ދުނިޔެ

ނޭޓޯ ސިފައިން އަފްޣާނިސްތާނުން ބާލަނީ

އަފްޣާނިސްތާންގައި ތިބި ނޭޓޯ މެންބަރު ގައުމުތަކުގެ ސިފައިން މި އަހަރު މޭ އެކެއްގެ ކުރިން ބާލަން ފައްޓަވާނެ ކަމަށް ސެކްރެޓަރީ ޖެނެރަލް ޖެންސް ސްޓޯޓެންބާގް ވިދާޅުވެއްޖެ އެވެ. އޭނާ ވިދާޅުވީ ކުރިއަށް އޮތް ދެތިން މަސްދުވަހުގެ ތެރޭގައި ސިފައިން ބާލައި ނިންމަވާނެ ކަމަށެވެ.

ނޭޓޯ ގައުމުތަކުގެ ޑިފެންސް މިނިސްޓަރުންނާއި ފޮރިން މިނިސްޓަރުންގެ މެދުގައި ބުރަސެލްސްގައި ބޭއްވި ބައްދަލުވުމަކަށް ފަހު ސެކްރެޓަރީ ޖެނެރަލް ނޫސްވެރިނަށް ވިދާޅުވީ އަފްޣާނިސްތާނުން ސިފައިން ބާލާނީ ގައުމުތައް ގުޅިގެން އަދި ތަރުތީބުން ކަމަށެވެ. މިބައްދަލުވުމުގައި އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންތަނީ ބްލިންކެން އާއި ޑިފެންސް ސެކްރެޓަރީ ލޮއިޑް އޮސްޓިން ވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.

އަފްޣާނިސްތާނުންގައި ތިބި އެމެރިކާ ސިފައި ގައުމަށް ގެންނަ ވަގުތު ޖެހިއްޖެ ކަމަށް ޔޫއެސް ސެކްރެޓަރީ އޮފް ސްޓޭޓް އެންތަނީ ބްލިންކެން ވެސް މީގެ ކުރިން ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އެމެރިކާ ސިފައިން އަފްޣާނިސްތާނުން ބާލަން ހަމަޖެހިފައި ވަނީ ނޭޓޯ ގައުމުތަކާ ގުޅިގެން ކަމަށެވެ.

"އަޅުގަނޑުމެންނަށް އަމާޒަށް ވާސިލް ވެވިއްޖެ،" ބްލިކެން ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އެކުގައި ފެއްޓެވި މަސައްކަތް ނިންމަވާނީ ވެސް އެކުގައި ކަމަށެވެ.

އެމެރިކާ ސިފައި އަފްޣާނިސްތާނުން ބާލާ ގޮތަށް ކުރިން އޮތީ މިއަހަރު މެއި އެކެއްގެ ކުރިންނެވެ. ޓްރަމްޕް ސަރުކާރުން ތާލިބާނުންނާއެކު ފެބްރުއަރީ 2020 ގައި ހެދި އެއްބަސްވުމާ ޚިލާފަށް ޖޯ ބައިޑަން މިހާރު ނިންމަވާފައި ވަނީ މި އަހަރު ސެޕްޓެމްބަރު 11 އިގެ ކުރިން ސިފައިން ބާލައި ނިންމުމަށެވެ.

ސެޕްޓެމްބަރު 11 އަކީ އެމެރިކާއަށް ވަރަށް ހާއްސަ ތާރީހެކެވެ. ވޯލްޑް ޓްރޭޑް ސެންޓަރާއި ޕެންޓަގަނަށް ޓެރަރިސްޓުން ހަމަލާދި ގޮއްވާލީ ސެޕްޓެމްބަރު 11، 2001 ގައެވެ. އެ ހަމަލާގެ ޒިންމާ ނަގާފައި ވަނީ އަލްގައީދާއިންނެވެ. އެމެރިކާ އާއި ނޭޓޯ ސިފައިން އަފްޣާނިސްތާނަށް އެރީ އަލްގައީދާ ނައްތާލަން ކަމަށް ބުނެ އެވެ.

އަފްޣާނިސްތާނުން އެމެރިކާ ސިފައިން ސެމްޓެމްބަރު 11 ގައި ބަލާ ނިމޭއިރު، ވޯލްޑް ޓްރޭޑް ސެންޓަރު ގޮއްވާލި ހާދިސާއަށް 20 އަހަރު ފުރޭނެ އެވެ.

ބައިޑަން ވިދާޅުވީ އަފްޣާނިސްތާނަށް އެމެރިކާ ސިފައިން ފޮނުވީ ތާއަބަދަށް ނޫން ކަމަށެވެ. އަދި ވިދާޅުވީ އަފްޣާނިސްތާންގައި އެމެރިކާ ސިފައި ހޭދަކުރި 20 އަހަރު ތެރޭގައި 2،400 ސިފައިން މަރުވެފައިވާ ކަމަށާއި އެތައްހަށް ބަޔަކަށް އަނިޔާވެ ގެއްލުން ލިބިފައިވާ ކަމަށެވެ.