އެމްޑީޕީ

އެމްޑީޕީގެ އެތެރޭގެ އިންތިހާބު މެއި 29 ގައި

މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ އެތެރޭގެ އިންތިހާބު މެއި މަހުގެ 29 ވަނަ ދުވަހު ބޭއްވުމަށް ނިންމައިފި އެވެ.

އެމްޑީޕީން މިރޭ ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ އެޕާޓީގެ ދާއިރާތަކުގެ ހިންގާ ކޮމިޓީތަކާއި ޕްރޮވިންސްތަކުގެ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވާ ކަަމަށެވެ. އެ އިންތިހާބު އޮންނާނީ މެއި 29 ވާ ހޮނިހިރު ދުވަހުއެވެ.

އެ ޕާޓީން ބުނީ އެތެރޭގެ އިންތިހާބުގައި ވޯޓުލުމަށް ހަމަޖެހިފައިވަނީ ދާއިރާތަކުގައި ހިމެނޭ ޕާޓީގެ އާންމު މެންބަރުން ކަމަށެވެ. މި އިންތިޚާބުގައި ވޯޓުލެވޭނީ މިއަދުގެ ނިޔަލަށް އެމްޑީޕީގެ މެންބަރުންގެ ގޮތުގައި ހިމެނިފައިވާ މެންބަރުންނަށެވެ.

އެތެރޭގެ އިންތިހާބަށް ހުޅުވާލުމާއެކު މިއަދުން ފެށިގެން މެއި މަހުގެ 29 ގެ ނިޔަލަށް ޕާޓީން މެމްބާޝިޕް ފޯމު ބަލައިގަތުން ވަގުތީ ގޮތުން ހުއްޓާލާފައިވާ ކަމަށްވެސް އެމްޑީޕީން ބުންޏެވެ. އެމްޑީޕީގެ އެތެރޭގެ އިންތިހާބަށް ޝައުގުވެރިކަން ފާޅުކޮށް އެކި ދާއިރާތަކަށް އެ ޕާޓީގެ މެންބަރުން ވަނީ ކެންޕެއިން ފައްޓަވާފައެވެ.