ހަބަރު

ރާއްޖެ ޓީވީގެ އާންމު ބްރޯޑްކާސްޓް ހުއްޓާލައި ލަވަ ފޮނުވަން ފަށައިފި

Nov 6, 2015
17

ރާއްޖެޓީވީން އާންމު ބްރޯޑްކާސްޓް ހުއްޓާލައި ލަވަ ފޮނުވަން ފަށައިފި އެވެ.

ރާއްޖޭގެ ޓީވީގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ މިރޭ ވިދާޅުވީ މިއީ ރާއްޖޭގެ ޓީވީ ފަސް އަހަރުގެ ހަޔާތުގައި އައި އެންމެ އުނދަގޫ ނިންމުން ކަމަށާއި މި ނިންމުމަށް ދިޔައި އެތައް ސަބަބުތަކެއް ހުރުމުން ކަމަށެވެ.

އޭނާ ވިދާޅުވީ ރާއްޖެ ޓީވީ ރޯކޮށްލި ހާދިސާ އާއި ނޫސްވެރިންނަށް ގެއްލުން ލިބުނު ހާދިސާތައް ހިނގި އިރުވެސް މިފަދަ ފިޔަވަޅެއް ނާޅާ ކަމަށާއި މިވަގު މި ނިންމުމަށް ދާންޖެހެނީ ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމާ ގުޅިގެން ބްރޯޑްކާސްޓިން ކޮމިޝަނުން ދެން ގެނެސް ދެވޭނީ ކޮން ކޮންޓެންޓެއް ކަމާއި ލައިސަންސް ބާތިލުވާނީ ކޮން ކޮންޓެންޓެއްކަން ބުނެ ނުދީ ލައިސަންސް ބާތިލު ކުރާނެ ކަމުގެ އިންޒާރު ދީފައިވާތީ ކަމަށެވެ.

"އާންމު ބްރޯޑްކާސްޓް ކުރުން ހުޓާލުން މާނާކޮށްފައި އެވަނީ ރާއްޖެ ޓީވީއަކީ ހުރިހާ އިވެންޓެއް ހުރިހާ ކަމެއް ހުރިހާ ދިމާއަކުން ގެނެސްދޭ ޓީވީއެއް. އެކަމަކު މިހާރު ކުރިމަތިވި ބިރުވެރިކަމާއެކު މިރެއިން ފެށިގެން އާންމު ބްރޯޑް ކާސްޓް ކުރެވެންނެތީ. ވީމާ ދެން މިހާރު މިގެނެސްދޭ ގޮތަށް ހަބަރު ގަޑިތަކެއް ނޯންނާނެ އިވެންޓްތަކެއް ގެނެސް ނުދޭނެ ސިޔާސީ ހަރަކާތްތައް ކަވަރެއް ނުކުރާނެ، އޭގެ ބަދަލުގައި ގެނެސްދޭނީ ގައުމީ ލަވަ އާއި މުނިފޫހިފިލުވުމުގެ ޕްރޮގްރާމްތައް،" ފިޔާޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި ގޮތަށް ހަމަޖެއްސި ނަމަވެސް ވީހާވެސް އަވަހަކަށް އަލުން އާންމު އުސޫލުން ޓީވީގެ ޕްރޮގްރާމްތައް ގެނެސްދެވޭނެ މާއުލެއް ލިބޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.