ކަރަން ޖޯހަރްގެ "ދޯސްތާނާ 2" ގައި ލީޑް ރޯލު ކުޅެން ހަމަޖެހިފައިވާ އެކްޓަރު ކާރްތިކް އާރްޔަން އެ ފިލްމުން ވަކިކޮށްފި ކަމަށް އިންޑިއާގެ ނޫސްތަކުން ބުނެފި އެވެ. ކަރަން އާއި ކާރްތިކްގެ މެދުގައި ޖެހުނީ ކޮން މައްސަލައެއް ކަމެއް އަދި ސާފެއް ނުވެ އެވެ.
"ދޯސްތާނާ 2" އަކީ 2008 ގައި އަބީޝެކް ބައްޗަން އާއި ޖޯން އަބްރަހަމް އާއެކު ކަރަން އުފެއްދި "ދޯސްތާނާ" ގެ ސީކުއަލް އެކެވެ. ކާރްތިކް އާއި ޖާންވީ ކަޕޫރު އަދި އަލަށް ތައާރަފްވާ ލަކްޝަޔާ އާއެކު "ދޯސްތާނާ 2" އިއުލާނު ކުރީ މީގެ ދެ އަހަރެއްހާ ދުވަސް ކުރިންނެވެ. "ދޯސްތާނާ 2" އިއުލާން ކުރުމުން ފޭނުންތައް މިކަމާ ވަރަށް އުފަލުން އުޅުނެވެ.
ފިލްމުގެ ޝޫޓިންގް ފަށައި ބޮޑު ބައެއް ނިންމާފައި ވަނިކޮށް ކުއްލިއަކަށް ކާރްތިކް ފިލްމުން ވަކިކޮށްފި ކަމުގެ ޚަބަރުތަކެއް އިއްޔެ އިންޓަނެޓުގައި ދައުރުވާން ފެށި އެވެ. އޭނާ ވަކިކުރި ސަބަބު ހާމަ ކޮށްފައި ނުވިޔަސް އެއީ ޕްރޮފެޝަނަލް ސަބަބު ތަކަކާ ހުރެ ކަމަށް ވެއެވެ. އެއާއެކު ފޭނުން މާޔޫސްވެ ކަރަން އާ މުޚާތަބުކޮށް ވަރަށް ފާޑުފާޑުގެ ކޮމެންޓުތައް ކޮށްފައި ވެއެވެ.
ކަރަން އާއި ކާރްތިކްގެ މެދުގައި ޖެހުނީ ކޮންމެ ކަހަލަ މައްސަލައަކަށް ވީ ނަމަވެސް ޔަގީންވާ އެއް ކަމަކީ މި ފިލްމުން ކާރްތިކް ވަކިކުރުމުން ޕްރޮޑިއުސަރުންނަށް 20 ކްރޯޑު ރުޕީސްގެ ގެއްލުމެއް ބޮލުގައި އަޅަން ޖެހޭނެ އެވެ.
ބޮލިވުޑް ހަންގާމާގައިވާ ރިޕޯޓެއް ބުނާ ގޮތުގައި ފިލްމުގެ 24 ދުވަހުގެ ޝޫޓިން ވަނީ ފުރިހަމަކޮށްފަ އެވެ. މީގެ ތެރެއިން 20 ދުވަހުގެ ޝޫޓިންގްގައި ކާރްތިކް ބައިވެރިވުމަށްފަހު ފިލްމުގެ ސްކްރިޕްޓްގެ ފަހު ބައި ކަމުނުގޮސްގެން އެކަމާ މައްސަލަ ޖައްސަން ފެށީ އެވެ. މިކަމާ ކާރްތިކް ދެކެ ކަރަން ހިތްހަމަނުޖެހި ފިލްމުން އޭނާ ވަކިކުރަން ނިންމީ އެވެ.
ފިލްމުގެ ބޮޑު ބައެއްގެ ޝޫޓިން ކާރްތިކް ފުރިހަމަ ކޮށްފައި އޮތުމުން އޭނާގެ ބަދަލުގައި އެހެން އެކްޓަރެއް ފިލްމަށް ގެންނަ ނަމަ އަލުން ހުރިހާ ބައިތަކެއް ޝޫޓްކުރަން ޖެހޭނެ އެވެ. މިކަމަށްޓަކައި ވަރަށް ގިނަ އަދަދެއްގެ ފައިސާ އިތުރަށް ބޭނުންވާނެ އެވެ.
ދަރްމާ ޕްރޮޑަކްޝަނުން މިކަމާ ގުޅޭ ގޮތުން ނެރުނު ބަޔާނުގައި ފިލްމުން ވަކި ކުރީ ކޮން އެކްޓަރެއް ކަމެއް ކަނޑައެޅިގެން ބުނެފައެއް ނެތެވެ. ހަމައެކަނި ބުނެފައިވަނީ ޑައިރެކްޓަރު ކޮލިން ޑިކުންހާގެ "ދޯސްތާނާ 2"ގެ ތަރިން ބަދަލުކުރަން ހަމަޖެހިފައިވާ ކަމަށާއި އިތުރު ތަފްސީލު ފަހުން އިއުލާން ކުރާނެ ކަމަށެވެ. އަދި މިކަމާ ގުޅޭ ގޮތުން އިތުރު ވާހަކަތައް ދައްކަން އެ ފިލްމު ކުންފުނިން ބޭނުން ނޫން ކަމަށް ވެސް ބުނެފައި ވެއެވެ.
ކާރްތިކް ފިލްމުން ވަކިކުރުމަށްފަހު އޭނާ ކުޅެމުންދިޔަ ރޯލު ދޭން ހަމަޖެހިފައިވަނީ ވިކީ ކޯޝަލް ނުވަތަ ރާޖް ކުމާރު ރާއޯ އަށް ކަމުގެ އަޑުތައް ވެސް ވަނީ ގަދަވެފަ އެވެ.
"ދޯސްތާނާ 2" އިން ކާރްތިކް ވަކިކުރިކަން ކަރަން ކަނޑައެޅިގެން މީޑިއާގައި ނުބުންޏަސް މި ދެ ފަންނާނުންގެ މެދުގައި މައްސަލަތައް ޖެހިފައިވާކަން ޔަގީންވީ އެހެން ކަމެއް އިއްޔެ ހިނގާފައި ވެއެވެ. އިންސްޓަގްރާމުގައި ކުރިން ކާރްތިކް ފޮލޯކުރަމުން އައި ކަރަން އިއްޔެ ކާރްތިކް އަންފޮލޯ ކޮށްފައި ވުމެވެ.