ލައިފްސްޓައިލް

މެޗުގެ ވަކި ހިސާބަކުން ކުޅުންތެރިން ރޯދަ ވީއްލާ މަންޒަރު

ތުރުކީގެ ދެ ވަނަ ޑިވިޝަނުގެ ފުޓުބޯޅަ މެޗެއްގެ ވަކި ހިސާބަކުން 11 މިނިޓަށް ކުޅުން މެދުކަނޑާލި އެވެ. އެ މެޗުގައި ބައިވެރިވެ ކުޅެމުންދާ މުސްލިމް ކުޅުންތެރިން ރޯދަ ވީއްލަން ފުރުސަތު ދިނުމުގެ ގޮތުންނެވެ.

މެޗުގެ ކުޅުން ކުރިއަށް ދަނިކޮށް ބަންގި ގޮވާ އަޑު އިވެން ފެށުމާއެކު ކުޅުން ހުއްޓާލައި އަންކާރާ ކެޖިއޮރެންކުޖޫގެ ހަތަރު ކުޅުންތެރިއަކު ރޯދާ ވީއްލާ މަންޒަރު ވެގެން ގޮސްފައި ވަނީ ގިނަ ބަޔެއްގެ ހިތާ ކުޅެލި މަންޒަރަކަށެވެ. މި ކުޅުންތެރިން ކަދުރާއި ދޮންކޭލުން ރޯދާ ވީއްލިއިރު ގޯލްކީޕަރު ފެން ފޮދަކުން ރޯދަ ވީއްލާ މަންޒަރު ފެނިފައި ވެއެވެ.

ތުރުކީގެ ސްޕޯޓްސް ޗެނަލަކުން މި މަންޒަރު ޓުވިޓާގައި ޝެއާ ކުރުމުން ސޯޝަލް މީޑިއާގައި ވީޑީއޯ ވައިރަލްގެ ކުޑަ އިރުކޮޅެއް ތެރޭ 4.7 މިލިއަން މީހުން މި ވީޑިއޯ ބަލާފައި ވެއެވެ.

މެޗު ރާވާފައި އޮތީ ބަންގި ގޮވީމަ ކުޅުން މެދުކަނޑާލާ ގޮތަކަށް ނޫނެވެ. ނަމަވެސް އަންކާރާ ކެޖިއޮރެންކުޖޫގެ ކުޅުންތެރިޔަކަށް އަނިޔާ ވެގެން މެޗުގެ ކުޅުން ހުއްޓުނު ވަގުތަކާ ބަންގި ގޮވި ވަގުތާ ދިމާވުމުން ކުޅުންތެރިން ރޯދަ ވީއްލާ މަންޒަރު ފެނިފައި އިތުރު ވަގުތުކޮޅަކަށް ކުޅުން މެދުކަނޑާލީ އެވެ.

ފުޓުބޯޅަ މެޗެއްގެ މެދުތެރެއިން ކުޅުންތެރިން ރޯދަ ވީއްލާ މަންޒަރު ފެނުނު މިއީ ފުރަތަމަ ފަހަރެއް ނޫނެވެ. ޓިއުނީޝިޔާގައި 2018 ގެ ރޯދަމަހު ކުޅުނު ފުޓުބޯޅަ މެޗެއްގައި ބަންގި ގޮވީމަ ކުޅުންތެރިން ރޯދަ ވިއްލަން ފުރުސަތު ދޭން ކުޅުންތެރިއަކު ޒަޚަމްވީ ކަމަށް ހެދި މެޗުގެ ކުޅުން ހުއްޓުވާފައި ވެއެވެ.

ޔޫރަޕްގެ ގައުމުތަކުގައި އާއްމުކޮށް ފުޓުބޯޅަ މުބާރާތްތައް ކުޅެނީ ރޭގަނޑު ކަމަށް ވާތީ ރޯދަޔަށް ތިބޭ ކުޅުންތެރިންނަށް ރޯދަ ވީއްލަން މައްސަލަތައް ދިމާވެ އެވެ.