މުހައްމަދު ޝަހީބު

ދެ ދުވަހު ފިލްމު ދެއްކުމަށްފަހު ރާއްޖެ ޓީވީ ހިދުމަތަށް އައިސްފި

ދެ ދުވަސް ވަންދެން ދިވެހި ފިލުމު ދެއްކުމަށް ފަހު "ރާއްޖެ ޓީވީ"ގެ އާއްމު ބްރޯޑްކާސްޓިން މިރޭ ފަށައިފި އެވެ.

އެ ޓީވީގެ ގެ އާންމު ކޮންޓެންޓް ބްރޯޑްކާސްޓް ކުރުން ހުއްޓާލައި ފިލްމު އަޅުވަން ފެށި މިދިއަ ހުކުރު ދުވަހުގެ ރެއިން ފެށިގެނެވެ.

އެ ޓިވީން އާންމުން ކޮންޓެންޓް ހުއްޓާލީ ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުުރުމާ ގުޅިގެން ބްރޯޑްކާސްޓް ކުރެވޭ ކޮންޓެންޓާއި ލައިސަންސް ހިފަހައްޓާ އަދި ބާތިލު ކުރާ ކޮންޓެންޓް ބުނެ ނުދީ ބްރޯޑްކޮމް އިން އިންޒާރު ދިން ކަމަށް ބުނެ އެވެ. އަދި ރާއްޖޭގައި މިނިވަން ނޫސްވެރިކަން ކުރެވޭނެ މާހައުލެއް ނެތް ކަމަށް ބުނަމުންނެވެ.

ރާއްޖެ ޓީވީ އަލުން އާންމު ކޮންޓެންޓް މިރޭ ބްރޯޑްކާސްޓް ފެށި އިރު އެ ޓީވީއަށް ސާފު ނުވެގެން އުޅުނު ކަންކަން ބްރޯޑްކޮމް އިން ސާފުކޮށް ދީފައެއް ނުވެއެވެ. އެނގިފައިވާ ގޮތުގައި އެ ޓީވީގެ އޮފިޝަލުންނާއި ބްރޯޑްކޮމްއާއެކު ބާއްވާ ބައްދަލުވުން އޮތީ މާދަމާ އެވެ.

ރާއްޖެ ޓީވީގެ ސީއީއޯ ހުސެއިން ފިޔާޒު މޫސާ ވެސް މިރޭ ވިދާޅުވީ އާންމު ބްރޯޑްކާސްޓިން އަލުން ފެށީ ކުރިން އޮތް ނުތަނަވަސްކަން ފިލައި ގޮސްގެން ނޫން ކަމަށެވެ.

މިދިއަ ދެ ދުވަހު ރާއްޖެ ޓީވީގައި ކުރީގެ ރީތި ދިވެހި ފިލްމްތައް ފުލުފުލުގައި ގެނެސްދިނެވެ.