ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ނާއިލާ އިބްރާހިމް ކަލޭފާނު

ނާއިލާ އަވަހާރަވުން: ކޮވިޑް ކޭހެއް ކަމަށް ކަނޑައަޅައިފި

ނިޝާން އިއްޒުއްދީނުގެ އިތްޒަތްތެރި ވެރިޔާ، ކުރީގެ ވަޒީރު އަދި އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލަރު ޑރ. މުހައްމަދު ޒާހިރު ހުސައިންގެ އަނބިކަނބަލުން ނާއިލާ އިބްރާހީމް ކަލޭފާނު (ނާއިލާ މިސް) އަވަހާރަވިއިރު ކޮވިޑް-19 ޕޮޒިޓިވްވެފައިވާތީ އެއީ ކޮވިޑް މަރެއްގެ ގޮތުގައި ހެލްތް ޕްރޮޓެކްޝަން އެެޖެންސީ (އެޗްޕީއޭ) އިން ކަނޑައަޅައިފި އެވެ.

ނާއިލާ އަވަހާރަވީ ވަރަށް ގިނަ ދުވަސްތަކަކު އާލާސްކަންފުޅާ އުޅުއްވުމަށް ފަހު އިއްޔެ ހެނދުނު އޭޑީކޭ ހޮސްޕިޓަލްގައެވެ. އަވަހާރަވިއިރު އުމުރުފުޅަކީ 72 އަހަރެވެ. އަވަހާރަވީ ފަހުން ހެއްދެވި ކޮވިޑް ޓެސްޓް ވަނީ ޕޮޒިޓިވްވެފައެވެ. އެހެން ކަމުން އެކަމަނާގެ ޖަނާޒާގެ ކަންކަން ކުރިއަށް ގެންގޮސްފައިވަނީ ކޮވިޑްގައި މަރުވާ މީހުންގެ ޖަނާޒާގެ ކަންކަން ކުރިއަށް ގެންދާ ގޮތަށް ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކުގައެވެ.

އެޗްޕީއޭއިން މިރޭ އާންމުކުރި ކޮވިޑް-19 ގެ ތަފާސް ހިސާބުގައި ރާއްޖެއިން މިހާތަނަށް 70 މީހަކު ކޮވިޑްގައި މަރުވެފައިވާ ކަމަށް ވަނީ ބުނެފައެވެ. ކޮވިޑްގައި އެންމެ ފަހުން މީހަކު މަރުވީ މިދިޔަ ހުކުރު ދުވަހު އެވެ. އެއީ ރާއްޖެއިން ކޮވިޑްގައި މަރުވި 69 މީހާއެވެ. ކޮވިޑް މަރުގެ ނަންބަރު ތަފްސީލު ކޮށް ދެމުން ހެލްތް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ ނައިލާ އިބްރާހީމް ކަލޭފާނު އަވަހާރީއިރު ކޮވިޑަށް ޕޮޒިޓިވް ކަމަށާ އެހެން ކަމުން އެއީ ކޮވިޑް މަރެއް ކަމުގައި ކަނޑައަޅާފައިވާ ކަމަށެވެ.

ނާއިލާ އިބްރާހީމް ކަލޭފާނު ސަރުކާރުގެ ހިދުމަތް ފެށްޓެވީ ޑިސެންބަރު 28، 1971 ގައި އަމީނިއްޔާ ސްކޫލްގެ ޓީޗަރެއްގެ ވަޒީފާއިންނެވެ. އޭގެފަހުން އެ ސްކޫލްގެ ހިސްޓްރީ ޓީޗަރު ކަމާއި ސޯޝަލް ސްޓަޑީޒް ޓީޗަރު ކަމާއި ހެޑްޓީޗަރު ކަމާއި ސެކަންޑަރީ ސުޕަވައިޒަރު ކަމާއި ސުޕަވައިޒަރު ކަމުގެ މަގާމު ފުރުއްވެވިއެވެ. އަމީނިއްޔާ ސްކޫލަށް 26 އަހަރަށްވުރެ ދިގު މުއްދަތެއްގައި އެކަމަނާ ވަނީ ހިދުމަތް ކުރައްވާފައިވެއެވެ. ނާއިލާ އިބްރާހީމް ކަލޭފާނު ވަނީ ގިޔާސުއްދީން ސްކޫލްގެ ސުޕަވައިޒަރު ކަމާއި ގައުމީ ކުތުބުހާނާގެ އެސިސްޓެންޓް ޑިރެކްޓަރު ކަމުގެ މަގާމުވެސް ފުރުއްވާފައެވެ.