ފިޔާތޮށި ކުލަ ލާފައިހުރި ރުކެއް، އެމްޑީޕީގެ ސަޕޯޓަރުން ނިކުމެ ކަނޑާލި މައްސަލަ އެޕާޓީން ކުށްވެރި ކޮށްފި އެވެ.
އަތޮޅުތެރޭގެ ރަށެއްގައި އެމްޑީޕީގެ ސަޕޯޓަރުންތަކެއް ރުކެއް ކަނޑާލާ މަންޒަރު ފެންނަ ވީޑިއޯއެއް މިއަދު ވަނީ ވަރަށް ބޮޑަށް ވައިރަލްވެފައެވެ. ފިޔާތޮށި ކުލަލާފައިހުރި އެ ރުއް އެމްޑީޕީގެ ސަޕޯޓަރުން ނިކުމެ ކަނޑާލާފައިވަނީ ކަރަންޓް ކީހެއް ބޭނުން ކޮށްގެންނެވެ. ރީދޫ ޓީސާޓާއި ރީދޫ ފޮތިތަކެއް ގައިގައި އޮޅައިގެން ތިބި ބަޔަކު ރުއް ކަނޑާލަން ނިކުތުމުން ފިޔާތޮށި ކުލައިގެ ޓީޝާޓެއް ލައިގެން ހުރި މީހަކު ވަނީ ރުކުގައި ބައްދައިގަނެ ރުއް ކެނޑުމަށް ހުރަސް އަޅާފައެވެ. ނަމަވެސް އެމީހާ އެ ތަނުން ދުރުކޮށް ހިނދުކޮޅެއްގެ ތެރޭގައި ކަރަންޓް ކީހުން ވަނީ ރުއް ބިމާ ހަމަކޮށްލާފައެވެ.
އެ މަންޒަރު ފެންނަނަ ވީޑިއޯތަކާއެކު ވަރަށް ގިނަ ބަޔަކު ދަނީ އެމްޑީޕީއަށް ފާޑުކިޔަމުންނެވެ. އަދި ސިޔާސީ ފިކުރު މި ދަރަޖައަށް ގެންދިއުން ބަލައިނުގަނެވޭ ކަމަށް ބުނެފައިވެއެވެ.
އެ ވީޑިއޯއާއެކު އެމްޑީޕީގެ ރަސްމީ ޓްވިޓާ އެކައުންޓުން މިރޭ ކުރި ޓްވީޓެއްގައި ބުނެފައިވަނީ މިފަދަ އަމަލު ހިންގުމަކީ އެމްޑީޕީން އެއްގޮތަކަށްވެސް ހިތްވަރު ދޭނެ ކަމެއް ނޫން ކަމަށެވެ.
"މި ޕާޓީގެ އެއްވެސް މެންބަރަކު އަދި ޕާޓީއަށް ތާއީދުކުރާ އެއްވެސް ފަރާތަކުންވެސް މިފަދަ އަމަލު ނުހިންގުމަށް ދަންނަވަން،" އެމްޑީޕީގެ ޓްވީޓްގައިވެއެވެ.
ރުއް ކަނޑާލި ވަގުތު އެސަރަހައްދަށް އެއްވެފައި ތިބި އެމްޑީޕީގެ ގިނަ އަދަދެއްގެ ސަޕޯޓަރުން އުފާފާޅުކޮށް ހަޅޭލަވާ ހަދާފައިވެއެވެ. މިއީ ށ. ފޯކައިދޫގައި ހިނގާދިޔަ ކަމެކެވެ. އެރަށު އެމްޑީޕީ މެންބަރުން ބުނީ އެއީ ހޮނިހިރު ދުވަހު ނިމިގެންދިޔަ ކައުންސިލް އިންތިހާބުގައި ލިބުނު ކާމިޔާބީ ފާހަގަކުރުމުގެ ގޮތުން ކުރި ކަމެއް ކަމަށެވެ.
ރާއްޖެއަށް ސިޔާސީ ޕާޓީތައް ތައާރަފުވެގެން އައި ދުވަސްވަރު ޕާޓީތަކުގެ އިސްވެރިން ރަށްރަށަށް ވަޑައިގަތުމުން މަރުހަބާ ކިޔަން ތައްޔާރުކުރާ ބުއިންތަކުގައި ޕާޓީ ކުލަ ބޭނުން ކުރުމާއި ކެއުންތަކުގައި ޕާޓީގެ ކުލަ ހިމެނުން ފަދަ ކަންކަން ކުރެއެވެ. ނަމަވެސް އެފަދަ ކަންކަން ކުރާތީ މިހާރު ވަރަށް ނުފެނެއެވެ.