(15 އެޕްރިލް 2021 އާ ގުޅޭ)
އަސްލަންގެ ހިތް ލޫނާ މިލްކު ކުރީ ހެއްޔެވެ. ނޯޔާއަށްވުރެ ކުރީން ހެއްޔެވެ. ނޯޔާއަށް އިނދެވުނީތީ އަސްލަން އެވަނީ މަޖުބޫރު ކަމެއްގަ ހެއްޔެވެ. ލޫނާ މަސައްކަތް އެކުރަނީ އަނދިރި ކަމެއްގައި ނޯޔާ ހުރީތީ ހަޤީޤަތް ހާމަކުރަން ހެއްޔެވެ. ހައްތަހާ ވެސް ނޯޔާގެ ހިތުގައި ވަނީ ސުވާލު ތަކެވެ.
ރޫމާއައިސް ނޯޔާގެ ގާތުގައި ހުއްޓިލި އެވެ. އެންމެން ސައިބޮއެ ނިމުނު ތަށިތައް ދޮވުމުގައި ސިންކު ކައިރީ ނޯޔާ ހުއްޓެވެ. އޭނާގެ ކޮނޑުގައި ރޫމާ ފިރުމާލި އެވެ.
"ސައިތަށްޓެއް ބޯލި ގޮތަކަށް ތިހުރީ... ކީއްވެ އެއްޗެއް ނުކެއި." ރޫމާ ވާހަކަ ދެއްކީ މަޑުމަޑުންނެވެ.
"ކާހިތް ނެތީ..." މަންމަގެ ސުވާލަށް ނޯޔާ ޖަވާބު ދިނެވެ.
ވާހަކަނުދައްކާ ފަރުވާތެރިކަމާއެކު ދަރިފުޅަށް ބަލަން ރޫމާ މަޑުކޮށްލި އެވެ. އެއަށްފަހު އޭނާ ހިނގައިގަންނަމުން ގޮވާލީ ސަބީނާއަށެވެ. މެންދުރަށް ނޯޔާ އެގެއަށް ގެންދާނަމޭ ރޫމާ ބުންޏެވެ. ސަބީނާ ދެކޮޅެއް ނުހެދި އެވެ. ސަބީނާގެ ފޯނު ރިންގުވާން ފެށީ އެވަގުތެވެ. އޭނާ ލައިގެން ހުރި ހައުސްކޯޓުގެ ޖީބުގެ ތެރެއިން ފޯނު ނެގިއެވެ.
"އަސްލަން އެ ގުޅަނީ..." ހަށިގަނޑު ތެދުކޮށްލި ގޮތަށް ބަދެގެތެރޭ އުޅޭ ނޯޔާއަށް ސަބީނާ ބަލާލިއެވެ. ދެބުމަ ކައިރިވެލައި ތިރީތުންފަތުގައި ނޯޔާ ދަތްއަޅާލި ކަމެއް އެތަނުން އެކަކަށް ވެސް ނުފެނެ އެވެ. ސަބީނާ ފޯނުކޯލު ނެގިއެވެ. އޭނާ އަސްލަންއާ ވާހަކަ ދައްކާ އަޑު ނޯޔާއަށް އިވެއެވެ. އެހެންވިޔަސް އެނބުރި އެމީހުންގެ ގާތަށް ނޯޔާ ނައެވެ. ސިންކު ކައިރިން ނިމުމުން އޭނާ ހިނގައިގަތީ ކޮޓަރިއާ ދިމާއަށެވެ. އޭނާއަށް ކޮޓަރިއަށް ނުވަދެވެނީސް ސަބީނާ ގޮވާލައިފި އެވެ.
"ދަރިފުޅުގެ ފޯނަށް ނުގުޅިގެން އަސްލަން އެބައުޅޭ... ފޯނު ބަލާލަބަލަ." ސަބީނާ ބުންޏެވެ.
ކޮޓަރިއަށް ނޯޔާއަށް ވަދެވެންވީއިރު އޭނާގެ ފޯނު ވައިބްރޭޓްވާން ފަށައިފި އެވެ. އަސްލަން ގުޅީކަން އެނގުނެވެ. ކޯލަށް ޖަވާބު ނުދިނުމުން މަސްލަހަތު ވާނީ ގޯސްކަން ނޯޔާއަށް ވިސްނެ އެވެ. ފޯނުކޯލު ނެގީ އެހެން ވެއެވެ. އެހެންޏާ ހުންނަ ގާތްކަމެއް ނޯޔާގެ އަޑަކު ނެތެވެ. އަސްލަން ދައްކާ ވާހަކައަށް ރައްދު ދޭން ޖެހިއްޖެނަމަ ނޫނީ ވާހަކައެއް ނުދައްކަ އެވެ. ބަލީތޯ އަސްލަން އަހާލިއިރު އެ އަޑުގައި ކަންބޮޑުވާކަން ޚުދު ނޯޔާއަށް ވެސް އިހްސާސް ކުރެވުނެވެ. އެކަންވީ ތަކުލީފު އިތުރު ކުރުވި ކަމަކަށެވެ. ކުދީންނާ ވާހަކަ ދައްކާލަން ނޯޔާ ބުނީ އަސްލަންއާ ގިނައިރު ވާހަކަދައްކަން ހުންނަން ބޭނުން ނުވާތީ އެވެ. ނަމަވެސް އެކަމާ އަސްލަން މަނާ ވެގަތެވެ. އެހެން ވަގުތަކުން ގުޅާނަންކަން އަސްލަން ބުނުމުން ނޯޔާ ދެން ދެއްކި އުޒުރަކީ ފާޚާނާއަށް ދާން ބޭނުންވެފައި ހުރި ކަމެވެ. ފޯނުކޯލު ނިމުމަކަށް އައީ އެހެންވެއެވެ.
* * * * *
އަރީން ދެއްކި ވާހަކައަށް މިދުހަތު އެއްވެސް އެއްޗެއް ނުބުންޏެވެ. ވިސްނަން އިން ފަދައަކުން އޭނާ އިނީ އެވެ. ކޮނޑުގައި ހިފައި އަރީން ތަޅުވާލުމުން މިދުހަތުގެ ނަޒަރު އަރީނަށް ހުއްޓުނެވެ. އަރީން ބަނޑުބޮޑުވެދާނޭ ކަމުގެ ޚިޔާލު ވެސް މިދުހަތުގެ ސިކުނޑިއަށް ކުރިއަކުން ނާދެއެވެ. ގޯސް ހެދުނީ އޭނާ އަށެވެ. މަޖަލާއި ފޯރީގައި ހުރަސް ބޭނުން ކުރުމުގައި ފަރުވާކުޑަކުރީ ޚުދު އޭނާއެވެ. ލީކުވާހެން ހީވެ އެކަން އަރީން ފާހަގަކުރިކަމުގެ ހަނދާން މިދުހަތު ވިއެވެ. އެހެންވިޔަސް އަރީނަށް ހީވާގޮތޭ ބުނެ އެކަމަށް އަޅާނުލެވުނީ އެވެ. އެކަން އަރީން ހަނދާން ހުރި ހެނެއް ހިޔެއް ނުވެއެވެ. ވީއިރު އަލުން އެ ދުވަހުގެ ކަންތައް ހަނދާންކޮށްދޭކަށް މިދުހަތު ބޭނުމެއް ވެސް ނޫނެވެ. އޭރުން ހީވާނީ މިދުހަތު ގަސްދުގައި އަރީނަށް ލަނޑެއް ދިނީ ހެނެވެ.
"މީތި ކަޑައޭ... އަރީން ބުނާނީ އިންނަން، އެކަމަކު އަހަރެން އިންނަން ބޭނުންވާ ކުއްޖާ އަދި ހުރީ... އެކަން ނުވެގެން އުޅެނިކޮށް މިޖެހުނީ ކިހާ ވަރުގަދަ ކަމެއް." މިދުހަތުގެ ހިތާއި ސިކުނޑީގައި ވިއެވެ.
"މިދުހަތު ކީއްވެފަތަ ތިއިންނަނީ؟ ވާހަކަ ދައްކަބަލަ!..." މިދުހަތު އަނގައިން ނުބުނެގެން އަރީން ހާސްވި އެވެ.
"ކީކޭތަ ބުނަންވީ، އަރީން ދޭތެރެ ދުރުކުރާ ބޭސް ބޭނުން ނުކުރަންތަ؟" މިދުހަތަށް ބުނެވުނެވެ.
"ނުކުރަމޭ ބުނީމެންނު، މިހެންވެދާނެތީއޭ އަހަރެން ކައިވެނިކުރާ ވާހަކަ އެވަރަށް ދެއްކީ، ދެން ކިހިނެއް ހަދާނީ... ނުބުނާތި ދަރިވައްޓާލަން." ފަހު ބަހާއެކު އަރީންގެ އަޑު ވެސް ހަރުކަށި ވެލިއެވެ.
"އެކަމަކު ކުރީން ދަރި ވައްޓާލީމެންނު." މިދުހަތަށް އެނގޭ ކަމެއް ހާމަކުރިއެވެ.
"އޭރު އަހަރެން ކުޑަ، މިދުހަތު ބުނީމަ އެފަހަރު ވެސް ބޭސްތައް ކެއީ... އެކަމަކު މިހާރު ނުކެރޭނެ... ޕްލީޒް މިދުހަތު، އަހަރެން ވަރަށް ބިރުގަނޭ." އަރީން އިނީ އިންތިހާއަށް ހާސްވެފައެވެ.
"މިވަގުތު އަހަރެން ވެސް މިއިނީ ބޯ ގޮވާފަ، އަހަރެން ވިސްނާލަން ފުރުސަތު ދީ... ރީން އިހަށް ދޭ ގެއަށް، އަހަރެން ގުޅާނަން."
މިދުހަތުގެ ވާހަކައިން އަރީން ރުޅި އައެވެ. ނަމަވެސް ރުޅިވެރިކަން ހާމަނުކުރީ މިދުހަތުދެކެ ރުޅި އައުމަކުން ފައިދާއެއް ނުކުރާނޭކަން އެނގޭތީ އެވެ. މޮޅު ގޮތަކީ ހަމަޖެހިގެން ވާހަކަދެއްކުމެވެ. އޭރުން ފަހަރެއްގައި މިދުހަތު ރަނގަޅު ގޮތެއް ނިންމަފާނެއެވެ. އެހެންވިޔަސް އަރީނަށް ޔަގީންކަމެއް ނެތެވެ. މިދުހަތު ކުރީން ވެސް އޭނާ އިންނަން ބުނެބުނެ އޮއްވާ ދޫކޮށްލާފައި ދިޔައީއެވެ. އާއިލާ ނުރުހޭވަރާއި އޭނާގެ ޢާއިލާ ވެސް ރާއްޖޭން ބޭރަށް ބަދަލުވާއިރު މިދުހަތު އެމީހުންނާއެކު ދާން ޖެހޭނެކަމަށް ބުނެ އޭރު ވެސް އޭނާ ދެއްކީ ބަހަނާއެވެ. އަރީންއާ އިނދެވެގެން ނެތް ހުރިހާ ގޮތެއް އޭނާ ހޯދިއެވެ. އުމުރުން ނަވާރަ އަހަރުގައި ބަނޑުބޮޑުވުމުން ދުނިޔެއަށް ނޭނގި ބަނޑު ސާފުކޮށްލީ މިދުހަތު ގެނެސްދިން ބޭހުންނެވެ. އެއީ އޭނާ ކޮންތާކުން ހޯދި އެއްޗެއްކަމެއް އަދި އަދަށް ވެސް އަރީނަކަށް ނޭނގެއެވެ. އެ ހައްޔަރުން ސަލާމަތްވުމުން އަރީންނާ އިންނާނަމޭ މިދުހަތު ބުންޏަސް އެކަމެއް ނުވިއެވެ. ފަހު ވަގުތު އަންގާ ވެސް ނުލާ މިދުހަތު ފުރައިގެން ދިޔައީއެވެ.
"މިފަހަރު ވެސް އޭނާ އެ އުޅެނީ އެހެން ހަދަންތަ؟" އަރީނަށް އަމިއްލަ ހިތާ ސުވާލު ކޮށްލެވުނެވެ. އިރުކޮޅަކު ހިމޭނުން އިނުމަށްފަހު މިދުހަތަށް އަރީން ބަލާލިއެވެ.
"ފުރުސަތު ދެވިދާނެ... އެކަމަކު މިކަމުގައި އަހަރެން މަޑުކުރާނީ ކިހިނެއް؟ ކޮންމެ ދުވަހެއް ވެސް އަހަރެންނަށް ވަރަށް މުހިންމު، މިކަން އެނގުމުން އެންމެން ވެސް ސުވާލު ކުރާނެ، އަހަރެންގެ ރަހިމުގަ އަށަގަތް ލޭކޮޅަކީ މިދުހަތުގެ ލޭ..."
"ތީ ދޮގެކޭ ބުނެފިންތަ... ރީން، ހެޔޮނުވާނެ!. ދެން އިހަށް ދޭ ގެއަށް... އަހަރެން... އަހަރެން ފަހުން ގުޅާނަން." މިދުހަތު ސޯފާއިން ތެދުވިއެވެ. ހޭވިފައި ހުރި އިސްތަށިގަނޑުގައި އަތްފުނާ އަޅާލިއެވެ. ފުންނޭވާއެއް ލުމާއެކު ތުނބުޅީގައި ކަނާއަތްތިލަ ހާކާލިއެވެ.
އަރީން ތެދުވެ އެ އެޕާޓްމެންޓްއިން ނުކުންނަން ހިނގައިގަތެވެ. މިފަހަރު މިދުހަތު އޭނާގެ ފަހަތުން ނައެވެ. އެހެންޏާ އެ އެޕާޓްމެންޓުން ނުކުމެ ލިފްޓަށް އަރަންދެން ވެސް އޭނާއާއެކު މިދުހަތު ހުންނާނެއެވެ. ބައެއް ދުވަސް ދުވަހު އެގޭ ދޮރޯށިން ނުކުމެ ޓެކްސީއަށް އަރީން އަރަންދެން މިދުހަތު ނުކުމެ ބަލަން ހުރެއެވެ. އަރީންގެ ބޮލުގެ ރިހުން އެނބުރި އައެވެ. ނިތްކުރީގައި ހިފަހައްޓާލައިގެން ހުރެ އޭނާ އައިސް ލިފްޓަށް އެރިއެވެ.
"މިދުހަތަށް އެކަނި ބަރޯސާވާނީ ކިހިނެއް؟، އޭނާ އަހަރެންނާ އިނދެފާނެތަ؟، އެކަހަލަ އިޝާރާތެއް ނުކުރޭ، ޕްރެގްވާންވީ ކީއްވެތަ؟ އަހަރެން ކަމެއްކޮށްލާއިރަށްތަ މިހެން ވާން ޖެހެނީ... ކިތައް އަންހެނުންތަ ގެއިން ބޭރުން ހިތްހަމަޖެހުން ހޯދަނީ... އައްދޯއި!... މި ބޮލެއްގަ ވެސް ރިއްސާވަރެއް..." ދެއަތުން ނިތްކުރީގައި އަރީން ހިފެހެއްޓިއެވެ. އޭނާ ހިނގައިނުގަނެ ދޮރޯށި ކައިރީ ހުއްޓިގެން އެތައް އިރަކު ހުއްޓެވެ. ބޮލަށް އެނބުރުން އަރާހެން ހީވާތީއެވެ. ހަމައަކަށް އެޅުމުން ޓެކްސީއަކަށް ގުޅާ ގެނުވިއެވެ. ގެއާ ދިމާއަށް ދަތުރު ފެށީ ޓެކްސީގައެވެ.
* * * * *
ކުންނާރު ގަހަށް ބަލަން ހުރި އަސްލަންގެ ކޮނޑުގައި ފަހަތުން އައިސް ހުސެން ޖަހާލި އެވެ. އެއާއެކު މުށުތެރޭ އޮތް ދެ ކުންނާރު ހުސެންއަށް އޭނާ ދިއްކޮށްލި އެވެ.
"ކީއްވެފަ؟ މާބޮޑަށް އަންހެނުން މިސްވަނީ ދޯ." ހުސެން ދިމާކޮށްލި އެވެ.
"މިދަތުރުގަ އަންނަ ކަހަލަ ހިޔާލެއްގައެއް ނޫން ހުރީ، ޖުނައިދު އެދުނީމަ ނޫނެކޭ ނުބުނަން ވެގެން... ދެ ހަފްތާ، ކުއްލިއަކަށް މާ ދިގުވެއްޖެހެން ހީވަނީ... ހުސެން ބުނެބަލަ، މިރަށަށް އައީ ކީއްކުރަންތަ؟ އަހަރެމެން މިކޮޅަށް އަންނަން އޮތްކަން އެނގިހުރެ އަންގާ ވެސް ނުލި، ތެދަށް ބުނެބަލަ... މީ ކޮންދަތުރެއް؟" އަސްލަން ވާހަކައިގަ ހުސެންއާއެކު އައިސް ގޯތިތެރޭގައި ހުރި ޖޯލިފަތީގައި އިށީނެވެ.
"ހިތަށް އެރީ ޗުއްޓީ ނުނަގާތާ ހަތަރު އަހަރުވީއޭ... އަސްލަންމެން ދާން އުޅެނީ އަހަރެންނަށް އެނގޭ ރަށަކަށްވީމަ ހިތަށް އެރީ މަޖާވާނޭ ޗުއްޓީ ނަގައިގެން މިކޮޅަށް އައީމަ."
"ނަސީބެއް ހުސެން ހުރިކަން... އެހެންނޫނީ ވަރަށް ފޫހިވީސް." އަސްލަން ނިކަން އަވަހަށް ބުންޏެވެ.
"މިރޭ މަހަށް ދާނަންތަ؟ އަހުމަދުމެންގޭ ބޮޑު ދޯނި ތައްޔާރު އެބަކުރޭ.... ހުކުރުން އައިސް އެވާހަކަ ދައްކަން އޭނާ އެ ހުންނަނީ." ހުސެން ބުންޏެވެ. އަސްލަން އެއްބަސްވުމުގެ ގޮތުން ބޯ ޖަހާލި އެވެ.
"ވާހަކައެއް އަހާލަންތަ؟" އަސްލަން ކުއްލިއަކަށް ބުނެލި އެވެ. ހުސެން ބުނާށޭ ބުނުމުން އަސްލަން ވާހަކަ ދެއްކިއެވެ.
"ލޫނާއާ ހުސެންއާ ދެމެދު ކަމެއް ހިނގަނީތަ؟ ލޫނާގެ ފަސްފަހަތުން ހުސެން ދުވާކަން ފާހަގަ ވެގެން... އަނެއްކާ އަހާ ކަހަލަ ވާހަކައެއް ނޫންތަ މިއެހުނީ." އަބުއި ގޮތަކަށް ލަސްލަހުން އަސްލަން ބުންޏެވެ. ޒާތެއްގެ ހިންޏެއް ހުސެން ޖަހާލި އެވެ.
"އަހަރެން ނޫޅެންޏާ އޭނާ އަސްލަންގެ ފަހަތުން ދުވެދާނެ، އެގޮތްތަ ބޭނުމީ." ހިނިއައިސްފަ އިނދެ ހުސެން ބުނި ގޮތުން ހީވަނީ ސަމާސާއެއް ހެންނެވެ. އަނެއްކޮޅުން އޭނާ ދެރަވެސް ވިއެވެ. އެކުވެރި ކަމަށް ލޫނާ ގަދަރު ނުކުރީމައެވެ. އަސްލަންގެ ދިރިއުޅުމުގެ ހަމަޖެހުން ގެއްލޭ ފަދަ ޢަމަލުތައް ލޫނާ ކުރާތީއެވެ.
"އެ ކީއްކުރަން އަހަރެންގެ ފަހަތުން... ލޫނާއަކަށް ނުކެރޭނެ އެހެން އުޅޭކަށް، މައިރާއާ ދެމީހުން އެހާ ކްލޯޒް، އަނެއްކާ އަހަރެން މިއުޅެނީ މީހަކާ އިނދެގެން... ނޯޔާ... ނޯޔާ ދޫކޮށެއް ނުލާނަން، އެކަހަލަ ވިސްނުމެއް ވެސް ނެތް." އަސްލަން ބުންޏެވެ.
"ނޯޔާ ވަރަށް ކަމުގޮސްފިހެން ހީވޭ." ހިނިއައިސްފަ އިނދެ ހުސެން ބުންޏެވެ. ބޯޖަހާލަމުން އަސްލަން ވާހަކަ ދެއްކިއެވެ.
"ވަރަށް ބޮޑަށް... އެހެންވެ މިބުނީ، މައިރާ ހުރިއިރު އަހަރެންގެ ލޮލަށް އޭނާ ނޫނީ ނުފެންނަ ފަދައިން، މިހާރު އަހަރެންނަށް ވެސް ނޯޔާ ނޫން އަންހެނަކު ނުފެނޭ... އަހަރެންގެ ދަރީންނާއި އަހަރެންގެ މައްޗަށް ﷲ ލެއްވި ރަޙުމަތެއް އެއީ، އަހަރެންނަށް ޤަބޫލު ކުރެވެނީ އެހެން، ދުވަހަކު ކުޑަކުދީންތަކެއް ގެންގުޅެފައެއްނެތް، ކެއްކުމާއި ގޭތެރެ ސާފުކުރުމާއި އެކަހަލަ ކަންކަން ކުރާނޭ ވަގުތު އޭނާއަށް ވާނޭ އަހަރެންގެ ހިތެއް ނުބުނޭ، ކިޔެވުން ނިންމާލުމާއެކު އަހަރެންނާ ކައިވެނި ކުރީ... އެފަދަ ރިވެތި އަޚުލާޤެއް އަހަރެން މީގެ ކުރިއަކުން ނުދެކެން، ބައެއްފަހަރު އަހަރެން ލަދުގަނޭ... އޭނާހާ ދީންވެރި އަހަރެން ނުވާތީ، އޭނާ ކުރާހާ ނަމާދުތައް އަހަރެންނަށް ނޭނގޭތީ... އަހަރެންނަށްވުރެ އުމުރުގެ ގޮތުން އެތައްތަނެއް އޭނާ ހަގު، އެކަމަކު އޭނާގެ އުޅުން އަހަރެންގެ މަންމަ ފަދަ... ކެތްތެރި އަންހެނެއް އެއީ..." ގުދުވެލައި ދެއަތް ޖޯޑު ކޮށްލައިގެން ބިންމައްޗަށް ބަލަން އަސްލަން އިނީ ނޯޔާގެ ޚިޔާލުގަ އެވެ.
"އެއީ ރަނގަޅު އަންހެނެއްކަން ފެނިފަ އަހަރެންނަށް ބުނަން އެނގުނު، ތީ ނަސީބުވެރިޔެއް... އަހަރެންވެސް ހިތުގައި އޮންނަނީ މަންމަ ފަދައިން އަހަރެންދެކެ ލޯބިވާނޭ ޞާލިހު އަންހެނެއް ލިބުން، އެފަދަ އަންހެނާ ދިމާވުމުން ކައިވެނި ލަހެއްނު ކުރާނަން، ކަލެއަށް ދަޢުވަތު ދޭނަން... ސިއްރެއް ނުކުރާނަން." ހުސެން ހީނގަތެވެ.
"ކައިވެނީގެ ކެއުން މާލެ ދެވުނީމަ ހުސެންއަށް ދޭނަން، އަހަރެމެން ގެއިން... ނޯޔާގެ އަތުން ތައްޔާރު ކޮށްގެން، އޭރުން ދެން މަޢާފުކުރާނަންތަ؟ އަހަރެން ވެސް ގަސްދުގަ ނުބުނާކަށް ނޫން... އެހެންވެސް ކިތައް ފަހަރު ބުނެފިން." އަސްލަން ވެސް އިނީ ހިނިއައިސްފަ އެވެ.
"ދަޢުވަތު އުފަލާއެކު ޤަބޫލުކޮށްފިން، ވަރަށް އިންތިޒާރު ކުރާނަން، އެހެންވީމަ މާލެ ގޮސް ހަނދާންނައްތާނުލާތި." ހޭވައްލާ ތައްޔާރޭ ބުނާ ފަދައިން ހުސެން އިނީ އެވަގުތަށް ތައްޔާރު ވެއެވެ.
* * * * *
އެތައް ގޮތަކަށް ވިސްނާ ފިކުރު ކުރުމަށްފަހު އަރީން ގޮތެއް ނިންމިއެވެ. ދުނިޔޭގެ ލަދާ ކުރިމައްޗެއް އޭނާއަކަށް ނުލެވޭނެ އެވެ. ރޭވެ ނިދަންވުމުން ފަވާދުގެ ގާތަށް އަރީން ޖެހުނީ އެންމެ މަޤްޞަދެއްގައެވެ.
"އަރީން..." އަރީންގެ އަތް ފަވާދު ދުރަށް ޖައްސާލި އެވެ.
"ހިނގާބާ..." ފިރިމީހާގެ ގައިގާ ހަށިގަނޑު އުނގުޅާލަމުން އަރީން ބުނެލި އެވެ.
"މިރެއަކު ނޫން، އަރީން ބަލިކަން އަހަރެންނަށް އެނގޭ... އަހަރެންނާއެކު ޑަކްޓަރަށް ދާން އެއްބަސްވެބަލަ." ފަވާދު ބުންޏެވެ.
"އަހަރެން ބޭނުން ވެގެން ބުނީމަ ކީއްވެ ނޯ އޭ ތިބުނީ." އަރީން ހިތްހަމަނުޖެހޭ ގޮތް ދެއްކި އެވެ.
"ރުޅިއަންނަން ނޫޅޭ، އަރީން ވެސް ކިތަންމެ ފަހަރަކު ނޯ އޭ ބުނޭ... އަހަރެން ތިވަރު އަރުވަންތަ؟، ކައިގެން އައިސް ފާޚާނާއަށް ވަދެ ހޮޑުލީ އަޑު އަހަރެންނަށް އިވުނު، އިރުއޮއްސުނުއިރު އޮތީ ބޮލުގަ ރިއްސާވަރުން ލޯ ހުޅުވާލަން ނުކެރިފަ، ދެރަކަމެއް ނުވަނީސް ޑަކްޓަރަށް ދައްކަންވާނެއެއްނު، އަރީންނަށް ކަމެއްވެއްޖެއްޔާ އަހަރެން ކިހާ ހާސްވާނެ." ފަވާދު ބުންޏެވެ.
ފިރިމީހާގެ ވާހަކަތަކުން އަރީން ހިމޭންވި އެވެ. އޭނާގެ ދެ ލޯ ފެންކަޅިވާންފެށި އެވެ. ފަވާދު އެންމެފަހުން އެ ބުނެލި ބަސްތަކުން އަރީންގެ ހިތަށް އަސަރު ކުރީއެވެ. ރޮވޭހާ އަސަރު ކުރާނޭކަން ޚުދު އޭނާއަކަށް ވެސް ނޭނގެއެވެ.
"ރީން... އަހަރެން ރުޅިއެއް ނާންނަމޭ." އަރީން ލޯ ފުހެލައި ފަވާދަށް ފުރަގަސްދެމުން އެނބުރިލި ހިނދު އޭނާ ބުނެލިއެވެ.
"ފަވާއަށް އޮޅުވާލަންވީތަ؟ އޭނާ ކީއްވެތަ އަހަރެންދެކެ އެވަރަށް ލޯބިވަނީ؟ ފަވާއާއެކު މިހާ ދުވަހު އުޅެފަވެސް މިދުހަތު ފެނުމުން އެވީގޮތެއް ނޭނގެ... އަހަރެންގެ މާޒީއާ ބެހޭގޮތުން މިހާތަނަށް އެއްވެސް ސުވާލެއް ފަވާކޮށްފައެއް ނެތް." އަރީނަށް ބާރަށް ރޮވުނެވެ. ފަވާދަށް ހަޤީޤަތް އެނގުމުން މިހާރު އެ އުޅޭހާ ލޯބިން ނޫޅޭނެކަން އަރީނަށް ވިސްނެނީއެވެ. އެއްވެސް މީހަކަށް އެވަރުގެ ބޭވަފާތެރިކަމެއް ބަރުދާސްތެއް ނުކުރެވޭނެއެވެ. ފަވާދާއެކު ގުޅުމެއް ހިނގައިނަމަ ކުޑަނަމަ ވެސް ޗާންސެއް އަރީން ބަދުނާމުވުމުން ސަލާމަތްވާން ލިބުނީހެވެ. އެހެންނާ ރުހިފައި ފުރުސަތު ދިނަސް ފަވާދު މިރޭ އެފަދައިން ކަންތައްނުކުރިއެވެ. މިއީ ވެސް އަރީން މާޔޫސްކުރުވި ކަމެކެވެ. ބޭނުންވީ ނަމަވެސް ބޭނުންވާ ގޮތަށް ކަންތައް ނުވުމަކީ އަރީނަށް ގޮތް ހުސްވާނޭ ކަމުގެ ކޮޅުމައްޗެވެ.
* * * * *
އަނދިރިކަމަށް ފަހު ދުނިޔެ އަލިވެއެވެ. ފާއިތުވާ ކޮންމެ ދުވަހެއް މާޒީގެ އޮޅި ގިރާކޮށް ފަހަތަށް ގެއްލި ދެއެވެ. މާޒީވި ދިރިއުޅުން މަތިން ހަނދާންކޮށް ދަސްކުރަނީ ކިތައް މީހުން ބާއެވެ. އެ ދުވަސް ދީފައި ދިޔަ ފިލާވަޅުގެ ބޭނުން ހިފަނީ ކިތައް މީހުންބާއެވެ. އުޑުމަތި އަލިވަމުން އައިއިރު އަރީން ހުރީ ބެލްކަނީގައެވެ. އެ ދެ ލޯ ވަނީ ތެމިފައެވެ. ރުއިމުގެ ސަބަބުން އެ ދޮން މޫނު ހިސާބަކަށް ރަތްވެފައެވެ. ސިކުނޑީގައި ހަރުލާފައިވަނީ މިދުހަތު ދެއްކި ވާހަކައެވެ.
"އަހަރެންނޫން ދެން ކާކާ އޭނާ އިންނަން ބޭނުންވަނީ؟ ދެއަނތްބަށް ވިޔަސް އިނުން އަހަރެންނަށް މުހިންމު... އެކަމަކު އިންނާނީ ކިހިނެއް؟ އިއްދައިގެ ތިންމަސް އެމީހުން ގުނާނެ، އެ ތިންމަސް ތެރޭ އަހަރެން ބަނޑުބޮޑުކަން ނޭނގިއެއް ނުހުންނާނެ، ބަނޑުބޮޑީ މިދުހަތަށްކަން އެނގިއްޖެނަމަ މަންމަ ކުރާނެކަމެއް ވެސް ނޭނގެ، މިދުހަތު އިންނާނަމޭ ބުންޏަސް ގެރެންޓީއެއްނެތް... ވައްޓާލުމުން އޭނާ އަނެއްކާވެސް ކުރީގެ ދިރިއުޅުން ބޭނުންވެދާނެ، ދެން ވެސް ނީނދެ ތިބެ... ނޫން! އެގޮތް ބޭނުމެއްނޫން... މީ ދެވަނަ ފަހަރު، ދެވަނަ ފުރުސަތު... އަހަރެންވާ ލޯތްބަށް ކުޑަވެސް ޤަދަރެއް މިދުހަތު ކުރާނަމަ، މިފަހަރު އަހަރެން ދޫކޮށެއްނުލާނެ... ފުރައިގެން ބޭރަށް ދެވެން ވެސް އެބައޮތް، ތިން މަސްވީމަ ބޭރުން ކައިވެނީގެ ސެޓްފިކެޓެއް ހައްދާފައި ރާއްޖޭ ކޯޓަށް ފޮނުވާނީ، އެގޮތް ވެސް މިދުހަތަށް އެބައޮތް... ދެ ހަފްތާވީ... މިދުހަތަށް ކޮށްދެވުނީ ކޮންކަމެއް؟، އެހެން އަންހެނަކު އަހަރެންނަށް ވުރެ މުހިންމުވެއްޖެ... އެއީ ކާކު؟ ކޮންއަންހެނެއް؟ މިދުހަތު އަހަރެންނާއެކު ވަގުތު ހޭދަކުރަމުން އެހެން އަންހެނެއްދެކެ ލޯބިވީ ކިހިނެއް؟ އަހަރެންނަށްވުރެ ޚާއްޞަވީ ކޮންގޮތަކުން؟." ކޯތާފަތުން ދެމިލި ކަރުނައިގެ ރޮނގު އަރީން ނިކަން އަވަހަށް ފުހެލިއެވެ. އެހިތާއި ސިކުނޑި ހާސްކަމުން ފުރިބާރުވެފައި ވެއެވެ. (ނުނިމޭ)