ވެރިކަމުގެ ނިޒާމު ބަދަލު ކުރަން ވާނީ އެއީ އެންމެ ރަނގަޅު ގޮތް ކަމަށް ރައްޔިތުންނަށް ފެނުމުން ކަމަށް ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެ އެވެ.
ރައީސް ވަހީދު މިހެން ވިދާޅުވެފައި މިވަނީ ރާއްޖޭގެ ބޮޑުވަޒީރުކަން ބޭނުންފުޅުވާ ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމާ ގުޅިގެންނެވެ.
އެކަމާ ގުޅިގެން ރައީސް ވަހީދު މިއަދު ވިދާޅުވީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލު ކުރަން ވާނީ ވަކި މީހަކު ވެރިކަމުގެ ހަވާސާގައި ހުންނަން ޖެހޭތީ ނޫން ކަމަށެވެ.
"[ވެރިކަމުގެ ނިޒާމު ބަދަލުކުރަންވާނީ] އެބަދަލަކީ ރައްޔިތުންނަށް އެންމެ ރަނގަޅު ގޮތް ކަމަށް ފެނުނީމާ،" ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭގޮތުން ހިޔާލުފުޅު ހުރި ގޮތް ހިއްސާކުރައްވަމުން ރައީސް ވަހީދު ވިދާޅުވެފައިވެ އެވެ.
ވެރިކަމުގެ ނިޒާމު ބަދަލުކުރުމުގެ މައްސަލައިގައި ރައީސް ވަހީދު ވާހަކަފުޅު ދައްކަވާފައިވާއިރު އެމަނިކުފާނު ކުރިން ވަނީ މާލޭގެ މެންބަރު ކަން ކުރައްވާފަ އެވެ.
ވެރިކަމުގެ ނިޒާމު ބަދަލުކުރެއްވުމަށްފަހު ބޮޑުވަޒީރު ކަން ބޭނުންވާ ކަމަށް ރައީސް ނަޝީދު ރައީސް ސޯލިހަށް އެންގެވި ނަމަވެސް ރައީސް ސޯލިހް އެ މައްސަލައިގައި އަދި އެއްވެސް އެއްޗެއް ވިދާޅުވެފައެއް ނުވެ އެވެ.
ނަމަވެސް މީގެކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ސޯލިހް ވަނީ ވެރިކަމުގެ ނިޒާމު ބަދަލުކުރުމުގެ މައްސަލައިގައި ވާހަކަފުޅު ދައްކަވާފަ އެވެ. އެގޮތުން އެމަނިކުފާނު ވިދާޅުވީ ވެރިކަމުގެ ނިޒާމު ބަދަލުކުރުމުގެ ބަހުސަށް ވުރެ ބޮޑަށް މިވަގުތު އިސްކަން ދެއްވަން ބޭނުންވަނީ ރައްޔިތުންނަށް އެ މަނިކުފާނު ވެވަޑައިގެންފައިވާ ވައުދު ފުއްދެމަށް ކަމަށެވެ. މީގެއިތުރުން މައްސަލައަކީ ވެރިކަމުގެ ނިޒާމު ނޫން ކަމަށާއި ބޭނުންވަނީ ވެރިކަން ކުރަން ތިއްބަވާ ބޭފުޅުން ތެދުވެރިވާން ކަމުގައިވެސް ރައީސް ސޯލިހް ވަނީ ވިދާޅުވެފަ އެވެ.