އާރްޑީސީ

އާރްޑީސީ ފަޅާލުމުގައި މުވައްޒަފެއްގެ ބައިވެރިވުމެއް ނެތް: އެމްޑީ

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) ގެ އޮފީސް ހަފުތާއެއްގެ ތެރޭގައި ދެ ފަހަރަށް ފަޅާލައި ފައިސާތަކެއް ވަގަށް ގެންދިޔަ ނަމަވެސް އެކަމުގައި އެއްވެސް މުވައްޒަފެއްގެ ބައިވެރިވުމެއް ނެތް ކަމަށް އެ ކުންފުނިން ބުނެފި އެވެ.

އާރްޑީސީން މިހެން ބުނީ އެ ކުންފުނީގެ ހެޑް އޮފީސް މި މަހުގެ 17 ވަނަ ދުވަހާއި 23 ވަނަ ދުވަހު ފަޅާލައި ފައިސާތަކެއް ވަގަށް ނަގާފައި ވަނިކޮށެވެ.

މި މައްސަލައާއި ގުޅިގެން އަވަސް އިން ސުވާލު ކުރުމުން އާރްޑީސީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލި މަނިކު މިއަދު ވިދާޅުވީ އެ އޮފީސް ދެ ފަހަރަށް ފަޅާލައި ފައިސާ ތަކެއް ވަގަށް ނެގުމުން އޭނާ ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ. އެކަމަކު އެ މައްސަލާގައި އާރްޑީސީގެ އެއްވެސް މުވައްޒަފެއްގެ ބައިވެރިވުމެއް ނެތް ކަމަށެވެ.

މޫސަ ވިދާޅުވި ގޮތުގައި އާރްޑީސީގެ އޮފީސް ހިންގަނީ ވަރަށް ބޮޑަށް ބާވެ ހަލާކުވެފައި ހުރި އިމާރާތެއްގަ އެވެ. އެތަނުގެ ފާރުތަކާއި ދޮރުތައް ހުރީ ވަރަށް ބޮޑަށް ހަލާކުވެފަ އެވެ. އެހެންވެ އެ އޮފީސް ފަޅާލީ ފަސޭހައިން ހަލާކު ކޮށްލައިގެން ވަދެ އެވެ.

"މިއޮފީހުގެ ފުރަގަހަށް އޮންނަ ގޯޅިގަނޑުގައި ބަޔަކު ކުރާނެހާ ކަމެއް ކުރެވޭ ގޮތަށް މި އޮންނަނީ. އެ ދިމާލުން ވަދެ އޮފީސް ފަޅާލާފައި މި ހުންނަނީ،" މޫސަ ވިދާޅުވި އެވެ.

އާރްޑީސީ ފަޅާލި މީހުންގެ ވީޑިއޯތައް ސީސީޓީވީ ކެމަރާއަށް ރެކޯޑް ކުރެވިފައި ވާތީ އެ ފްޓޭޖު އެ ކުންފުނިން ވަނީ ފުލުހުންނާ ހަވާލު ކޮށްފަ އެވެ.

އާރްޑީސީގެ ފައިނޭންސް ޑިޕާޓްމަންޓުން ވަނީ ވަގަށް ނެގި ފައިސާއާއި ގުޅޭ ހާއްސަ ރިޕޯޓެއް އެކުލަވާލައި މެނޭޖިން ޑިރެކްޓަރާ ހިއްސާ ކޮށްފަ އެވެ. ގެއްލުނު ފައިސާގެ އަދަދާ ގުޅޭ ގޮތުން ސުވާލު ކުރި ނަމަވެސް މޫސަ ވަނީ ތަހުގީގެއް ހިގަމުންދާތީ އެ މައުލޫމާތު ހިއްސާ ދެއްވަން އުޒުރުވެރިވެ ވަޑައިގެންފަ އެވެ.

"އަޅުގަނޑުމެންގެ މި އޮފީހަކީ ވަރަށް ގިނަ ޕްރޮޖެކްޓް ކުރިއަށް ގެންދާ ތަނަކަށް ވާތީ މިތަނުގައި ޕްރޮޖެކްޓްތަކަށް ބޭނުންވާ މިންވަރަށް ޕެޓީ ކޭޝްގެ ގޮތުގައި ބޭނުން ކުރުމަށް އަބަދުވެސް ފައިސާ ހުރޭ. އެ ނޫން ފައިސާއެއް އަޅުގަނޑުމެން އޮފީހުގައި ނުގެންގުޅެން،" އާރްޑީސީގައި ބޮޑެތި އަދަދުތަކުން ފައިސާ ނުހުންނާނެ ކަން ޔަގީން ކޮށްދެއްވަމުން ވިދާޅުވި އެވެ.

އަވަސް އަށް އެނގިފައިވާ ގޮތުގައި އާރްޑީސީ ދެ ފަހަރަށް ފަޅާލައި ވަގަށް ގެންދިޔަ ފައިސާގެ އަދަދު 103،000ރ. އަށް ވުރެ އިތުރެވެ.

މި މައްސަލައިގެ ތަހުގީގު ފުލުހުން ކުރިއަށް ގެންދިޔަ ނަމަވެސް މައްސަލައިގެ ތުހުމަތުގައި އަދި މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައެއް ނުވެ އެވެ.