ހައްޖުގެ އަޅުކަމަށްފަހު ރައީސް އަބްދުﷲ ޔާމީނާއި އަނބިކަނބަލުން ފާތުމަތު އިބްރާހިމް މިދިއަ ސެޕްޓެމްބަރު މަހުގެ 28 ވަނަ ދުވަހު މާލެ ވަޑައިގެންނެވި "ފިނިފެންމާ" ލޯންޗުކޮޅުގައި ރައީސް ޔާމީނަށް އަމާޒުކޮށް ދިން ހަމަލާގައި މެޑަމް ފާތުމަތު އިބްރާހިމްއަށޤ ލިބި ވަޑައިގެންނެވި އަނިޔާތަކަކަށް ފަރުވާ ހޯއްދެވުމަށް ގާތްގަނޑަކަށް 38 ދުވަހު އައިޖީއެމްއެޗުގައި ބޭއްވުމަށް ފަހު މިއަދު އެކަމަނާ ގެއަށް ދޫކޮށްލައިފި އެވެ.
ފަސްޓްލޭޑީ، މެޑަމް ފާތުމަތު އިބްރާހިމްގެ އޮފީހުގައި މަސައްކަތް ކުރައްވާ އިސް އޮފިޝަލަކު ވިދާޅުވީ މިއަދު ހަވީރު ޑޮކްޓަރުން މެޑަމް ދޫކޮށްލާފައިވާ ކަމަށާއި ނަމަވެސް ޑޮކްޓަރުން އެކަމަނާއަށް ދެއްވާފައިވާ އެއްވެސް ލަފައެއްގެ ތަފުސީލެއް މިވަގުތަށް ނެތް ކަމަށެވެ.
"ފިނިފެންމާ" ގެ ގައި ރައީސަށް އަމާޒުކޮށް ހަމަލާ ދިން ވަގުތު މެޑަމް ފާތުން އިންނެވި ގޮނޑިކޮޅުން ވިއްސައިގެން ގޮސް ވެއްޓުމުގެ ސަަބަބުން އެކަމަނާގެ މާބަދައިގެ ކަށިތަކުގެ ހަތް ތަނެއްގައި ރެނދުލާއި އެހެންވެސް ބައެއް އަނިޔާތައް ލިބި ވަޑައިގަތެވެ.
ސެޕްޓެމްބަރު 28 ވަނަ ދުވަހުން ފެށިގެން އެކަމަނާ އައިޖީއެމްއެޗްގައި އޮންނަވާއިރު އެތަކެއް ހާސް ބަޔަކު ވަނީ އެކަމަނާ އަށް ޒިޔާރަތްކޮށް ހެޔޮ އެދުމުގެ މެސެޖްތައް އެކި ގޮތްގޮތަށް ރައްދުކޮށްފައެވެ.
އަދި ހޮސްޕިޓަލްގައި އޮންނަވައިގެން އެކަމަނާ އާންމު ކުރެއްވި މެސެޖެއްގައި ވިދާޅުވެފައި ވަނީ ކުރިން ވެސް ކުރައްވަމުން ވަޑައިގެންނެވި މަސައްކަތުގައި ދެމި ހުންނަވާނެ ކަމަށެވެ.
މިއަދު އެކަމަނާ ދޫކޮށްލެއްވި އިރު ލޯންޗުކޮޅުގައި އަނިޔާވި އެހެން ބޭފުޅުން މީގެ ކުރިން ވަނީ ފަރުވާ އަށްފަހު ދޫކޮށްލާފައެވެ.
ހާލު ބެއްލެވި އެންމެނަށް މެޑަމް ޝުކުރު އަދާކުރައްވައިފި
ފަރުވާއަށް ފަހު ގެއަށް ވަޑައިގެން މެޑަމް ފާތުން ވަނީ އެކަމަނާގެ ރަސްމީ ފޭސްބުކް ޕޭޖް މެދުވެރިކޮށް ޝުކުރު އަދާ ކުރައްވާ މެސެޖެއް ޝާއިއު ކުރައްވާފަ އެވެ. އެކަމަނާގެ މެސެޖްގައި ވިދާޅުވެފައި ވަނީ އެކަމަނާ އާއި އާއިލާއާއެކު ސާބިތުވެ ތިއްބެވި އަދި ދުރާއި ގާތުން އެކަމަނާގެ ހާލު ބެއްލެވި ފަރާތްތަކަށް ޝުކުރު އަދާ ކުރައްވާ ކަމަށާއި އެކަމަނާގެ ހެޔޮއެދުންތައް ވަނީ ރައްޔިތުންނާއެކުގައި ކަމަށެވެ.