ހުޅުމާލެ

ހުޅުމާލެ މާސްޓާ ޕްލޭނަށް ބޭރުގެ އެވޯޑެއް

މާލޭގެ ތޮއްޖެހުން ކުޑަކޮށް ހުޅުމާލެއިން ބޯހިޔާވަހިކަން ހޯދައިދިނުމަށް ހަދާފައިވާ މަސްޓާ ޕްލޭނަށް ބައިނަލްއަގްވާމީ އެވޯޑެއް ލިބިއްޖެ އެވެ.

ހުޅުމާލޭގެ ޕްލޭނަށް ލިބިފައިވަނީ ބައިނަލްއަގުވާމީ އާކިޓެކްޗާ އެވޯޑް ޕްރޮގްރާމެއް ކަމުގައިވާ ދަ އާކިޓެކްޗާ މާސްޓާ ޕްރައިޒް (އޭއެމްޕީ)ގެ ފަރާތުން ކޮންމެ އަހަރަކު ދޭ އޮނަރަބަލް އެވޯޑެކެވެ.

ހުޅުމާލޭގެ ޕްލޭނަކީ މާލެ ތޮއްޖެހުން ކުޑަކޮށް، މާލެ ސަރަހައްދުގައި ދިރިއުޅޭ މީހުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިތަކަށް ހައްލެއް ހޯދައިދިނުމަށް ހަދާފައިވާ ޕްލޭނެކެވެ.

އެޗްޑީސީން ބުނާ ގޮތުގައި އެ ޕްލޭނަކީ ޒަމާނީ ފެންވަރެއްގައި އުމްރާނީ ގޮތުންނާއި އިޖުތިމާއީ ގޮތުން މީހުން ދިރިއުޅުމަށް ހަދާފައިވާ ފުރިހަމަ މާސްޓާ ޕްލޭނެކެވެ.

އެމެރިކާގެ ކުންފުންޏެއް ކަމުގައިވާ ދަ އާކިޓެކްޗާ މާސްޓާ ޕްރައިޒް އަކީ 1985 ވަނަ އަހަރުން ފެށިގެން ދުނިޔޭގެ އެކި ހިސާބުތަކުގައި އާކިޓެކްޗާ އަދި އާބަން ޕްލޭނިންގެ ރޮނގުން ފާހަގަކުރެވޭ ގިނަ މަސައްކަތްތަކެއްގެ އަގު ވަޒަންކުރަމުން އަންނަ ކުންފުންޏެކެވެ. އަދި މި ދާއިރާގެ މަސައްކަތްތައް ޕްރޮމޯޓްކުރުމުގައި އިސް ރޯލެއް އަދާކުރަމުން ގެންދާ ކުންފުންޏެކެވެ.