ލައިފްސްޓައިލް

އަތްވާ ނުގުޅޭތީ 28 ފަހަރު ހަމުގެ ކެންސަރު ޖެހިއްޖެ

އިންސާނުންގެ ހަށިގަނޑަކީ ވަރަށް އަޖައިބުތަކުން ފުރިގެންވާ އެއްޗެކެވެ. ބައެއް މީހުންގެ ހަށިގަނޑު އުފެދިފައި ހުންނަ ގޮތުން މުޅި އުމުރަށް ވެސް އެ ހަށިގަނޑަށް ދިމާވާ ތަފާތު މައްސަލަތަކުން ސަލާމަތް ނުވެވިގެން އުޅެން ޖެހެ އެވެ. އެންޑްރިއާ އިވޯން މޮންރޯއީއަކީ މިފަދަ އަންހެނެކެވެ. އޭނާގެ ހަޔާތުގެ ބޮޑު ބައެއް ހޭދަކޮށްފައި ވަނީ ގޭތެރޭގަ އެވެ. އެންމެ ކުޑަމިނުން ދުވާލު ގަޑީގައި ބެލްކަންޏާ ހަމައަށް ވެސް އޭނާއަކަށް ނުކުމެވޭކަށް ނޯވެ އެވެ. އިރުއަރާ މަންޒަރު ދުށުގެ ނަސީބެއް ވެސް އޭނާއަކަށް ނުލިބެ އެވެ. އަދި ހެނދުނުގެ ފިނި ވައިރޯޅި ގަޔަށް ޖައްސާ ލެވޭނެ ގޮތެއް ވެސް އެންޑްރިއާ އަކަށް ނެތެވެ.

އެހެން ގޮތަކަށް ބުނާނަމަ ބުނެވޭނީ 28 އަހަރުވީ އެންޑްރީ ދިރިއުޅެނީ ވެމްޕެއާއިން ދިރިއުޅޭ ގޮތަށޭ އެވެ. މިހާރު މިގޮތަށް އޭނާ ދިރިއުޅޭތާ އެތައް އަހަރެއް ވެއްޖެ އެވެ. ސަބަބަކީ އޭނާގެ ހަންގަނޑުގެ ނާޒުކު ކަމެވެ. ވަރަށް މަދުން ދުނިޔޭން ފެންނަ ބައްޔެއް އެ ހަންގަނޑަށް ޖެހިފައި ވާތީ އެވެ. މި ހާލަތުގެ ސަބަބުން އޭނާގެ ހަންގަނޑު އިރުގެ އަތްވަށް މާ ބޮޑަށް ވެސް ސެންސިޓިވް އެވެ. އަދި އޭނާގެ ހަމުގެ ބާވަތުން ވަރަށް ފަސޭހައިން ހަމުގެ ކެންސަރު ޖެހުމުގެ ފުރުސަތު އޮތީމަ އެވެ.

އެމެރިކާގެ ކެލިފޯނިއާ މީހެއް ކަމަށްވާ އެންޑްރިއާ އަށް މިހާތަނަށް 28 ފަހަރު ހަމުގެ ކެންސަރު ޖެހިފައި ވެއެވެ. އެއީ ވަރަށް ކުޑައިރުން ފެށިގެންނެވެ. އަދި 23 އަހަރުގައި އޭނާ ވަނީ އިއްދައިން ކެނޑިފަ އެވެ.

އެންޑްރިއާ ބުނި ގޮތުގައި ގުދުރަތީ ގޮތުން އޭނާ އުފެދިފައިވާ ގޮތް ގަބޫލުކުރަން ޚުދް އޭނާއަށް ވެސް ވަރަށް ގިނަ ވަގުތު ނެގި އެވެ. ނަމަވެސް މިހާރު އޭނާގެ އަމިއްލަ ހާލަތު ގަބޫލުކޮށް އެގޮތަށް އުޅެން ދަސްކޮށްފައިވާ ކަމަށާއި މިހާރު މިގޮތަށް ދިރިއުޅެން އެހާ އުނދަގޫ ނޫން ކަމަށް ވެސް އެންޑްރިއާ ބުންޏެވެ.

އެންޑްރިއާ ބުނީ އޭނާގެ ބަލީގެ ސަބަބުން އުމުރަށް ވުރެ ހަލުވިކޮށް އޭނާގެ ހަށިގަނޑު މުސްކުޅިވަމުންދާ ކަމަށެވެ.
ޒީރޯޑާމާ ޕިގްމެންޓޯސަމް ނަމަކަށް ކިޔާ މި ބަލި ޖެހުމުން ކިރިޔާ އަވީގެ އަސަރު ހަންގަނޑަށް ކުރިޔަސް ހަންގަނޑު ވަރަށް ބޮޑަށް އަނދަ އެވެ. އަދި ހަންގަނޑު ޑްރައި ވުމާއި ހަންގަނޑުގެ ކުލަ ބަދަލުވުން ފަދަ މައްސަލަތައް ދިމާވެ އެވެ. އަދި ކަންފަތަށް އިވުމުން މަހްރޫމް ވުމާއި ލޯ އަނދިރިވުން އަދި ސިކުނޑި ވެސް އެކަށީގެންވާ ގޮތަކަށް މަސައްކަތް ނުކުރާ ކަމަށް އެންޑްރިއާ ބުންޏެވެ.

އެންޑްރިއާގެ މި ބަލި ޖެހޭ މީހެއްގެ އެވްރެޖް އުމުރު 37 އަހަރަށް ވުރެ މައްޗެއް ނޫނެވެ. ނަމަވެސް އެންޑްރިއާގެ މުސްތަގްބަލާ މެދު އޭނާ ދެކެނީ ވަރަށް އުންމީދީ ނަޒަރަކުންނެވެ. އޭނާ ގަބޫލުކުރާ ގޮތުގައި އެކަށީގެންވާ ގޮތެއްގައި ރައްކާތެރިވެގެން އުޅުމުން އޭނާއަށް ގިނަ ދުވަހު ދުނިޔޭގައި ހުރެވިދާނެ އެވެ.

މިހާރު އެންޑްރިއާ ގެއިން ބޭރަށް ނުކުންނަނީ ހަމައެކަނި ރޭގަނޑު އެވެ. އެގޮތަށް ނުކުންނައިރުވެސް އިރުކޮޅުކޮޅުން ޔޫވީ ހުރިވަރު ދެނެގަންނަން ޖެހެ އެވެ. އަދި ސޯލާ މީޓަރެއް ވެސް އަބަދުވެސް އަތުގައި ގެންގުޅެން ޖެހެ އެވެ.
އެންޑްރިއާ ބުނީ ގެއިން ބޭރަށް ނުކުންނަނީ ހަމައެކަނި ޑޮކްޓަރަށް ދައްކަން ދާށެވެ. އެގޮތަށް ނުކުންނައިރު ވެސް ވަރަށް ބޮޑަށް ހަންގަނޑު ފޮރުވައިގެން ހުންނަންޖެހެ އެވެ.

އެންޑްރިއާ އަށް އެންމެ ފަހުން ކެންސަރު ޖެހުނީ އޮކްޓޯބަރު 2020 ގައެވެ. އޭގެ ކުރިން ވެސް އެތައް ފަހަރަކު އޭނާ ވަނީ ހަމުގެ ކެންސަރު ނެގުމަށް ސާޖަރީތައް ހަދާފަ އެވެ.