ލޯކަލް ކައުންސިލްތަކުގެ އިންތިހާބު

ކައުންސިލަރުން ހުވާކުުރުން އީދު ބަންދަށްފަހު

ކައުންސިލަރުން ހުވާކުރާނީ ކުޑަ އީދު ބަންދަށް ފަހު ސަރުކާރު ހުޅުވާ ހަފްތާގައި ކަމަށް ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ބުނެފި އެވެ.

އަވަސް އަށް މައުލޫމާތު ދެއްވަމުން އެލްޖީއޭގެ އޮފިޝަލަކު ވިދާޅުވީ ކައުންސިލަރުން ހުވާކުރުމަށް މިވަގުތަށް ހަމަޖައްސާފައިވާ ވަގުތީ ތާރީހަކީ މެއި މަހުގެ 17 ވަަނަ ދުވަސް ކަމަށެވެ.

"މިއަދު އެބައޮތް އެލްޖީއޭގެ ބޯޑު މީޓިންއެއް. އެ މީޓިންގައި ކައުންސިލަރުން ހުވާކުރާނެ ދުވަސް ފައިނަލް ކުރެވިގެން ދާނީ،" އޭނާ ވިދާޅުވި އެވެ.

އޮފިޝަލް ވިދާޅުވީ މީގެކުރީގެ ދައުރުތަކުގައި އެކި ކައުންސިލަރުން ހުވާކުރީ އެކި ތާރީހު ތަކުގައި ކަމަށެވެ. ނަމަވެސް ކުރިއަށް އޮތް ދައުރަށް ހުރިހާ ކައުންސިލަރުން ހުވާކުރާނީ އެއް ދުވަހަކު ކަމަށްވެސް ވިދާޅުވި އެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގެ ވަގުތީ ނަތީޖާ އިއުލާންކޮށް ނިމޭނީ މާދަމާގެ ވަގުތެއްގައި ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފަ އެވެ. އަދި ޤާނޫނުގައިވާ ގޮތަށް ކައުންސިލް އިންތިހާބުގެ ދާއިމީ ނަތީޖާ އިއުލާން ކުރާނެ ކަމަށްވެސް ކޮމިޝަނުން މައުލޫމާތުދެ އެވެ.

ކައުންސިލް އިންތިހާބުގައި އެންމެ ގިނަ ކައުންސިލަރުން ހޮވުނީ އެމްޑީޕީންނެވެ. އެކަމަކު އެ ޕާޓީއަށް ތާއީދު ބޮޑެތި ރަށްތަކާއި މާލެ ސިޓީގެ މެޖޯރިޓީ ވަނީ ގެއްލިފަ އެވެ. ވަގުތީ ނަތީޖާ ތަކަށް ބަލާއިރު މާލޭގެ މޭޔަރުކަމާއި ކައުންސިލްގެ މެޖޯރިޓީ ހޯދީ ޕީޕީއެމް އެވެ.