ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ސިނޯފާމް

ސިނޯފާމް ވެކްސިންގެ ދެވަނަ ޑޯޒް މާދަމާ ފަށަނީ

ކޮވިޑް-19 އިން ރައްކާތެރިވުމަށް ދެމުންދާ ވެކްސިންގެ ތެރެއިން ޗައިނާގެ ސިނޯފާމް ވެކްސިން ޖެހި މީހުންގެ ތެރެއިން ހަތަރު ހަފްތާ ވެފައިވާ މީހުންނަށް މާދަމާ އެ ވެކްސިންގެ ދެވަނަ ޑޯޒް ދިނުމަށް ހަމަޖެހިފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

ސިނޯފާމް ވެކްސިން ރާއްޖޭގައި ދޭން ފެށީ މާޗް މަހުގެ 22 ވަނަ ދުވަހު އެވެ.

އެޗްޕީއޭއިން މިރޭ ބުނީ ސިނޯފާމް ވެކްސިންގެ ދެވަނަ ޑޯޒް މާދަމާ ދޭން ފަށާނެ ކަމަށެވެ. ސިނޯފާމް ވެކްސިންގެ ދެވަނަ ޑޯޒް ދެ ސެންޓަރަކުން ދޭނެ އެވެ. އެއީ ސިނޯފާމް ވެކްސިން މިހާރު ދެމުންދާ ހުޅުމާލޭގައި ހުންނަ ޓްރީޓޮޕް ހޮސްޕިޓަލާއި ރައްޔިތުންގެ މަޖިލީހުންނެވެ.

ޓްރީޓޮޕް ހޮސްޕިޓަލުން ދެ ވަގުތެއްގައި ވެކްސިން ދޭނެ އެވެ. އެއީ ދުވާލު ހެނދުނު 10 އަކުން 12 އަށް އަދި ރޭގަނޑު 8:30 އިން 11 އަށެވެ. ދުވާލު ވެކްސިން ދޭނީ ރޯދައަށް ނުހުންނަ މީހުންނަށެވެ. މަޖިލީހުގެ އިދާރާއިން ވެކްސިން ދޭނީ ރޭގަނޑު ނުޔަކުން 11:30 އަށެވެ.

ރާއްޖޭގައި ތިން ވެކްސިނަކަށް ވަނީ ހުއްދަ ދީފައެވެ. އެއީ ސިނޯފާމް ވެކްސިނާއި ކޮވިޝީލްޑް ވެކްސިން އަދި ފައިޒާ ވެކްސިނެވެ. ކޮވިޝީލްޑްގެ ދެވަނަ ޑޯޒްވެސް މިހާރު ވަނީ ދޭން ފަށާފައެވެ. ނަމަވެސް ފައިޒާ ވެކްސިން ދޭނީ ހާއްސަ ހާލަތްތަކުގައިވާ މީހުންނަށް އެކަންޏެވެ.