ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ފުލުހުންގެ އިދާރާ އަށް ހާޒިރުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ރައީސް ޔާމީން މިއަދު ހެނދުނު 11:00 އިރު ފުލުހަށް ހާޒިރުކުރީ އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅުންހުރި މައްސަލައެއްގައި ސުވާލުކޮށް ބަޔާން ނެގުމަށް ކަމަށެވެ.
ރައީސް ޔާމީން ގާނޫނީ ޓީމުން ބުނީ އެމަނިކުފާނު ފުލުހަށް ހާޒިރުކުރީ ހިނގަމުންދާ ތަހުގީގަކަށް ސުވާލުކުރުމަށް ކަމަށެވެ. ނަމަވެސް އެއީ ކޮން މައްސަލައެއްގައި ކަމެއް ގާނޫނީ ޓީމުން އަދި ބުނެފައެއް ނުވެ އެވެ.
ގާނޫނީ ޓީމުން އިތުރަށް ބުނީ މިސަރުކާރުން ގެންދަނީ ރައީސް ޔާމީން ޖަލުގައި ހައްޔަރުކޮށްގެން ހަގީގަތެއް ނެތް ތުހުމަތުތައް ކޮށް އެމަނިކުފާނު ފްރޭމް ކުރަމުން ކަމަށެވެ. އެކަމަކު އެފަދަ ތުހުމަތުތައް ދައުލަތުގެ ކަމާ ގުޅޭ އިދާރާތަކުން ދޮގު ކުރެ އެވެ.
އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތާއި ގުޅިގެން ރައީސް ޔާމީނާ ސުވާލުކުރުމަށް މިދިޔަ ފެބްރުއަރީ މަހުގެ 14 ވަނަ ދުވަހު ވެސް ފުލުހުންގެ އިދާރާއަށް ހާޒިރުކުރަން މަސައްކަތް ކުރި އެވެ. އެކަމަކު ފަހު ވަގުތު ވަނީ ކެންސަލް ކޮށްފަ އެވެ.
މަނީލޯންޑާ ކުރުމުގެ ކުށް ސާބިތުވެ ރައީސް ޔާމީން މިހާރު ވެސް ގެންދަވަނީ ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންނެވެ. ރައީސް ޔާމީންގެ ފަރާތްޕުޅުން ވަނީ އެ ހުކުމް އިސްތިއުނާފް ކުރައްވާފަ އެވެ.
އިދިކޮޅު ކޯލިޝަނުން އަދި ރައީސް ޔާމީންގެ އާއިލާ އިން ވަނީ އެމަނިކުފާނު ގެއަށް ބަދަލުކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށް ދަންނަވާފަ އެވެ. އެކަމުގައި ވަރަށް އަވަހަށް ގޮތެއް ނިންމަވާނެ ކަމަށް މިމަހުގެ 12 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ސޯލިހް ވަނީ ވިދާޅުވެފަ އެވެ. ނަމަވެސް އަދި ރައީސް ޔާމީން ގެއަށް ބަދަލުކޮށްފައެއް ނުވެ އެވެ.