ނާއިލާ އިބްރާހިމް ކަލޭފާނު

ނާއިލާގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ

އަމީނިއްޔާ ސްކޫލަށް ވަރަށް ދިގު މުއްދަތެއްގައި ހިދުމަތްތަކެއް ކޮށްދެއްވި ހެންވޭރު ނީލްވިލާ ނާއިލާ އިބްރާހީމް ކަލޭފާނު އަވަހާރަވުމާއި ގުޅިގެން، އެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ތައުޒިޔާ ވިދާޅުވެއްޖެ އެވެ.

ރައީސްގެ ތައުޒީގެ މެސެޖްގައި ނާއިލާ އިބްރާހީމް ކަލޭފާނު އަވަހާރަވީ ހަވަރު އެއްސެވީ، ވަރަށް ފުން ހިތާމައާ އެކު ކަމަށް ވިދާޅުވެ އެ ހިތާމައިގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައިވެރިވެވަޑައިގެން، އާއިލާގެ އެންމެހައި މެންބަރުންނަށް ތައުޒިޔާ ވިދާޅުވެފައިވެއެވެ.

ނާއިލާ އިބްރާހީމް ކަލޭފާނަކީ، އަމީނިއްޔާ ސްކޫލްގެ އެކި މަގާމުތަކުގައި އެ ސްކޫލަށް ވަރަށް އިހްލާސްތެރި ހިދުމަތްތަކެއް ކޮށްދެއްވި އަދި އަމީނިއްޔާ ސްކޫލްގެ ދަރިވަރުންގެ ލޯތްބާއި އިހްތިރާމް ހޯއްދަވާފައިވާ ބޭފުޅެއްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އަދި ނާއިލާ އިބްރާހީމް ކަލޭފާނަކީ، އަމީނިއްޔާ ސްކޫލްގެ ދަރިވަރުން ތަރުބިއްޔަތު ކޮށްދެއްވުމުގައި ލާމަސީލު ނަމޫނާއެއް ކަމުގައި ވިދާޅުވިއެވެ.

ނާއިލާ އިބްރާހީމް ކަލޭފާނު އަވަހާރަވީ، އާލާސްކަންފުޅާ އުޅުއްވާތާ ދުވަސްކޮޅެއް ވުމަށްފަހު، މިއަދު ހެނދުނުއެވެ. އަވަހާރަވިއިރު އުމުރުފުޅަކީ 72 އަހަރެވެ.

ނާއިލާ އިބްރާހީމް ކަލޭފާނު ސަރުކާރުގެ ހިދުމަތް ފެށްޓެވީ ޑިސެންބަރު 28، 1971 ގައި އަމީނިއްޔާ ސްކޫލްގެ ޓީޗަރެއްގެ ވަޒީފާއިންނެވެ. އޭގެފަހުން އެ ސްކޫލްގެ ހިސްޓްރީ ޓީޗަރު ކަމާއި ސޯޝަލް ސްޓަޑީޒް ޓީޗަރު ކަމާއި ހެޑްޓީޗަރު ކަމާއި ސެކަންޑަރީ ސުޕަވައިޒަރު ކަމާއި ސުޕަވައިޒަރު ކަމުގެ މަގާމު ފުރުއްވެވިއެވެ. އަމީނިއްޔާ ސްކޫލަށް 26 އަހަރަށްވުރެ ދިގު މުއްދަތެއްގައި އެކަމަނާ ވަނީ ހިދުމަތް ކުރައްވާފައިވެއެވެ. ނާއިލާ އިބްރާހީމް ކަލޭފާނު ވަނީ ގިޔާސުއްދީން ސްކޫލްގެ ސުޕަވައިޒަރު ކަމާއި ގައުމީ ކުތުބުހާނާގެ އެސިސްޓެންޓް ޑިރެކްޓަރު ކަމުގެ މަގާމުވެސް ފުރުއްވާފައެވެ.