މޯލްޑިވްސް ޕޮލިސް ސާވިސް

އާރްޑީސީ ފަޅާލައި ލައްކައެއްހާ ރުފިޔާ ނަގައިފި

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) ގެ އޮފީސް ފާޅާލައި ލައްކައަކަށްވުރެ ގިނަ ރުފިޔާ ވަގަށް ނަގައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެ މައްސަލަ އިއްޔެ ހެނދުނު ފުލުހަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ. ސަރުކާރުގެ ސަތޭކަ ޕަސަންޓް ހިއްސާވާ އެ ކުންފުނީގެ އޮފީސް ފަޅާލި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުނި ނަމަވެސް މައްސަލައިގެ ތުހުމަތުގައި އަދި މީހަކު ހައްޔަރު ކޮށްފައެއް ނުވެ އެވެ.

އާރްޑީސީގެ ބައެއް މުވައްޒަފުން ނަން ނުޖަހަން ޝަރުތުކޮށް ބުނީ އޮފީސް ފަޅާލިކަން އެނގުނީ މުވައްޒަފުން އިއްޔެ އޮފީހަށް ދިއުމުން ކަމަށެވެ. އަދި އޮފީސް ފަޅާލައި ފައިސާތަކެއް ވަގަށް ގެންދިޔަ ނަމަވެސް އޮފީހުގެ އެއްވެސް ތަނަކަށް އަދި ދޮރުފަތަކަށް ވެސް ބޮޑު ގެއްލުމެއް ދީފައި ނުވާ ކަމަށެވެ.

"މާބޮޑު ގެއްލުމެއް ދީފައި ނެތުމުން އޮފީސް ފަޅާލުމުގައި މުވައްޒަފުންތަކެއް ނުވަތަ އޮފީހުގެ މާހައުލު ރަނގަޅަށް އެނގޭ ބަޔަކު ބައިވެރިވެފައި ހުރި ކަމަށް ބެލެވޭ ކަމަށް އޮފީސް ތެރޭގައި ކިޔާ. ވަގަށް ނެނގި ކަމަށް ބުނާ ފައިސާ އަކީ ތިޖޫރީއެއްގައި ހުރި ފައިސާ ނޫން ކަމަށް ވެސް ފައިނޭންސް ޑިޕާޓްމަންޓްގެ މުވައްޒަފުން ބުނޭ،" އާރްޑީސީގެ މުވައްޒަފަކު ބުންޏެވެ.

އޭނާ އިތުރަށް ބުނީ އާރްޑީސީގެ އިމާރާތުގެ އެތެރެއާއި ބޭރުގައި އެއްވެސް ކެމަރާއެއް ވެސް ހަރުކޮށްފައި ނުހުންނަ ކަމަށެވެ.

އާރްޑީސީގެ އޮފީސް ފަޅާލައި ލައްކައަކަށް ވުރެ ގިނަ ރުފިޔާ ވަގަށް ނެގި ކަމަށް ބުނާ މައްސަލާގައި އެއްވެސް މުވައްޒަފަކަށް ތުހުމަތު ކުރެވޭތޯ ދެންނެވުމުން އާރްޑީސީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލީ މަނިކު ވިދާޅުވީ އެކަމާ ގުޅޭ މައުލޫމާތު ސާފު ކޮށްލުމަށް ފަހު ގުޅުއްވާނެ ކަމަށެވެ. ނަމަވެސް ފަހުން އެ މައުލޫމާތު ހިއްސާ ކުރައްވާފައެއް ނުވެ އެވެ.

ރޯދަ މަހު މާލޭގައި ވައްކަމުގެ މައްސަލަތައް އިތުރު ވެއެވެ. އެހެންވެ ފުލުހުން ގެންދަނީ ސަމާލުވާން އިލްތިމާސް ވެސް ކުރަމުންނެވެ.