ރޯދަމަހަކީ އަޅުކަމާއި ގުޅުންތައް އާލާ ކުރުމުގެ މަހެކެވެ. ރޭގަނޑުގެ ގިނަ ވަގުތުތައް އަޅުކަމުގެ ހޭދަ ކުރުމާއި ހާރުދަމު ހޭލާ އުޅެން ޖެހުމުގެ ސަބަބުން އެކަށީގެންވާ މިންވަރަކަށް ނުނިދޭކަމުގެ ޝަކުވާ ވަރަށް ގިނަ ބަޔަކު ރޯދަ މަސް އައުމުން ކުރެ އެވެ.
ދިރާސާތަކުން ދައްކާ ގޮތުގައި ރޯދަޔަށް ތިބޭ މީހުންނަށް ނިދޭ މިންވަރު އެނޫން މަސްތަކުގައި އެމީހުން ނިދާ މިންވަރަށް ވުރެ ދޮޅުގަޑިއިރު މަދެވެ. މީގެ އިތުރުން ނިދުމުގެ ކޮލިޓީ އަށް ވެސް ރޯދަ މަހު ބަދަލު އާދެ އެވެ. ނިދާލާފައި މާ ގިނައިރު ނޯވެވި އިރުއިރުކޮޅާ ތެދުވަން ޖެހޭތީ އެވެ.
އެހެންކަމުން ޑޮކްޓަރުން އިރުޝާދު ދެއްވަނީ ރޯދަޔަށް ތިބޭ މީހުން ނިދާ ވަގުތުތައް ކަނޑައަޅައި ދުރާލާ ޝެޑިއުލްކޮށްފައި ބެހެއްޓުމަށެވެ. އަދި އެންމެ މަދުވެގެން ހަތަރު ގަޑިއިރު އެއްގޮތަކަށް ވެސް ނުހޭލާ ނިދޭނެ ފަދަ ގޮތަކަށް ކަންކަން ރާވާލުމަށް ވެސް ޑޮކްޓަރުން އިރުޝާދު ދީފައި ވެއެވެ.
އިންސާނާގެ ސިއްހަތު ސަލާމަތުން ހުރުމަށްޓަކައި ނިންޖަކީ މުހިއްމު އެއްޗެކެވެ. ބެޓެރީއެއް ރަނގަޅަށް ޗޭޖްކޮށްގެން ނޫނި އިލެކްޓްރޯނިކް ޑިވައިސްތައް ބޭނުން ނުކުރެވޭ ގޮތަށް އިންސާނާއަށް ވެސް އެކަށީގެންވާ ވަރަށް ނިދި ނުލިބި އޭނާގެ ހަށިގަނޑު އެކަށީގެންވާ ގޮތަކަށް މަސައްކަތެއް ނުކުރާނެ އެވެ.
ނިދި މަދުވުމަކީ މީހާގެ ހަށިގަނޑަކާއި މޫޑަށް ވެސް ބަދަލު އަންނަ ކަމެކެވެ. ބަރުދަން އިތުރުވެ ހިތުގެ ބަލިތަކަށް މަގު ފަހިވާ ކަމެއް ވެސް މެއެވެ.
ރޯދަ މަހުގެ ރޭގަނޑުގެ ގިނަ ވަގުތުތަކުގައި ހޭލާ ތިބޭ މީހުން ގިނަވާ ގޮތަށް މެންދުރު 12 ޖަހަންދެން ނިދާ މީހުން ވެސް އެ މަހުގެ ތެރޭގައި ގިނަވާކަން ތަޖުރިބާކާރުން ފާހަގަ ކުރައްވަ އެވެ.
ސްކޫލަށް ކިޔަވަންދާ ކުދިންގެ ތެރެއިން ވެސް ރޯދަ މަހު މާ ގިނަ ކުދިންނަށް ކުލާޙުގައި ނިދެ އެވެ. މިކަމާ ގުޅޭ ގޮތުން އެއްކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު އާދައިގެ މަސް މަހުގައި ކުލާހުގައި ކުދިންނަށް ނިދޭ މިންވަރު 15 ޕަސެންޓުގައި އުޅޭއިރު ރޯދަ މަހު ކުދިންނަށް ނިދޭ މިންވަރު 36 ޕަސެންޓަށް އިތުރުވާ ކަމަށް ތަޖުރިބާކާރުން ބުނެފައި ވެއެވެ.
ސްލީޕް އެކްސްޕާޓުން އިރުޝާދު ދެއްވަނީ ރޯދަ މަހު ހާރުކެއުމުގެ ކުރިން މަދުވެގެން ހަތަރު ގަޑިއެއްހާއިރު ނިދޭނެ ގޮތަކަށް ކަންކަން ރާވާލާ އެހާ ވަގުތު ނިދޭކަން ޔަގީން ކުރުމަށެވެ. އަދި އޭގެ ފަހުން ހާރު ކައިގެން ފަތިސް ނަމާދަށްފަހު އިރު އެރީމަ ނިދަން އޮށޯވެ ދެ ތިން ގަޑިއިރު ނިދާލުމުން ބަރާބަރަށް ނިދި ހަމަވާނެ ކަމަށެވެ. ކުދިކުދި ނެޕް ދޭތެރެއަކުން ނެގުމަކީ ވެސް ރަނގަޅު ކަމެއް ކަމަށް ތަޖުރިބާކާރުން ބުނެ އެވެ. އޭރުން ސިކުނޑި އަނެއްކާވެސް ރިފްރެޝް ވާނެ އެވެ.
"ނެޕް ނަގާއިރު 20 ވަރަކަށް މިނިޓަށް ވުރެ އިތުރު ކޮށްގެން ނުވާނެ. އެހާ ވަގުތުކޮޅަކަށް އެލާމް ކޮށްގެން އޮށޯތުން ރަނގަޅީ،" ތަޖުރިބާކާރަކު ވިދާޅުވި އެވެ.