ސަންގު ޓީވީ

ސަންގު ޓީވީއަށް ނުރައްކާތެރި ތުހުމަތެއް ކުރެވުމުން ކަންބޮޑުވޭ: ޝަހީބު

ބްރޯޑްކާސްޓިން ސްޓޭޝަންއަކާ ދޭތެރޭ ނުރައްކާތެރި ތުހުމަތުތަކެއް ކުރެވިފައިވާތީ އެކަމާ ކަންބޮޑުވާ ކަމަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ގެ ރައީސް މުހައްމަދު ޝަހީބު ވިދާޅުވެއްޖެ އެވެ.

ރައީސް އަބްދުﷲ ޔާމީންއަށް މަރުގެ އިންޒާރުދިން ވީޑީއޯ ޔޫޓިއުބަށް އަޕްލޯޑް ކުރުމުގެ ތުހުމަތު ކުރެވިގެން ފުލުހުން ރޭ ދަންވަރު އެސްޓޭޝަނަށް ވަދެ ބަލައި ފާސްކޮށް ބައެއް ތަކެތި ގެންދިޔުމުގެ ސަބަބުން އެޓީވީގެ ޓްރާންސްމިޝަން ވަނީ މެދުކެނޑިފަ އެވެ.

ޝަހީބު މިރޭ ވިދާޅުވީ ސަންގު ޓީވީގެ މައްސަލާގައި ރޭ ކަން ހިނގައި ދިޔަގޮތުގެ މައުލޫމާތު ސަންގު ޓީވީގެ މެނޭޖިން ޑައިރެކްޓަރު އިބްރާހިމް ވަހީދު ހިއްސާ ކޮށްފައިވާ ކަމަށާއި އަދި އެ މައުލޫމާތު ތަކުގައި ކޮމިޝން ކަންބޮޑުވާ ބައެއް ކަންކަން އެބަހުރި ކަމަށެވެ.

އަދި ވިދާޅުވީ އެއްވެސް ސަބަބަކާ ހެދި ބްރޯޑް ކާސްޓް ސްޓޭޝަނަކުން ބްރޯޑްކާސްޓް ކުރުން ހުއްޓުމާއި ނުރައްކާތެރި ތުހުމަތެއް ބްރޯޑްކާސްޓް ސްޓޭޝަންއަކާ ދޭތެރޭ ކުރެވޭތީ އެކަމާ ކަންބޮޑުވާ ކަމަށާއި އެކަން އިތުރަށް ސާފުކުރަން ފުލުހުންނާއެކު އަވަސް ބައްދަލުވުމަކަށް އެދިފައިވަޑައިގެންފައިވާ ކަމަށާއި އެ ބައްދަލުވުން ހަމަޖެހޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.