ރާއްޖޭގެ ވެރިކަން ހިންގުމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ފުރޮޅާލުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ކިތަންމެ ޕްރެޝަރެއް ކުރެއްވި ނަމަވެސް މި ފަސް އަހަރު ބަރުލަމާނީއަށް އެމަނިކުފާނު ވިދާޅުވާނީ ނޫނެކޭ ކަމަށް ދިއްދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުލްލަތީފް މުހައްމަދު ވިދާޅުވެއްޖެ އެވެ.
ސަންގު ޓީވީން ރޭ ގެނެސްދިން ޕްރަގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން ލަތީފް ވިދާޅުވީ ވެރިކަމުގެ ނިޒާމު ބަރުލަމާނީއަކަށް ފުރޮޅާލަން ނަޝީދު މަސައްކަތް ކުރައްވަނީ ވަރަށް ހީލަތްތެރި ރޭވުމެއްގެ ތެރެއިން ކަމަށެވެ. ނިޒާމު ބަދަލުކުރަން ރައީސް ސޯލިހަށް ތަކުރާރުކޮށް ޕްރެޝަރު ކުރައްވަމުން ގެންދަވާ ކަމަށާ ނަމަވެސް އެމަނިކުފާނު ވަރަށް ހިކުމަތްތެރިކަމާއެކު އެކަންކަމަށް ޖަވާބު ދެއްވަމުން ގެންދަވާ ކަމަށް ލަތީފް ވިދާޅުވިއެވެ.
ލަތީފް ވިދާޅުވީ ނިޒާމު ބަދަލުކުރުމަށް ކުރެވޭ މަސައްކަތަކީ ގަައުމާއި ރައްޔިތަކަށް ހެޔޮ އެދިގެން ރައީސް ނަޝީދު ކުރައްވާ ކަމެއް ނޫން ކަމަށެވެ. އެ މަސައްކަތް ބިނާވެފައި އޮތީ ބޮޑުވަޒީރަކަށް ވެވަޑައިގަތުމަށް ކުރައްވާ އުންމީދަށް ކަމަށް ވިދާޅުވިއެވެ. އެއީ ބާރުތައް ހޯއްދަވާ މުށުތެރެއަށް ޖަމާ ކުރުމަށް ކުރައްވާ ކަމެއް ކަމަށްވެސް ވިދާޅުވިއެވެ.
"ނަޝީދު ހިފާފައި އެ ހުރީ ބަރުލަމާނީ ނިޒާމެއް ގެންނަން. ވަރުގަދައަށް އެކަމުގައި ހިފާފައި ހުރެ އެ ވިދާޅުވަނީ ރައީސް ސޯލިހަށް ވެރިކަން ކުރެވުނަސް ނުކުރެވުނަސް ތިމަންނައަށް ވަރިހަމައޭ މިކަން ހާސިލާން ޖެހޭނޭ. ތިމަންނާ ބުނާ ހުރިހާ ކަމެއް ވާންޖެހޭނޭ. ހުރިހާވެސް މީހަކީ ތިމަންނާއޭ. އެެހެން ބުނެ އެކަމާއި ހިފާލައިގެން އެ އުޅުއްވަނީ. ނަމަވެެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކެތްތެރިކަމާއެކު އެ ހުންނަވަނީ އެއް ގޮތަކަށްވެސް އެމަނިކުފާނު ބޭނުންހާ ގޮތަކަށް ކަންކަން ކުރެއްވުމަށް ދޫކޮށްލަވައިގެން ނޫން،" ޕީޕީއެމް އާއި ޕީއެންސީ ހަރަކާތްތަކުގައި އިސް ދައުރެއް އަދާކުރައްވާ ލަތީފް ވިދާޅުވިއެވެ.
ނަޝީދު ހިފާފައި އެ ހުރީ ބަރުލަމާނީ ނިޒާމެއް ގެންނަން. ވަރުގަދައަށް އެކަމުގައި ހިފާފައި ހުރެ އެ ވިދާޅުވަނީ ރައީސް ސޯލިހަށް ވެރިކަން ކުރެވުނަސް ނުކުރެވުނަސް ތިމަންނައަށް ވަރިހަމައޭ މިކަން ހާސިލާން ޖެހޭނޭ. ތިމަންނާ ބުނާ ހުރިހާ ކަމެއް ވާންޖެހޭނޭ. ހުރިހާވެސް މީހަކީ ތިމަންނާއޭ. އެެހެން ބުނެ އެކަމާއި ހިފާލައިގެން އެ އުޅުއްވަނީ. ނަމަވެެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކެތްތެރިކަމާއެކު އެ ހުންނަވަނީ އެއް ގޮތަކަށްވެސް އެމަނިކުފާނު ބޭނުންހާ ގޮތަކަށް ކަންކަން ކުރެއްވުމަށް ދޫކޮށްލަވައިގެން ނޫންއަބްދުލްލަތީފް މުހައްމަދު | ދިއްދޫ ދާއިރާގެ މެންބަރު
ލަތީފް ވިދާޅުވީ ނަޝީދު މަސައްކަތް ކުރައްވަނީ ރައީސް ސޯލިހްގެ ވެރިކަން ނިމުމުގެ ކުރިން ބަރުލަމާނީ އަކަށް ރާއްޖެ ފުރޮޅާލުމަށް ކަމަށެވެ. މަޖިލީހުގެ 65 މެންބަރުން އެމްޑީޕީގަައި ތިބިއިރު ބަރުލަމާނީގައި ނަޝީދު ބޭނުންފުޅު ގޮތަކަށް ވެރިކަން ކުރެއްވޭނެ ކަމަށް ހީފުޅުކުރައްވާ އެ މަސައްކަތުގައި ދެމި ހުންނެވީ ކަމަށްވެސް ލަތީފް ވިދާޅުވިއެވެ. ނަމަވެސް މި ފަސް އަހަރުވެސް ބަރުލަމާނީ އަށް ރައީސް ސޯލިހް ދެއްވާނެ ޖަވާބަކީ "ނޯ" ކަމަށް އޭނާ ވިދާޅުވިއެވެ.
"ރައީސް ނަޝީދަށް އެނގިވަޑައިގަންނަވާނެ ރައްޔިތުން ކައިރިއަށް ގޮސްގެން ދެން ވޯޓުން ވެރިކަމަށް ވަޑައިނުގެންނެވޭނެކަން،"
ލަތީފް ވިދާޅުވީ ރައްޔިތުންގެ ތާއީދު ހޯއްދެވުމަށް ވާދަވެރި ސިޔާސީ ބޭފުޅުންނާ ދެކޮޅަށް ނަޝީދު މުޅީންވެސް ދެއްކެވީ ހަގީގަތެއް ނެތް ދޮގު ވާހަކަތައް ކަމަށެވެ. އަދި ރައްޔިތުންގެ ތާއީދު ހޯއްދެވުމަށް އަސްލެއް ނެތް ބޮޑެތި ދޮގު އިލްޒާމްތައް ވާދަވެރިންގެ ބޮލުގައި އަޅުވާ ހުތުރު ބަސްތަކުން ވަނަންތައް ގޮވަމުން ވަޑައިގެންނެވި ކަމަށެވެ. އެކަންކަން މިހާރު ރައްޔިތުން ބަލައިނުގަންނަ ކަމަށާ ކައުންސިލް އިންތިހާބަކީ އޭގެ ސާފު މިސާލެއް ކަމަށް ލަތީފް ވިދާޅުވިއެވެ.