ބ. ހިތާދޫ ހެލްތް ސެންޓަރުން މޫދަށް ސިރިންޖުތަކެއް އުކާލި މައްސަލައެއް ފެންމަތިވެއްޖެ އެވެ.
ސިރިންޖުތައް މޫދާ އުކާލާފައި ވަނިކޮށް އެތަކެތި ވަނީ އެ ރަށު މީހުން މޫދަށް ގޮސް އުޅޭ ސަރަަހައްދަށް ލައްގާފަ އެވެ.
އެކަމާ ގުޅިގެން އަވަސް އިން ސުވާލުކުރުމުން ހިތާދޫ ހެލްތް ސެންޓަރުގެ މެނޭޖަރު އާމިރު އަބްދުލްލަތީފް ވިދާޅުވީ ސިރިންޖު ފަދަ ތަކެތި ނައްތައިލަން ހެލްތް ސެންޓަރުން އުސޫލެއް ކަނޑައަޅާފައިވާ ކަމަށެވެ. އެގޮތުން އެފަދަ ތަކެތި ހެލްތް ސެންޓަރުގެ ގޯތި ތެރޭގައި އަންދާލައިގެން ނައްތައިލުމަށް އަންގާފައިވާނެ ކަމަށެވެ.
އާމިރް ވިދާޅުވީ ހެލްތު ސެންޓަރުން އުކާލި ކަމަށް ބުނާ ސިރިންޖުތަކެއް ރަށުގައި މީހުން މޫދަށް ގޮސް އުޅޭ ސަރަހައްދަށް ލައްގާފައި ހުރި ކަމަށް ބުނެ ޝަކުވާ ލިބިފައިވާ ކަމަށެވެ. ނަމަވެސް އެކަން ކުރި ބަޔަކު އަދި އެނގިފައި ނުވާ ކަމަށްވެސް ވިދާޅުވި އެވެ.
މޫދަށް ސިރިންޖުތައް އެޅުން ކުށްވެރިކުރަމުން އާމިރު ވިދާޅުވީ އެކަމުގެ މައުލޫމާތު ލިބުމާ އެކު ހެލްތް ސެންޓަރުގެ މުވައްޒަފުން ފޮނުވާ އެ ސިރިންޖުތައް ހޮވާ ރައްކާތެރި ގޮތުގައި ނައްތާލާފައިވާ ކަމަށެވެ. އެ މައްސަލަ ސީރިއަސް ކަމެއްގެ ގޮތުގައި ބަލަމުންދާ ކަމަށާއި އެކަމާ ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމުގައި ވެސް އާމިރު ވިދާޅުވި އެވެ.
އާމިރު އިތުރަށް ވިދާޅުވީ ހިތާދޫގައި ކުނި ނައްތާލުމަށް ހަރުދަނާ ނިޒާމެއް ގާއިމުކޮށްފައި ނުވާ ކަމަށާއި ރަށު ކައުންސިލުން އެކަމާ ގުޅޭ ހާއްސަ އުސޫލެއް ވެސް ކަނޑައަޅާފައި ނުވާ ކަމަށެވެ.
ހިތާދޫ ހެލްތް ސެންޓަރުން މޫދަށް ސިރިންޖުތަކެއް އުކާލި މައްސަލައެއްގައި އެރަށު ކައުންސިލްގެ ބަހެއް ލިބިފައެއް ނުވެ އެވެ.