުން ކަމަށްވާ ސައިފް އަލީ ހާނާއި ކަރީނާ ކަޕޫރަށް މިދިޔަ ފެބްރުއަރީ މަހު ވަނީ ދެވަނަ ދަރިއަކު ލިބިފަ އެވެ. ކަރީނާގެ ފުރަތަމަ ދަރިފުޅު ތައިމޫރު އަލީ ޚާނަށް އިންޑިޔާގެ ގިނަ ބައެއްގެ ސަމާލުކަން ހުއްޓިފައިވާ ގޮތަށް ދެ ވަނަ ދަރިފުޅަށް ވެސް އެފަދަ ގޮތެއް މެދުވެރިވެދާނެތީ ކަރީނާ އަދި އެ ކުއްޖާގެ ފޮޓޯއެއް ވެސް ސޯޝަލް މީޑިއާއަށް ނުލަ އެވެ. އަދި އެ ކުއްޖާ ގޮވައިގެން ބޭރަށް ނުކުމެއެއް ވެސް ނޫޅެ އެވެ.
ދާދި ފަހުން ކަރީނާގެ ލޭޑީޒް ސްޓަޑީ ގްރޫޕް އިންޓަވިއު އެއްގެ ވީޑިއޯއެއް އިންޓަނެޓުގައި ޝެއާ ކޮށްފައިވާއިރު އެ އިންޓަވިއުގައި ކަރީނާ ވަނީ އޭނާގެ މައިދައިތަ އަދި ކުރީގެ މަޝްހޫރު ބަތަލާ ޝަރުމީލާ ޓޭގޯރަށް ވަރަށް ބޮޑަށް ތައުރީފު ކޮށްފަ އެވެ. އަދި އޭނާގެ ހަގު ދަރިފުޅު ދުށުމުގެ ނަސީބު އޭނާގެ މާމައަށް އަދިވެސް ނުލިބޭ ކަމަށް ވެސް ކަރީނާ މި ވީޑިއޯގައި ބުނެފައި ވެއެވެ.
ކަރީނާ ބުނިގޮތުގައި އޭނާގެ މައިދައިތަ އަކީ މުޅި ދުނިޔެވެސް ބަލައިގަނެފައިވާ ލެޖެންޑެކެވެ. އައިކޮން އެކެވެ. އެފަދަ މީހަކަށް މައިދައިތަ ކިޔުމަކީ އޭނާއަށް ލިބޭ ޝަރަފެއް ކަމަށް ވެސް ކަރީނާ ބުންޏެވެ.
މައިތައަކީ އެންމެ ފަރިކަމާއި ބަނިޔާދަން ކަމަށް އަރާހުރި މީހެއްގެ ގޮތުގައި ކަރީނާ ސިފަ ކުރި އެވެ. އެފަދަ ޝާހީ ގޮތްގަނޑު ހުރި މީހެއް ދުނިޔޭގައި ވެސް ނެތްކަމަށް ކަރީނާ ދެކެ އެވެ.
މައިދައިތައަކީ ވަރަށް ހެޔޮ އެހާމެ ދަރިންނާއި މާމަދަރިން ދެކެ އަދި ދަނބިދަރިން ދެކެ ވެސް އެއްވަރަކަށް ލޯބިވާ މީހެއް ކަމަށް ކަރީނާ ބުންޏެވެ.
ފާއިތުވީ އަހަރެއްހާ ދުވަހު މައިދައިތަ އާ ބައްދަލު ނުވެ ހޭދަވެފައިވާތީ ހިތާމަކުރާ ކަމަށާއި އޭނާ ވަރަށް ފަހުން ވިހޭ ދަރިފުޅު ދުށުމުގެ ނަސީބު ވެސް އަދިވެސް މައިދައިތަ އަށް ނުލިބޭ ކަމަށް ކަރީނާ ފާހަގަ ކުރި އެވެ. މިއީ ކޮރޯނާވައިރަހުގެ ޕެންޑެމިކް އާ ހެދި ދިމާވެގެން އުޅޭ ހާލަތެއް ކަމަށް ކަރީނާ ބުންޏެވެ.
ކަރީނާ އޭނާގެ ހަގު ދަރިފުޅަށް ކިޔާފައިވާ ނަމެއް ވެސް އަދި ދުނިޔެއަށް ހާމައެއް ނުކުރެ އެވެ. ފުރަތަމަ ދަރިފުޅަށް ތައިމޫރު ކިޔުމުން ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ހިތްހަމަނުޖެހުނު ވަރުން މިފަހަރުގެ ދަރިފުޅުގެ ނަން ހާމަކުރަން އަދި ކަރީނާ ބޭނުން ނުވަނީ އެވެ.
ކަރީނާގެ މައިދައިތައަކީ 60 އާއި 70 އިގެ އަހަރުތަކުގައި ހިންދީ ފިލްމު އިންޑަސްޓްރީގައި ރަނިކަންކުރި ބަތަލާ އެކެވެ. ދެ ފަހަރެއްގެ މަތިން އޭނާއަށް ނެޝަނަލް އެވޯޑު ވެސް ލިބިފައި ވެއެވެ.
ޝަރުމީލާ އެކްޓްކުރުމާ ދުރުވީ އެ ދުވަސްވަރުގެ އެންމެ މަޝްހޫރު އެއް ކްރިކެޓް ކުޅުންތެރިޔާ މަންސޫރު ހާން ޕަތައުޑީ އާ ކައިވެނި ކުރުމަށް ފަހު އެވެ. ޝަރުމީލާ އާއި މަންސޫރަށް ތިން ދަރިން ލިބިފައި ވެއެވެ. ސަބާ އާއި ސައިފް އަދި ސޯހާ އަލީ ޚާން އެވެ.