ދީން

ރޯދައަކީ ކެތްތެރިކަމުގެ ފިލާވަޅެއް

ރޯދަމަހީ ހެޔޮކަމުގެ މައްޗަށް ނަފްސު ހާނުވައި ތަމްރީނުކޮށްދޭ މަދުރަސާއެކެވެ. ރޯދައަށް ހުންނަ ވަގުތުގައި ދޫ ރައްކާތެރި ނުކުރަނީނަމަ، ރޯދައިން ބަނޑުހައިހޫނުކަމާއި ވަރުބަލިކަން ނޫން އެއްޗެއް ނުލިބޭނެތެވެ. ވީމާ، ރޯދައަށް ހުންނަ ވަގުތަކީ ފާހިޝް ޢަމަލުތަކާއި އެފަދަ ބަސްތަކުން އެއްކިބާވެ ހުންނަ ވަގުތެއްކަމުގައި ހަދަންޖެހެއެވެ.

ރޯދައިގެ އަޅުކަމާއި ކެއްތެރިކަމާ ހުރި ގުޅުން ފާޅުކަން ބޮޑު ގޮތެއްގައި އެނގެއެވެ. ރޯދައަކީ ކެތްތެރިކަން އުނގެނި ދަސްކުރަން އެދޭމީހާކަށް އޮތް އެންމެ ކުރު މަގެވެ. ކެތްތެރިކަމުގެ ރިވެތި ސިފައިން ސިފަ ލިބިގަންނަން އެދޭމީހާ ރޯދަހިފުމަށް ނަބަވީ އިރުޝުދުތަކުގައިވަނީ އަންގަވާފައެވެ.

ރޯދައަށް ހުރުމަކީ ތިމާގެ ހައިހޫނުކަމާއި ކަރުހިއްކުމުގެ ސަބަބުން ނުތަނަވަސްކަން ގެނުވާ ކަމެކެވެ. ނަމަވެސް މި މަތިވެރި އަޅުކަމަކީ ނަފްސު ތާހިރުކޮށްދޭ އަޅުކަމެކެވެ. ހިތް ސާފުކޮށްދީ ތަޤުވާގެ މައްގަށް މަގުދައްކާ އަޅުކަމެކެވެ. މި ސަބަބުތަކަށްޓަކައި ރޯދައިގެ އަޅުކަމުގެ ދަރުމަޔާއި ސަވާބުވަނީ މާތް ﷲ ގެ ޙަޟުރަތަށް ޚާއްޞަކުރައްވާފައެވެ.

ޤުދުސިއްޔަ ޙަދީޘްފުޅެއްގައި ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ. "كُلُّ عَمَلِ ابْنِ آدَمَ لَهُ إِلَّا الصِّيَامَ، فَإِنَّهُ لِي وَأَنَا أَجْزِي بِهِ، وَالصِّيَامُ جُنَّةٌ، فَإِذَا كَانَ يَوْمُ صَوْمِ أَحَدِكُمْ، فَلَا يَرْفُثْ يَوْمَئِذٍ وَلَا يَسْخَبْ، فَإِنْ سَابَّهُ أَحَدٌ أَوْ قَاتَلَهُ، فَلْيَقُلْ: إِنِّي امْرُؤٌ صَائِمٌ "(رواه مسلم) މާނައީ: "އާދަމުގެ ދަރިޔާގެ ކޮންމެ ޢަމަލަކީ އޭނާއަށްޓަކައިވާ ކަމެކެވެ. ރޯދަމެނުވީއެވެ. ފަހެ ހަމަކަށަވަރުން، ރޯއަކީ ތިމަން އިލާހަށްޓަކައިވާ ކަމެކެވެ. އަދި އެއަޅުކަމަށް ދަރުމަ ދެއްވާނީ ތިމަންއިލާހެވެ. (އަދި ރަސޫލާ صلى الله عليه وسلم ގެ ޙަދީޘްކުރެއްވިއެވެ.) ރޯދައަކީ ރައްކާތެރިކަންދޭ އައްޑަނައެކެވެ. ފަހެ، ތިޔަބައިމީހުންކުރެ މީހަކު، ރޯދައަށް ހުންނަ ދުވަހު، ހަޑިހުތުރުބަސްތައް ނުބުނާހުށިކަމެވެ. އަދި އަޑުގަދަކޮށް ހަޅޭލައި ނަހަދާށެވެ. ފަހެ، އެހެންމީހަކު އޭނާއާ އަރައިރުންވެ ހަޑިހުތުރު ބަހެއް ބުނެފިނަމަ، އޭނާ ބުނާހުށިކަމެވެ. ތިމަނާއަކީ ރޯދަވެރިޔަކީމެވެ."

ރޯދައިގެ އަޅުކަމުގައި ކެތްތެރިކަމުގެ ހުރިހާ ދާއިރާތަކެއް ހިމެނެއެވެ. އެއީ މާތް ﷲ ގެ އަމުރުފުޅުތަކަށް ކިޔަމަންގަތުމުގައި ކެތްތެރިވުމާއި، އެއިލާހު ނަކީކުރެއްވިހައި ކަމަކުން އެކިބާވުމުގައި ކެތްތެރިވުމާއި، މިންވަރުފުޅުން ތިމާއަށް ކުރިމަތިވާ އެންމެހައި ދަތިއުނދަގޫ ކަމަކަށް ކެތްތެރިވުމެވެ. ކެތްތެރިކަމުގެ މި ތިން ދަރަޖަވެސް އޭގެ އެންމެ ފުރިހަމަ މާނައިގައި ރޯދައިގެ އަޅުކަމުގައި ހިމެނެއެވެ.

މާތް ﷲ އަށް ކިމަން ގަތުމުގައި ކެތްތެރިވުން

ކެއްތެރިކަމުގެ އެންމެ މަތީ ދަރަޖައަކީ މާތް ﷲ ގެ އަމުރުފުޅުތަކަށް ކިޔަމަންގަތުމުގައި ކެތްތެރިވުމެވެ. ރޯދަމަހުގެ ދުވާލުގެ ވަގުތުތަކުގައި އެއިލާހު ހަލާލު ކުރައްވާފައިވާ ކާބޯތަކެއްޗާއި މީރުފެންފޮދެއްވެސް ނުބޮއި، ފަތިހުގެ އަލިކަން ފާޅުވީއްސުރެ އިރުއޮއްސެންދެން ހުންނަ ހުރުމުގެ މަޤްޞަދަކީ އެއީއެވެ. މި މައްސަރުގައި އަދާކުރެވޭ އަޅުކަމުގައި ކެތްތެރިވުމާއި، ފަރުޟު ނަމާދުތަކަށް ރައްކާތެރިވުމާއި، ތަރާވީޙު ނަމާދު ކުރުމާއި، ކީރިތި ޤުރްއާން ކިޔެމުގައި ވަގުތު ހޭދަކުރުމާއި، މިކަންކަމަށް ތިމާގެ ނަފްސު ހޭނުވުމަކީ ކެތްތެރިކަމާއެކު މެނުވީ ކުރެވޭނޭ ކަމެއް ނޫނެވެ.

މާތް ﷲ ގެ އަމުރުފުޅުތަކަށް ކިޔަމަންގަތުމުގައި ކެތްތެރިވުން ބިނާވެފައިވަނީ މާތް ﷲ އަށް ތިބާ ތެދުވެރިވާ މިންވަރެއްގެ މައްޗަށެވެ. އަދި ތިބާގެ އަމިއްލަ ނަފްސުގެ މައްޗަށް ތެދުވެރިވާ ތެދުވެރުވުމުގެ މައްޗަށެވެ. މާތް ﷲ ވަޙީކުރައްވާފައިވެއެވެ. ﴿ وَاصْبِرْ نَفْسَكَ مَعَ الَّذِينَ يَدْعُونَ رَبَّهُم بِالْغَدَاةِ وَالْعَشِيِّ يُرِيدُونَ وَجْهَهُ وَلَا تَعْدُ عَيْنَاكَ عَنْهُمْ تُرِيدُ زِينَةَ الْحَيَاةِ الدُّنْيَا وَلَا تُطِعْ مَنْ أَغْفَلْنَا قَلْبَهُ عَن ذِكْرِنَا وَاتَّبَعَ هَوَاهُ وَكَانَ أَمْرُهُ فُرُطاً ﴾ (الكهف 28) މާނައީ: "އަދި އެއުރެންގެ ވެރިރަސްކަލާނގެ ވަޖުހުފުޅު އެދިގެން، އެކަލާނގެއަށް ހެނދުނާއި، ހަވީރު ދުޢާކޮށް އަޅުކަންކޮށްއުޅޭ މީހުންނާއެކު، ކަލޭގެފާނުގެ ނަފްސު ހިފަހައްޓަވައި، ކެތްކުރައްވާށެވެ! އަދި ދުނިޔޭގެ ދިރިއުޅުމުގެ ޒީނަތްތެރިކަން އެދިވަޑައިގެން، ކަލޭގެފާނުގެ ލޯފުޅު، އެއުރެން ފިޔަވައި ފަހަނަޅައި ދިޔަނުދެއްވާށެވެ! އަދި ތިމަންރަސްކަލާނގެ ހަނދުމަކުރުމުން، އެމީހެއްގެ ހިތް ޣާފިލުކުރައްވައި، އަދި އެމީހެއްގެ އަމިއްލަ އެދުމަށް ތަބާވެ، އަދި އެމީހެއްގެ ކަންތައް (ނުބައިކަމުގައި) ހައްދުފަހަނަޅައިފައިވާ މީހަކަށް، ކަލޭގެފާނު ކިޔަމަންވެ ވަޑައިނުގަންނަވާށެވެ!"

ކެތްތެރިކަމުގެ މިބާވަތުގައި ހިމެނޭ ކަންކަމުގެ ތެރޭގައި، މާތް ﷲ އަމުރު ކުރެއްވި ކަންކަން ކުރުމަށް ނަފްސު ތައްޔާރުވެފައިވާ ތައްޔާރުވުމާއި، އެއިލާހު އެންގިވި ގޮތަށް، ކުޅަދާނިވީ އެންމެ ފުރިހައަކަށް އަޅުކަން އަދާކުރުމާއި، ހިތް ހާޒިރުކޮށް ޚުޝޫޢަތްތެރިކަމާއި މަޑުމޮޅިކަމާއެކު އަޅުކަމުގައި ދެމިހުރުން ހިމެނެއެވެ.

މާތް ﷲ ނަކީކުރެއްވިހައި ކަމަކުން އެއްކިބާވުމުގައި ކެތްތެރިވުން

މާތް ﷲ ނަހީކުރެއްވި ކަންކަމުން އެއްކިބާވުމުގައި ކެތްތެރިވުމުގެ ތެރެއިން ހިމެނެނީ ރޯދަވެރިޔާ ދޫ ރައްކާތެރި ކުރުމާއި، ފާއިޝް ޢަމަލުތަކުން އެއްކިބާވުމަށް އަންގަވާފައިވާ އަމުރުފުޅަށް ތަބާވުމެވެ. ކީރިތި ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ. "ރޯދައަކީ ރައްކާތެރިކަމެކެވެ. ފަހެ، ތިޔަބައިމީހުންކުރެ މީހަކު، ރޯދައަށް ހުންނަ ދުވަހު، ހަޑިހުތުރު ބަސްތައް ނުބުނާހުށިކަމެވެ. އަދި އަޑުގަދަކޮށް ހަޅޭލައި ނަހަދާށެވެ. ފަހެ، އެހެން މީހަކު އޭނާއާ އަރައިރުންވެ ހަޑިހުތުރު ބަހެއް ބުނެފިނަމަ، އޭނާ ބުނާހުށިކަމެވެ. ހަމަކަށަވަރުން، ތިމަންނާއީ ރޯދަވެރިއަކީމެވެ." (ރިވާކެރެއްވީ ބުޚާރީއާއި މުސްލިމެވެ.)

މާތް ﷲ ނަހީކުރެއްވި ކަންކަމުން އެއްކިބާވުމުގައި ކެތްތެރިވުން ތިން ބަޔަކަށް ބެހިގެންދެއެވެ. އޭގެ ތެރޭގައި؛

* މާތް ﷲ އަށް އުރެދުންތެރިވާ ކަންކަމާއި ފާފަތަކަށް ލޯބިކުރުމުން އެކިބާވެ، ތިމާގެ ހިތް އެކަމުން ދުރުހެލިކުރުމާއި، އެފަދަ ތަންތަނާއި މަޖިލިސްތަކުން ދުރުހެލިވުން،

* ފާފަތަކާއި ކައިރިކޮށްދޭ އެންމެހައި ކަމަކުން އެއްކިބާވުން،

* ފާފައަކަށް އަރައިގަނެވިފައިވާނަމަ އެކަން ހުއްޓާލައި އަވަހަށް ތައުބަވުން،

މާތް ﷲ ނަހީކުރެއްވި ކަންކަމުން އެއްކިބާވުމުގައި ކެތްތެރިވުމަށް އެހީތެރިވެދޭ އެތައް ކަމެއް އެބަހުއްޓެވެ. އޭގެތެރޭގައި، އެފާފައިގެ ނުބައިކަން ދެނެގަތުމާއި، އެފަދަ ޢަމަލުތައް މާތް ﷲ ނަހީކުރައްވާފައިވަނީ އަޅުތަކުންގެ މަންފާއަށްޓަކައިކަން ދެނެގަތުން ހިމެނެއެވެ. އަދި ފާފަތަކަށް އަރައިގަތުމުގައި މާތް ﷲ އަށް ބިރުވެތިވެ، އެއިލާހު ބައްލަވައި ވޮޑިގެންވާކަން ހަނދާންކުރުމާއި، ސިއްރުގައި ކުރާ ކަންތައްތަކާއި ފާޅުގައި ކުރާ ކަންތައްތައްވެސް މާތް ﷲ މޮޅަށް ދެނެވޮޑިގެންވާކަން ދެނެގަތުން ހިމެނެއެވެ. އަދި އެއިލާހު ބައްލަވައިވޮޑިގެންވާ ކަމައްޓަކައި ފާފައަށް އަރައިގަތުމަށް ލަދުވެތިވުމާއި، މާތް ﷲ ދެއްވި ނިޢްމަތްތައް ހަނދުމަކުރުމާއި، އެއިލާހުގެ ދީލަތިވަންތަކަމާއި، އަޅުތަކުންނަށް އޯގާތެރިވެވޮޑިގެންވާކަން ހަނދުމަކުރުން ހިމެނެއެވެ.

މާތް ﷲ ދެއްވި އެނިޢްމަތައް ބޭނުންކޮށް އެއިލާހުއަށް ނުކިޔަމަންތެރިވުމަކީ ނިޢްމަތްތަކަށް ހަރާންކޯރުވުން ކަން ދަންނާށެވެ. އަދި ފާފަތަކަށް އަރައިގަތުމަކީ ނިޢްމަތްތައް ފިލައިގެންދާ ކަމެއްކަންވެސް ދަންނާށެވެ. ހަމައެދައިން ތިމާގެ ނަފްސު ފާފައިން ނުތާހިރުކުރުމަކީ މުއުމިނު އަޅަކަށް އެކަށީގެންވާކަމެއް ނޫންކަން ދަންނާށެވެ. ވަކީން ޚާއްޞަކޮށް މިފަދަ އަޅުކަމުގެ މައްސަރެއްގައި ފާފަކުރުމަކީ، އީމާންކަމާ ފުށުއަރާކަމެއްކަން ހަނދާންކުރާށެވެ. އަދި ހިތުގައިވާ އަޅުކަމުގެ ރޫޙާއި، މާތް ﷲ އަށް އޮތް ލޯބި، ފާފައަށް އަރައިގަތުމުގެ އެދުންތަކުގެ މައްޗަށް ގަދަވެގެންވާކަން ހަނދާންކުރާށެވެ. މިކަންކަމަކީ ފާފަކުރުން އެއްކިބާވުމަށް އެހީތެރިވެދޭ ބައެއް ކަންކަމެވެ.

މިންވަރުފުޅުން ކުރިމަތިވާ ކަންކަމަށް ކެތްތެރިވުން

ތިންވަނައީ، މިންވަރުފުޅުން ތިމާއަށް ކުރިމަތިވާ އެންމެހައި ދަތިއުނދަގޫ ކަންކަމަށް ކެތްތެރިވުމެވެ. މިޙަޔާތުގައި ދިމާވާ ހުރިހާ އުފާ ފާގަތިކަމާއި ދަތި އުނދަގޫ ކަމަކީވެސް މާތް ﷲ ގެ މިންވަރުފުޅުން ކުރިމަތިވާ ކަންކަމެވެ. އަދި އެކަންކަމަކީ މިދުނިޔޭގައި ކުރިމަތިވާ އިމްތިޙާނު ތަކެއްކަން ހަނދާންކުރާށެވެ. މާތް ﷲ ވަޙީކުރައްވާފައިވެއެވެ. ﴿ وَلَنَبْلُوَنَّكُمْ بِشَيْءٍ مِّنَ الْخَوفْ وَالْجُوعِ وَنَقْصٍ مِّنَ الأَمَوَالِ وَالأنفُسِ وَالثَّمَرَاتِ وَبَشِّرِ الصَّابِرِينَ ﴾ (البقرة 155) މާނައީ: "ހަމަކަށަވަރުން ތިމަންރަސްކަލާނގެ ތިޔަބައިމީހުން އިމްތިޙާނު ކުރައްވާހުށީމެވެ. (އެއީ) ބިރުވެރިކަމާއި ބަނޑުހައިހޫނުކަމުގެ ތެރެއިން ކަމެއް މެދުވެރިކުރެއްވުމުންނެވެ. އަދި މުދާތަކާއި ފުރާނަތަކާއި މޭވާތައް އުނިކުރެއްވުމުންނެވެ. އަދި ކެތްތެރިންނަށް އުފާވެރިކަމުގެ ޚަބަރު ކަލޭގެފާނު ދެއްވާށެވެ!"

ތިމާއަށް ކުރިމަތިވާ ދަތި އުނދަގޫ އެންމެހައި ކަމަކާއި، ހިތާމަތަކާއި ކެކުޅުންތަކާއި، ކަންބޮޑުވުންތަކާއި އެންމެ ކުޑަމިނުން ގަޔަށް ހެރޭ ކީއްޔެއްގެ މިންވަރަކީވެސް އެކަންކަމުން ފާފަ ފުއްސަވައިދެއްވާ ކަންކަމެވެ. އަދި އެކަންކަމަށް ކެތްތެރިވެ، ތިމާގެ ނަފްސު މާތް ﷲ ރުހިވޮޑިނުގަންނަވާ ކަންކަމުން އެއްކިބާކުރުމަކީ އެ އިމްތިޙާނުތަކުން ފާސްވުމުގެ މަގެވެ.

ރޯދައިގެ އަޅުކަމަކީ ކެތްތެރިކަމަށް ނަފްސުހާނުވާ، ކުރިމަތިވާ ދަތި އުނދަގޫ އެންމެހައި ޙާލަތެއްގައިވެސް ހެޔޮ މަގުގައި ތިމާ ދެމިހުރުމަށް އެހީތެރިވެދޭ އަޅުކަމެކެވެ. މި ބަރަކާތްތެރި މައްސަރުގައި ރޯދަހިފާހިނދު ކެތްތެރިކަން އިސްކުރައްވާށެވެ.