ދުނިޔެ

މީހަކު މެރިކަމުގެ ދައުވާ ބަޑިޖެހި އޮފިސަރަށް

ކަޅުނަސްލުގެ ޑޯންޓޭ ރައިޓް 20، ގެ ގަޔަށް ބަޑިޖެހުމުން މަރުވި މައްސަލާގައި، ބަޑިޖެހި އޮފިސަރު، ކިމް ޕޮޓާ 26، ގެ މައްޗަށް ގަސްދަކާ ނުލައި މީހަކު މެރިކަމުގެ ދައުވާ އުފުލައިފި އެވެ.

ޑޯންޓޭ ރައިޓްގެ މަރާ ގުޅިގެން މިނިއާޕޮލިސްގެ މަގުތަކަށް އާންމުން ކޮންމެ ރެއަކު ނިކުމެ އަޑު ގަދަ ކޮށް އަންނަނީ އިމާރާތްތަކަށާއި މުދަލަށް ގެއްލުން ދެމުންނެވެ.

ނަސްލީ ތަފާތު ކުރުން އެމެރިކާގައި މިހާރު ވަނީ ބޮޑު މައްސަލައަކަށް ވެފަ އެވެ. މިފަހަރު ދޮން ނަސްލުގެ އަންހެން ފުލުހެއްގެ އަތުން ކަޅު ނަސްލުގެ ފިރިހަކު މަރުވެފައި ވާއިރު، ދޮން ނަސްލުގެ ފިރިހެން ފުލުހަކު ކަޅުނަސްލުގެ ޖޯޖް ފްލޮއިޑްގެ ކަރަށް ކަކުލުން އަރައި ގަސްދުގައި މަރާލި މައްސަލަ ވެސް އެމެރިކާ ކޯޓެއްގައި އެބަ ހިނގަ އެވެ.

އެ ހާދިސާއަށް ފަހު ކިމް ޕޮޓާ ވަނީ އިސްތިއުފާދީފަ އެވެ. އެހެން ނަމަވެސް އޭނާގެ މައްޗަށް މި މައްސަލަ ސާބިތުވެއްޖެ ނަމަ 10 އަހަރު ދުވަހަށް ޖަލަށް ދާން ޖެހޭނެ އެވެ. އަދަބު ލުއި ވަނީ ކުރިއާލައި މީހަކު މަރަން ރާވައިގެން ކުރި ކަމަކަށް ނުވާތީ އެވެ.

ޑޯންޓޭ ރައިޓްގެ މަރާ ގުޅިގެން ކިޕް ޕޮޓާ ބުނަނީ ބަޑި ޖެހުނީ އޮޅިގެން ކަމަށެވެ. އެހެން ނަމަވެސް، ބޮޑީ ކެމެރާއިން ފެންނަ މަންޒަރުތަކުގައި ދައްކާފައި ހުރި ވާހަކަތަކަށް ބަލާއިރު ބަޑި ނުޖަހައި ޑޯންޓޭ ކޮންޓްރޯލް ކުރެވެން އޮތެވެ. އޭނާ ބުނީ ޓޭޒާ ބަޑި ކަމަށް ހީކޮށް އުނޑަ ބަޑި ޖެހުނީ ކަމަށެވެ.