ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ވޭމަންޑޫ

ވޭމަންޑޫ ކްލަސްޓާ: 53 ޕޮޒިޓިވް، 104ގެ ކަރަންޓީނަށް

ތ. ވޭމަންޑޫ ކްލަސްޓާއާ ގުޅުންހުރި 53 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށް ތ. އަތޮޅު ހޮސްޕިޓަލުން ބުނެފި އެވެ.

އެ ހޮސްޕިޓަލުން ބުނީ އިއްޔެގެ ނިޔަލަށް އެ ކްލަސްޓާއާ ގުޅުންހުރި 53 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށާ އޭގެ ތެރެއިން 48 މީހަކު ތިބީ ވޭމަންޑޫގައި ކަމަށެވެ. ތ. އަތޮޅުގެ ހަ ރަށެއް މޮނިޓަރިންގައި އޮތްއިރު ވޭމަންޑޫ ކްލަސްޓާއާ ގުޅުންހުރި މީހުން މަޑިފުއްޓާއި ކިިނބިދޫގައި އެބަތިއްބެވެ. ދެން މޮނިޓަރިންގައި އޮތީ ވިލުފުށި، އޮމަދޫ، ގާދިއްފުށި އަދި މަޑިފުއްޓެވެ.

ޕޮޒިޓިވް ކޭސްތަކާއި ގުޅިގެން އިއްޔެގެ ނިޔަލަށް 338 މީހެއްގެ ސާމްޕަލް ނަގާފައިވާއިރު 155 ސާމްޕަލެއްގެ ނަތީޖާ އަދި ނުލިބެއެވެ. އަދި ބައްޔަށް ޕޮޒިޓިވްވެފައިވާ މީހުންގެ ތެރެއިން އެކަކަށް ފެސިލިޓީގައި އެޑްމިޓްކޮށްގެން ދަނީ ފަރުވާ ދެމުންނެވެ.

ތ. އަތޮޅު ހޮސްޕިޓަލުން ބުނީ ވޭމަންޑޫގެ 104 ގެއެއް މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާ ކަމަށެވެ.

އެ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް ވިދާޅުވީ ވޭމަންޑޫގައި ކޮވިޑް ފެތުރުމުން ހުރި ދަތިތަކުގެ މައުލޫމާތު ހެލްތު މިނިސްޓަރު އަހުމަދު ނަސީމާ ހިއްސާ ކުރައްވާފައިވާ ކަމަށެވެ. އަދި ޓެސްޓް ކުރެވި އަވަހަށް ނަތީޖާ ލިބޭނެ ގޮތްތަކެއް ހަމަޖައްސަވައި ދެއްވާނެ ކަމުގެ ޔަގީންކަން މިނިސްޓަރު ދެއްވާފައިވާ ކަމަށެވެ.

މީގެ އިތުރުން ވޭމަންޑޫ ބޭސްފިހާރަ އަށް ބޭނުންވާ ބޭހުގެ ކަންކަން ސަރުކާރު ފިހާރަ، އެސްޓީއޯ އިން ހަމަޖައްސާނެ ކަމުގެ ޔަގީން ވެސް ދީފައިވާ ކަމަށެވެ.