"އޭ މެރޭ ހަމްސަފަރް" ސިލްސިލާގައި ލީޑް ރޯލު ކުޅުނު އެކްޓަރު ނަމީޝް ތަނޭޖާގެ އާއިލާ ކޮވިޑް-19 އަށް ޕޮޒިޓިވްވީ މީގެ މަސް ތަކެއް ކުރިންނެވެ. އެ ފަހަރު ނަމީޝްގެ ނަތީޖާ ދެއްކީ ނެގެޓިވް ކަމަށެވެ. އެހެންވެ އޭނާ ގޭގައި ވަކިން ކަރަންޓީނު ވެގެން ހުރީ އެވެ. އެއީ "އޭ މެރޭ ހަމްސަފަރް" ގެ ޝޫޓިންގައި އޭނާ އުޅުނު ދުވަސްވަރެވެ.
މިހާރު ނަމިޝް ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފަ އެވެ. ލޯބިވެރިޔާ އާންޗަލް ޝަރުމާ އާއެކު ރާއްޖޭގައި ޗުއްޓީ ހޭދަ ކުރުމަށް ފަހު ފުރަން ވެގެން ހެދި ކޮވިޑް ޓެސްޓުން ޕޮޒިޓިވްކަން އެނގުނުއިރު އާންޗަލްގެ ޓެސްޓް ނެގެޓީވް އެވެ.
އެ ސަބަބާ ހުރެ ނަމީޝް މިހާރު ހުރީ ރާއްޖޭގައި ތާށިވެފަ އެވެ. އޭނާ ހުންނަ ހޮޓަލުގެ ކޮޓަރީގައި ކަރަންޓީނު ވެގެން އޭނާ ހުރިއިރު އެމީހުން ފުރަން ކަނޑައެޅިފައި އޮތް ދުވަހު އާންޗަލް ވަނީ ފުރައިގެން އިންޑިއާ އަށް ގޮސްފަ އެވެ.
ނަމީޝް ބުނި ގޮތުގައި މިދިޔަ އަހަރުގެ ބޮޑު ބައެއް އޭނާ ހޭދަކުރީ އެކި ޝޯތަކުގެ ޝޫޓިންގް ގައެވެ. ލޮކްޑައުން ދުވަސްތަކުގަ ހުރީ ގޭގަ އެވެ. އެހެންވެ ކޮރޯނާވައިރަހުގެ ހާލަތު ތަންކޮޅެއް ރަނގަޅުވާހެން ހީވެގެން ފެބްރުއަރީ މަހު ކުރު ދަތުރެއް ލޯބިވެރިޔާ އާއެކު ރޭވީ އެވެ.
"އަހަރެމެން އެންމެ ކުރިން ރޭވީ ނިއުޔޯކަށް ދާން. ފަހުން ޕްލޭން ބަދަލުކޮށް ދިވެހިރާއްޖެއަށް ދާން ނިންމީ. އަހަރެމެން ޓިކެޓާއި ތިބޭނެ ހޮޓަލާއި ހުރިހާ އެއްޗެއް ބުކްކޮށް ނިންމީ އިންޑިޔާއަށް ކޮވިޑް-19 އިގެ ދެވަނަ ރާޅު ބިންދާލުމުގެ މާ ކުރިން،" ނަމީޝް ބުންޏެވެ.
"ވިދްޔާ" އާއި "ސްވަރާގިނީ" ގައި ވެސް ލީޑް ރޯލު ކުޅެފައިވާ އެކްޓަރު ބުނީ އިންޑިޔާ އިން ފުރުމުގެ ކުރިންނާއި އަންނައިރު ވެސް ކޮވިޑަށް ޓެސްޓް ކުރަން ޖެހޭ އުސޫލުން މިފަހަރު އެނބުރި އަންނަން ޓެސްޓް ކުރުމުން ޕޮޒިޓިވް ވެފައިވާކަން އެނގި މަޑުކުރަން ޖެހުނީ އެވެ.
ނަމީޝް ބުނީ އެމީހުން ދިވެހިރާއްޖެ ދާން ފުރަތަމަ ޓެސްޓް ހެދީ އެޕްރީލް މަހުގެ 10 ވަނަ ދުވަހު އެވެ. އެމީހުންގެ ދަތުރަކީ އެންމެ ހަތަރު ދުވަހުގެ ކުރު ދަތުރަކަށް ވާތީ 12 އޭޕްރީލްގައި އަނެއްކާވެސް ޓެސްޓް ހަދަން ޖެހުނީ އެވެ. އޭގެ އެއް ދުވަސް ފަހުން ފުރަން ހަމަޖެހިފައިވާތީ އެވެ. ޕޮޒިޓިވްކޮށް ނަތީޖާ ދެއްކީ 12 އޭޕްރީލްގައި ހެދި ޓެސްޓުންނެވެ.
"ނަސީބަކުން އާންޗަލް ނެގެޓިވް. އެހެންވެ އަހަރެން ވަރަށް ގަދައަޅައިގެން އޭނާ ފޮނުވާލީ. އޭނާ ވަރަށް ނުދާން ވެގެން ވަރުދެއްކި. އަދި އަހަރެން ބަހައްޓާފައި ދާންޖެހޭތީ ފުރަމުން ވަރަށް ރުއި. އެންމެ ހިތްދަތިވީ ކަމަކީ އޭނާ ފުރި ގަޑީގައި ވެސް ވަދާއުގެ ސަލާމް ވެސް ކޮށް ނުލެވުނީމަ،"
ޒުވާން އެކްޓަރު ބުނި ގޮތުގައި ކޮވިޑަށް ޕޮޒިޓިވް ވިޔަސް އޭނާގެ ފަރާތުން ބަލީގެ އެއްވެސް އަލާމާތެއް ނުފެނެ އެވެ. ހޮޓަލުގެ ކޮޓަރީގައި އެކަނި މާއެކަނި މިހާރު ވަގުތުތައް ހޭދަ ކުރަމުންދާ ނިމޭޝް ހުސް ވަގުތު ހޭދަކުރަނީ ވަރަށް ރަނގަޅު ފޮތްތައް ކިޔުމުގަޔާއި ފިލްމު ބެލުމުގައި ކަމަށް އޭނާ ބުންޏެވެ.