މާލޭގެ ޑެޕިއުޓީ މޭޔަރު ކަމަށް ކުރިމަތިލައްވާނެ ކަމަށް ޕީޕީއެމްގެ ވިލިމާލެ ދާއިރާގެ އިންތިހާބީ ކައުންސިލަރު ނަހުލާ އަލީ ވިދާޅުވެއްޖެ އެވެ.
މާލެ އާއި މުންޑުއަށް ނިސްބަތްވެ ވަޑައިގަންނަވާ ނަހުލާ ރޭ ބަޔާނެއް ނެރުއްވައި ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބު ޕީޕީއެމުން ކާމިޔާބު ކުރަން ވޯޓުލާ އާބާދީގެ ދެބައިކުޅަ އެއްބަޔަށް ވުރެ ބޮޑު ބައެއް ކަމަށްވާ އަންހެނުންނާއި ޒުވާނުންގެ ގިނަ އަދަދެއްގެ ވޯޓު ހޯދަންޖެހޭ ކަމަށެވެ. އެކަން ކުރަން އިލްމީ ގާބިލް، ހިތްވަރު ހުރި ކެރޭ އަންހެނަކަށް ޑެޕިއުޓީ މޭޔަރު ކަމުގެ ފުރުސަތު ލިބިގެން ދިއުމަކީ ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ހިތްވަރު ދެއްވާ ގޮތް ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.
މާލެ ސިޓީގައި މިހާރުވެސް މޭޔަރަކީ އަންހެން ބޭފުޅެކެވެ. ޑެޕިއުޓީ މޭޔަރުކަން ކުރައްވަނީ ފިރިހެން ބޭފުޅެކެވެ.
އެކަމަށް އިޝާރާތް ކުރައްވާ ނަހުލާގެ ވިދާޅުވީ އަންހެނުންނާއި ފިރިހެނުންނަށް ހަމަހަމަ ފުރުސަތު އަދި ހަގީގީ ބާރުވެރިކަން ދެ ޖިންސަށް ހަމަހަމައަށް ލިބިދިނުމަކީ މި ދައުރުގައި ޕީޕީއެމުން ވެސް ތަރުހީބު ދޭނެ ކަމެއް ކަމުގައި ޔަގީންކުރައްވާ ކަމަށެވެ.
މާލެ ސިޓީ ކައުންސިލްގައި މޭޔަރާއެކު 18 ކައުންސިލަރުން ތިއްބަވާއިރު ވަގުތީ ނަތީޖާ ދައްކާ ގޮތުން ޕީޕީއެމުން ވަނީ ކައުންސިލްގެ ސާފު އަގުލަބިއްޔަތެއް ހޯދާފަ އެވެ. އެހެންކަމުން މާލޭގެ ޑެޕިއުޓީ މޭޔަރު ކަން ލިބިވަޑައިގަންނަވާނީ ވެސް ޕީޕީއެމްގެ ކައުންސިލަރަކަށް ކަމަށް ބެލެވެ އެވެ.
ޕީޕީއެމްގެ ސަޕޯޓަރުން ގެންދަނީ މާލޭގެ ޑެޕިއުޓީ މޭޔަރު ކަމަށް ތިން ބޭފުޅަކަށް ކެމްޕޭން ކުރަމުންނެވެ. އެއީ ނަހްލާގެ އިތުރުން ހުޅުމާލެ ދާއިރާގެ އިންތިހާބީ ކައުންސިލަރު އަދި ޕީއެންސީގެ ނައިބު ރައީސް އިބްރާހީމް ޝުޖާއު އާއި މާފަންނު ދެކުނު ދާއިރާގެ އިންތިހާބީ ކައުންސިލަރު އަބްދުﷲ ނާސިރެވެ.