ދުނިޔެ

ރަޝިއާއިން އެމެރިކާއަށް މިވަގުތު ދޭ ޖަވާބު

ރަޝިއާއަށް ދަތިކުރަން އެމެރިކާއިން އެޅި ފިޔަވަޅުތަކަށް ޖަވާބު ދިނުމަކީ ހައްގެއް ކަމަށް ދެކެވަޑައިގަންވާ ކަމަށް ފޮރިން މިނިސްޓަރު ސަރުގޭ ލަވްރޯފް ވިދާޅުވެއްޖެ އެވެ. ވަޒީރު ވިދާޅުވީ އެމެރިކާ ދެ ކަކޫ މައްޗަށް ތިރިކޮށްލަން ރަޝިއާއަށް ވަގުތު ނުނަގާނެ ކަމަށާއި މިފަދައިން ހުރި ފިޔަވަޅުތަކާ ހިސާބަށް ދާނީ ގޮތް ހުސްވުމުން ކަމަށެވެ.

ވަޒީރު ވިދާޅުވީ މިވަގުތަށް ހައްދަ ވާނީ ކުޑަ ގޮތެއް ކަމަށާއި ލޮލަކަށް ލޮލެއް އަދި ކަންފަތަކަށް ކަންފަތެއް ކަމަށެވެ.

މޮސްކޯއިން ބުނީ މި ހާލަތުގައި އަމަލު ކުރަން އެންމެ ރަނގަޅު ގޮތަކީ އެމެރިކާގައި ހުންނެވި ރަޝިއާގެ ސަފީރު ގައުމަށް ގެންނެވި ގޮތަށް ރަޝިއާގައި ހުންނެވި އެމެރިކާ ސަފީރު ޖޯން ސުލިވަން ގައުމަށް ވަޑައިގަތުން ކަމަށެވެ. އަދި ވިދާޅުވީ އެމެރިކާ ސަފީރަށް މިވަގުތު ކައުންސެލިން ބޭނުންފުޅުވާނެ ކަމަށެވެ.

ރަޝިއާއިން އެމެރިކާއާ ދެކޮޅަށް އަޅާ ފިޔަވަޅުތަކުގައި ޑިޕްލޮމެޓުން ގާއިމުވެ ތިއްބަވާ ސީޓީން ބޭރުވެވޭ ގޮތަށް އޮތް އޮތުން ބާތިލު ކުރާނެ އެވެ. މިކަމާ ގުޅިގެން ކުރިން އެއްބަސްވެފައި ހުރި އެއްބަސްވުންތައް ބާތިލްކުރާނެ އެވެ. އަދި 10 ޑިޕްލޮމެޓަކު ރަޝިއާއިން ބޭރު ކޮށްލާނެ އެވެ.

އެމެރިކާގެ ޑިޕްލޮމެޓުންނަށް ރަޝިއާއިން ދޫކުރާ ކުރު މުއްދަތުގެ ވިސާ އަދަދު ދަށް ކުރާނެ އެވެ. އަދި އެމެރިކާގެ ޑިޕްލޮމެޓިކް އޮފީސްތަކުގައި ރަޝިއާ މީހުންނަށް އަދި ތިންވަނަ ގައުމުއްގެ ރައްޔިތަކަށް ވަޒީފާއަދާކުރުން މަނާވާނެ އެވެ.

ރަޝިއާއަށް ދަތިކުރަން އެމެރިކާއިން އެޅި ފިޔަވަޅުތައް ތަންފީޒްކުރުމުގައި އެހީތެރިވާނެ ކަމަށް ބެލެވޭ އަށް މެމްބަރަކު ރަޝިއާއަށް އެރުން މަނާވާނެ އެވެ. އޭގެ ތެރޭގައި އެހާރާއި މިހާރު އެމެރިކާ ސަރުކާރުގައި ހައިސިއްޔަތެއް އޮތް ބޭފުޅުން ހިމެނެ އެވެ. މީގެ އިތުރުން ރަޝިއާގައި ހަރަކާތްތެރިވާ އެމެރިކާގެ ކުދިކުދި އޮޕަރޭޝަންތައް ހުއްޓުވާނެ އެވެ.

ރަޝިއާއަށް އެރުން މާނާ ލިސްޓްގައި ހިމެނޭ އަށް ބޭފުޅުންގެ ތެރޭގައި އެފްބީއައި ޑައިރެކްޓަރު ކްރިސްޓޮފާ ރޭ، އެޓާނީ ޖެނެރަލް މެރިކް ގާލޭންޑް އަދި ޓްރަމްޕްގެ ނެޝަނަލް ސެކިޔުރިޓީ އެޑްވައިޒަރު ޖޯން ބޯލްޓަން ހިމެނި ވަޑައިގަންނަވަ އެވެ.

ރަޝިއާގެ ފޮރިން މިނިސްޓްރީން ބުނީ އެމެރިކާއިން އެޅި ފިޔަވަޅަކަށް ފިޔަވަޅެއް އަޅާނެ ކަމަށާއި ވިސްނުން ހުރީ ދޫކުރާ ގޮތަށް ނޫން ކަމަށެވެ.