އިސްލާމިކް މިނިސްޓްރީ

ލަހެއް ނުވެ ވަގުތީ މިސްކިތުގެ މަސައްކަތް ނިމޭނެ

ރޯދަ މަސް ފެށުމުގެ ކުރީން މާލޭގެ މަޖީދީ މަގުގައި ޒިކުރާ މިސްކިތް ކުރިން ހުރި ބިމުގައި ވަގުތީ ގޮތުން މިސްކިތެއް އަޅަން ކުރި މަސައްކަތް މަޑުޖެހިފައި އޮތް ނަމަވެސް މިސްކިތުގެ މަސައްކަތް ލަސްތަކެއް ނުވެ ނިމޭނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވިދާޅުވެއްޖެ އެވެ.

މިސްކިތް އެޅުން މަޑުޖެހުނީ އެ މަސައްކަތް ކުރަމުން ދަނިކޮށް މައްޗަންގޮޅި ބާމިސްކިތުގެ ތަރަހަ -- ބިންގާ -- ކަމަށް ބެލެވޭ ހިރިގަލު ބިނާއަކާއި ހިރިގާ ފަދަ ތަކެތި ހިމެނޭ ގޮތަށް އާސާރީ ބައެއް ތަކެތި ފެނުމާ ގުޅިގެންނެވެ. މިނިކަށިތަކެއްވެސް އެތަނުން ފެނުނެވެ. އެހެންވެ ތާރީހީ ތަކެތި ނަގައި އެތަނުގައި ގަބުރެއް ވެސް ނެތް ކަން ޔަގީންކޮށްފައި ނޫނީ މަސައްކަތް ކުރިއަށް ނުގެންދެވޭނެތީ މަސައްކަތް މަޑުޖެހުނީ އެވެ.

އިސްލާމިކް މިނިސްޓަރު ރޭ ކުރެއްވި ޓުވީޓެއްގައި ވަނީ ވަގުތީ މިސްކިތްގެ މަސައްކަތް ވަރަށް އަވަހަށް ނިންމާލެވޭނެ ކަމަށް ވިދާޅުވެފައެވެ. މިނިސްޓަރު ވިދާޅުވީ ޒިކުރާ މިސްކިތް ހުރި ބިން މިހާރު ސާފުކޮށްފައިވާ ކަމަށާއި އެކަން ހިނގައި ދިޔަ ގޮތް ބައްލަވަން އިލްމުވެރިންވެސް ޒިޔާރަތްކުރެއްވި ކަމަށެވެ.

"..ވަރަށް އަވަހަށް ވަގުތީ މިސްކެއް އަޅާ ނަމާދު ކުރަން ފެށޭ ވަރު ވާނެ. އިންޝާﷲ" މިނިސްޓަރު ވިދާޅުވި އެވެ.

ޒިކުރާ ބިމުގައި ވަގުތީ މިސްކިތެއް ހަދަން ހަވާލުކޮށްފައި ވަނީ ސިވެކް ކުންފުންޏާ އެވެ. އިސްލާމިކް މިނިސްޓްރީން ބުނީ ކުރީގެ ޝެޑިއުލާ އެއްގޮތަށް މަސައްކަތްތައް ކުރިއަށް ގެންދެވުނު ނަމަ ރޯދަ މަސް ފެށުމުގެ ކުރިން މަސައްކަތް ނިންމާލެވުނީސް ކަމަށެވެ.