ދުނިޔެ

ރަޝިއާގެ "ބްލެކް ސީ ފްލީޓް" ތަމްރީނުތަކެއްގައި

ރަޝިއާއިން ކަޅުކަނޑުގައި ހަނގުރާމައިގެ ތައްޔާރީތައް ފަށައިފި އެވެ. މިއީ ރަޝިއާއާ ޔުކްރޭންއާ ދެމެދު މަސްލަހަތު ގެއްލި އުދާސްވެފައި އޮތް ދަނޑިވަޅެއްގައި، މި ދެގައުމު ސުލްހަ ކުރަން ތިންވަނަ ގައުމެއް މެދުވެރިވެދާނެ ހާލަތެކެވެ.

ރަޝިއާގެ ޑިފެންސް މިނިސްޓްރީން ބުނީ "ބްލެކް ސީ ފްލީޓް" ގެ ބޯޓްތައް ބިމުން ވަޔަށް އަދި ވައިން ބިމަށް އަމާޒުކޮށް ތަމްރީންތަކެއް ހަދައިފި ކަމަށެވެ. މިހާލަތުގައި ހަނގުރާމައިގެ އުޅަނދުތައް މުޅިން ތައްޔާރު ކަމަށެވެ.

ޑިފެންސް މިނިސްޓްރީން ބުނީ ހެލިކޮޕްޓަރާއި ކަނޑުގެ ސިފައިން އަދި ވަކިވަކި ޖެޓްތައް ވެސް ތަމްރީން ހަދާނެ ކަމަށެވެ. އަމާޒުތަކަށް މިސްރާބުކޮށް މިސައިލުން ހަމަލާދިނުމާއި ކަނޑުން އެއްގަމަށް މިސައިލް ފޮނުވަން ޖެހިއްޖެ ހާލަތްތަކަށް ކޯޑިނޭޓްތައް ވަކިކޮށްފައިވާ ކަމަށެވެ. ކޯޑިނޭޓް ވަކިކުރުމަކީ މިސާލަކަށް ކަނޑުމަތިން އެއްގަމަށް މިސައިލުން ހަމަލާދިނުމުގައި އަމާޒު ވަކިކޮށް ޕޮއިންޓް ކަނޑައެޅުމެވެ.

ޑިފެންސް މިނިސްޓްރީ ބުނީ އަސްކަރިއްޔާއިން ކުރަނީ ހަނގުރާމައިގެ ތަމްރީންތަކެއް ކަމަށާއި ވަރަށް ފުޅާ ދާއިރާއެއްގައި ތަމްރީންތައް ކުރިއަށް ގެންދެވޭނެ ކަމަށެވެ.

ރަޝިއާގެ ފޮރިން މިނިސްޓަރު ސަރުގޭ ލަވްރޯފް ވިދާޅުވީ ތަމްރީންތަކަކީ ޔުކްރޭންއަށް ހަމަލާދޭން ކުރާ ކަމެއް ނޫން ކަމަށާއި ރަޝިއާއިން ބޭނުންވަނީ ސުލްހަވެރި ހައްލެއް ކަމަށެވެ.