ރައީސް މުހައްމަދު ނަޝީދު

ނަޝީދު ބޭނުންފުޅުވަނީ ރައްޔިތުންގެ ވޯޓުން ނިޒާމު ބަދަލުކުރަން

ރާއްޖޭގެ ވެރިކަމުގެ ނިޒާމަށް ބަދަލު ގެނެވޭނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ކަމަަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، ރައީސް ސޯލިހްގެ ވާހަކަފުޅަށް ރައްދު ދެއްވައިިފި އެވެ.

އިއްޔެ އިރުއޮއްސުނު ވަގުތު ރައީސް ނަޝީދު، ރައީސް ސޯލިހަށް ފޮނުއްވެވި މެސެޖެެއްގައި ސަރުކާރު އުވާލާ ރާއްޖޭގެ ހިންގުން ބަރުލަމާނީ ނިޒާމަށް ބަދަލުކޮށް ބޮޑުވަޒީރުކަން ބޭނުންފުޅުވާ ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ދަންނަވާފައެވެ.

އެކަމަށް އިޝާރާތް ކުރައްވާ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު މަބުރޫކް އަޒީޒް ވިދާޅުވީ ވެރިކަމުގެ ނިޒާމު ބަދަލު ކުރުމާއި ގުޅޭގޮތުން ރައީސް މުހައްމަދު ނަޝީދު ކުރެއްވި މެސެޖެއް ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގެންފައިވާ ކަމަށެވެ.

"މިހާރު އަމަލު ކުރަމުންދާ ވެރިކަމުގެ ނިޒާމަކީ ރައްޔިތުންގެ ސީދާ ވޯޓަކުން އަމަލު ކުރުމަށް ނިންމާފައިވާ ގޮތެއް ކަމަށްވާތީ މިކަމަށް ބަދަލެއް ގެނެވޭނީސް އާންމު ރައްޔިތުންގެ ވޯޓަކުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ދެކެވަޑައިގަންނަވާ،" މަބުރޫކް ވިދާޅުވިއެވެ.

ރައީސްގެ އެ ވާހަކަތަށް ރައްދު ދެއްވާ ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގެ ވެެރިކަމުުގެ ނިޒާމަށް ބަދަލު ގެނެވޭނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ކަމީ ޝަައްކެއް ނެތް ކަމެއް ކަމަަށެވެ. އެމަނިކުފާނު ނިޒާމު ބަދަލުކުރުމުގެ ކޮންމެ މަޝްވަރާއަކީ އަދި ކޮންމެ މަސައްކަތަކީ ފެންނަ ނުފެންނަ ވޯޓާ ގުޅޭ ކަންކަން ކަމަަަށެވެ.

ރައީސް ނަޝީދު، ރައީސް ސޯލިހަށް ފޮނުއްވެވި މެސެޖުގައި އެމަނިކުފާނު ވަނީ ވެރިކަމުގެ ނިޒާމު ބަދަލު ކުރަން ޖެހޭ ކަމަށް ވިދާޅުވާ ވިދާޅުވުން ތަކުރާރު ކުރައްވާފަ އެވެ. އަދި އެ މަޝްވަރާތައް ކުރިއަށް ގެންދަވަން ބޭނުންފުޅުވާ ކަމަށްވެސް ވިދާޅުވި އެވެ. ނަޝީދުގެ މެސެޖުގައި އެދިވަޑައިގެންފައިވަނީ ސަރުކާރު އުވާލައްވާ، 2023 ގައި ރިޔާސީ އިންތިހާބު ނުބޭއްވުމަށެވެ. އަދި ވެރިކަން ހިންގުމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ފުރޮޅާލުމަށެވެ. އަދި ބޮޑުވަޒީރަކަށް ވެވަޑައިގަތުމުގެ ޝައުގުވެރިކަން ވަނީ ފާޅުކުރައްވާފަ އެވެ.

ރައީސް ނަޝީދުގެ މެސެޖުގައި އެމަނިކުފާނު ވަނީ ވެރިކަމުގެ ނިޒާމު ބަރުލަމާނީ އަށް ބަދަލުކުރެއްވުމަށް ފެނިވަޑައިގަންނަވަނީ 2023 ވަނަ އަހަރުގެ ފެބްރުއަރީ މަހު ކަމަށްވެސް ވިދާޅުވެފަ އެވެ. އަދި އޭގެ ފަހުން 2024 ވަނަ އަހަރު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ހަމައަށް ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަވާނެ ބޭފުޅަކު އެމްޑީޕީގެ ސުޕަމެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހުން ކަނޑައެޅުއްވުމަށެވެ.