ލޯކަލް ކައުންސިލްތަކުގެ އިންތިހާބު

ވަގުތީ ނަތީޖާތައް މިރޭ އިއުލާނުކޮށް ނިމޭނެ: އީސީ

މިދިޔަ ހޮނިހިރު ދުވަހު ކުރިއަށް ގެންދިޔަ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިހާބުގެ ވަގުތީ ނަތީޖާ އިއުލާނު ކުރަން ފަށާފައިވާއިރު މިރޭ އިއުލާނުކޮށް ނިންމައިލުމަށް މަސައްކަތް ކުރާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފި އެވެ.

އިންތިހާބުގެ ވަގުތީ ނަތީޖާ އިއުލާނު ކުރަން އެކި ފަހަރު މަތިން ކޮމިޝަނުން ވަނީ މަަސައްކަތް ކޮށްފައެވެ. އެގޮތުން އާދިއްތަ ދުވަހު ހަވީރު އަދި ހޯމަ ދުވަހުގެ ރޭވެސް ވަގުތީ ނަތީޖާ އިއުލާން ކުރަން ފަށަން މަސައްކަތް ކުރިއެެވެ. އެކަން ނުވެ އޮތީ އިތުރަށް ބަލަން ޖެހޭ ބައެއް ކަންކަން ހުރުމުންނެވެ.

އީސީ އިން މިއަދު ބުނީ ރޭ ދަންވަރު 3:30 އާއި ހަމައަށް ލޯކަލް ކައުންސިލް އިންތިހާބުގެ 91 ޕަސެންޓް ވަގުތީ ނަތީޖާ އިއުލާނުކޮށް ނިމިފައިވާ ކަމަށެވެ. އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ 86 ޕަސެންޓް ވަގުތީ ނަތީޖާ އިއުލާނު ކުރެވިފައިވާ ކަމަށާއި މުޅި އިންތިހާބުގެ ޖުމްލަ 90 ޕަސެންޓް އިއުލާނު ކުރެވިއްޖެ ކަމަށެވެ.

ކޮމިޝަނުން ބުނީ މިހާތަނަށް އިއުލާނު ނުކޮށް ހުރި ނަތީޖާތައް މިރޭ 10:00 ގައި އިއުލާނުކުރަން ފަށާނެ ކަމަށެވެ.

ކޮމިޝަނުން ވަނީ 18 ފޮއްޓެއް އަލުން ގުނަން ނިންމާފައެވެ. އެއީ ނަތީޖާ ޝީޓްތަކުގައި މައްސަލަތަކެއް ހުރިކަން ފާހަގަ ކުރެވުމުންނެވެ. މީގެ އިތުރުން އެމްޑީޕީން ވަނީ ހަ ވޯޓް ފޮއްޓެއް ގުނަން ހުށައަޅާފައެވެ. އަދި ނަތީޖާ ކަށަވަރުކުރުމަށް އީސީ އިން ރޭ ވަނީ ތިން ވޯޓު ފޮއްޓެއްގެ ސެކިއުރިޓީ އުރަ ކަނޑައިފަ އެވެ.