ބޮލީވުޑް

ސްޓާރުންގެ ދަރިންގެ ތެރެއިން މިއަހަރު ތައާރަފްވާ އެކްޓަރުން

ފިލްމީ ތަރިންގެ ބައެއް ދަރިން މިއަހަރު އަލަށް ފިލްމު ކުޅެން ފަށާނެކަން އިއުލާން ކޮށްފައި ވެއެވެ. އެގޮތުން މިއަހަރު ތައާރަފު ވާނެކަން ރަސްމީކޮށް އިއުލާން ކޮށްފައިވާ ތަރިންގެ ތެރޭގައި އިރްފާން ޚާންގެ ދަރިފުޅާއި ސަންޖޭ ކަޕޫރުގެ ދަރިފުޅު އަދި ސަނީ ޑެއޯލްގެ ދަރިފުޅު ހިމެނެ އެވެ.

1
 

ޝަނާޔާ ކަޕޫރު

ޝަނާޔާ ބޮލީވުޑަށް ލޯންޗު ކުރާނީ ކަރަން ޖޯހަރް އެވެ. ކަރަން ވަނީ މިކަން އިއުލާން ކޮށްފަ އެވެ. އަނިލް ކަޕޫރާއި ބޯނީ ކަޕޫރުގެ ކޮއްކޮ އަދި ފިލްމު އެކްޓަރު ސަންޖޭ ކަޕޫރުގެ ދަރިފުޅު ޝަނާޔާގެ ބޮލީވުޑް ފުރަތަމަ ފިލްމު އިއުލާން ކުރުމުގެ ކުރިން އޭނާ ވަނީ ޖާންވީގެ "ގުންޖަން ސަކްސޭނާ: ދަ ކާރްގިލް ގާލް" ގައި އެސިސްޓެންޓް ޑައިރެކްޓަރެއްގެ ގޮތުގައި މަސައްކަތް ކޮށްފަ އެވެ.

2
 

ބާބިލް ޚާން

މިދިޔަ އަހަރު މި ދުނިޔެއަށް އަލްވަދާއު ކިޔާފައިވާ ހުނަރުވެރި އެކްޓަރު އިރްފާން ޚާންގެ ދަރިފުޅު ބާބިލް ވެސް މި އަހަރު ފިލްމު ކުޅެން ފަށާކަން ވަނީ އިއުލާން ކޮށްފަ އެވެ. ބަތަލާ ޓްރިޕްތީ ޑިމްރީ އާއެކު ބާބިލް ތައާރަފްވަނީ "ގަލާ" ކިޔާ ފިލްމަކުންނެވެ. މިއީ ނެޓްފްލިކްސް އޮރިޖިނަލް އަށް އަނުޝްކާ ޝަރުމާ ޕްރޮޑިއުސްކުރާ ފިލްމެކެވެ.

3
 

ރާޖްވީރް ޑެއޯލް

ކުރީގެ މަޝްހޫރު އެކްޓަރު ދަރުމެންދުރަގެ ކާފަ ދަރިފުޅު އަދި އެކްޓަރު ސަނީ ޑެއޯލްގެ ހަގު ފިރިހެން ދަރިފުޅު ރާޖްވީރްގެ ފުރަތަމަ ފިލްމު ވެސް މިއަހަރު ނުކުންނާނެކަން ވަނީ އިއުލާން ކޮށްފަ އެވެ. ރާޖްވީރް ތައާރަފްކުރުމުގެ ޒިންމާ އާ ހަވާލުވެފައިވަނީ ޑައިރެކްޓަރު ސޫރަޖް ބަރްޖަތުޔާގެ ރާޖްޝްރީ ޕްރޮޑަކްޝަނުންނެވެ. ރާޖްވީރް ތައާރަފްވާ ފިލްމަކީ ސޫރަޖްގެ ދަރިފުޅު އަވްނީޝް ބަރްޖަތިޔާ ޑައިރެކްޓަރެއްގެ ގޮތުގައި ތައާރަފްވާ ފިލްމު ވެސް މެއެވެ.

މީގެ އިތުރުން ޖާންވީގެ ކޮއްކޮ ޚުޝީ ކަޕޫރު ވެސް ވަރަށް އަވަހަށް ފިލްމު ކުޅެން ފަށަން ވަނީ ހަމަޖެހިފަ އެވެ. ނަމަވެސް ޚުޝީގެ ފުރަތަމަ ފިލްމު އަދި އިއުލާނެއް ނުކުރެ އެވެ. ނިއު ޔޯކް ޔުނިވަސިޓީގައި މިހާރު ކިޔަވަމުންދާ ޚުޝީ ތައާރަފްކުރުމުގެ ޒިންމާ އުފުލާނީ އޭނާ ނޫން ކަމަށް ޚުޝީގެ ބައްޕަ، ޕްރޮޑީއުސަރު ބޯނީ ކަޕޫރު ވަނީ ބުނެފަ އެވެ.