ރޯދަ މަސް

ރޯދަމަހުގެ ހުރުމަތް ކެނޑުމުގެ ނުބައިކަން

ރަމަޟާންމަހަކީ މުސްލިމުންގެ ދިރިއުޅުމުގެ އިސްލާމީ ވައްޓަފާޅި ދައްކުވައިދޭ މަހެކެވެ. އެގޮތުން ކީރިތި ޤުރްއާން ކިޔެވުމާއި، ރޯދަހިފުމާއި، މިސްކިތްތަކުން ގޮވާ ބަންގިއާއި ޖަމާޢަތުގެ ނަމާދަކީ އިސްލާމް ދީނުގެ ފާހަގަތަކެވެ. މި ފާހަގަތަކަށް ދީނުގެ ޝީޢާރުތަކޭ ނަންދެވިގެންވެއެވެ.

ދީނުގެ ޝިޢާރުތަކަށް ހުރުމަތްތެރިކޮށް ހިތުމާއި، މާތް ﷲ ގެ އަމުރުފުޅުތަކަށް ކިޔަމަންގަތުމާއި ނަހީކުރެއްވި ކަންކަމުން އެއްކިބާވެ، އެއިލާހު ކަނޑައަޅުއްވާފައިވާ އިންތަކުން ބޭރުނުވެ ހުރުމުގެ މުހިންމުކަން އަންގަވައި މާތް ﷲ ވަޙީކުރައްވާފައިވެއެވެ. ﴿ ذَلِكَ وَمَن يُعَظِّمْ شَعَائِرَ اللَّهِ فَإِنَّهَا مِن تَقْوَى الْقُلُوبِ ﴾ (الحج 32) މާނައީ: "ކަންހުރިމަގީ އެއީއެވެ. އަދި ﷲ ގެ ޝިޢާރުތަކަށް މާތްކޮށް ހިތާމީހާ ދަންނާށެވެ! ފަހެ، އެކަންތައްވަނީ، ހިތްތަކުގެ ތަޤުވާވެރިކަމުގެ ތެރެއިންނެވެ."

މާތް ﷲ ޙުރުމަތްތެރި ކުރައްވާފައިވާ ކަންކަމާއި ދީނުގެ ޝިޢާރުތަކަކީ އެއިލާހުގެ އަމުރުފުޅުތަކާއި ނަފީފުޅުތަކެވެ.
އެކަންކަން މަތިވެރިކުރުމާއި މާތްކޮށް ހިތުމަކީ މާތް ﷲ ގެ އަމުރުފުޅުތަކަށް ފުރިހަމައަށް ބޯލަނބައި ކިޔަމަންގަތުމެވެ. އެ ޝިޢާރުތައް މާތް ﷲ ގެ ޙަޟުރަތުގައި މަތިވެރިކަން ބޮޑުވި މިންވަރަކަށް، އެކަންކަމަށް ޙުރުމަތްތެރިކޮށް ހިތަންޖެހޭ މިންވަރު މަތިވެގެން ދެއެވެ. އަދި އެ ޝިޢާރުތަކަށް އިހާނެތިކޮށް ހިތުމުގެ ފާފަ ބޮޑުވެގެންދެއެވެ.

ރަމަޟާން މަހަކީ އިސްލާމް ދީނުގެ ހަތަރުވަނަ ރުކުން ކަމުގައިވާ ރޯދައިގެ އަޅުކަން އަދާކުރުމަށް މާތް ﷲ ކަނޑައަޅުއްވާފައިވާ މައްސަރެވެ. އަދި ޤުރްއާން ބާވައިލެއްވުނީ އެ މައްސަރުގައެވެ. ރަމަޟާންމަހު ސުވަރުގޭގެ ދޮރުކޮޅުތައް ހުޅުވެއެވެ. އަދި ނަރަކައިގެ ދޮރުތައް ބަންދު ކުރެއްވެއެވެ. އަދި ޖިންނި ޝައިޠާނުން ކަސްތޮޅު އެޅުއްވެއެވެ. އަދި މީސްތަކުންގެ ތެރެއިން ގިނަ ބަޔަކު ނަރަކައިން ސަލާމަތް ކުރައްވައެވެ. މިހުރިހާ ސަބަކަށްޓަކައި ރަމަޟާންމަހަކީ ޙުރުމަތްތެރިކަން ބޮޑުވެގެންވާ މައްސަރެކެވެ. އަދި އެ މައްސަރުގެ ޙުރުމަތް ކެނޑުމަކީ ނުބައިކަން ބޮޑު ފާފައެކެވެ.

ރަމަޟާންމަހުގެ ޙުރުމަތް ކެނޑުމުގެ އެންމެ ފާޅުކަން ބޮޑު ގޮތަކީ އުޒުރަކާ ނުލައި ރޯދަ ދޫކޮށްލުމެވެ. ގަސްތުގައި ރޯދަ ނުހިފައި މީސްތަކުންގެ މެދުގައި ކައިބޮއި ހެދުމެވެ. ބާލިޣުވެ ބުއްދި ސަލާމަތުން ހުރި މީހަކު، ޝަރުޢީ އުޒުރަކާ ނުލައި ރޯދަ ދޫކޮށްލުމަކީ ބޮޑު ފާފައިގެ ތެރެއިން ހިމެނޭ ކަމެކެވެ.

އުޒުރަކާ ނުލައި ގަސްތުގައި ރޯދަ ދޫކޮށްލާ މީހުންނަށް އަދަބުދީ އެކަން ހުއްޓުވުމަކީ ދައުލަތުގެ މައްޗަށް އޮތް ވާޖިބެކެވެ. އަދި އެފަދަ މީހާއަށް އޮތީ ތައުބާވެ އިޞްލާޙުވުމެވެ. އެހެނީ އާޚިރަތުގެ އަޒާބަކީ އެކަކަށްވެސް އެއަށް ކެއްނުކުރެވޭފަދަ ބިރުވެރި އަޒާބެކެވެ. ރޯދަ ވީއްލުމުގެ ވަގުތު ނުޖެހެނީސް ރޯދަ ވީއްލާ މީހުންނަށްހުރި ޢުޤޫބާތް ކީރިތި ރަސޫލާ صلى الله عليه وسلم އަށް ހުވަފެންފުޅުގައި ދެއްކެވުނެވެ.
އައްނަސާއީ رحمه الله ގެ އަރިހުން ރިވާވެގެންވެއެވެ. ކީރިތި ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. "ތިމަންކަލޭގެފާނު ނިދިކުރައްވަން އޮންނަވަނިކޮށް ހުވަފެންޕުޅުގައި ދެމީހަކު އައިސް ތިމަންކަލޭގެފާނުގެ އަތްޕުޅުގައި ހިފައި ތިމަންކަލޭގެފާނު ގެންދެވިއެވެ. (މި ދިގު ޙަދީޘްގައިވެއެވެ.) ދެން ތިމަން ކަލޭގެފާނަށް ފެނިވަޑައިގެންނެވީ އެބައެއްގެ ކުޑަކަޅުވައިތަކުން އެލުވިގެންވާ ބައެއްކެވެ. އެމީހުންގެ އަނގައިގެ ދެމިޔަކަނުން ވީދި ލޭތިކި ޖަހަމުންދެއެވެ. ތިމަންކަލޭގެފާނު ސުވާލު ކުރެއްވީމެވެ. "އެއީ ކޮންބައެއް ތޯއެވެ؟" ދެންނެވުނެވެ. "އެއީ ރޯދަ ވީއްލުމުގެ ވަގުތު ޖެހުމުގެ ކުރިން ރޯދަ ދޫކޮށްލާ މީހުންނެވެ." (މިއީ ޞައްޙަ ޙަދީޘެއްކަމަށް އަލްއަލްބާނީ ރަޙިމަހު ﷲ ވިދާޅުވެފައިވެއެވެ.)

ރަމަޟާންމަހުގެ ޙުރުމަތް ކެނޑުމުގެ ތެރެއިން ހިމެނޭ ކަންކަމުގެ ތެރޭގައި، ފަރުޟު ނަމާދުތަކަށް ފަރުވާ ކުޑަކުރުން ހިމެނެއެވެ. ބައެއް މީހުން ރޯދަ ހިފިއެއްކަމަކު ފަރުޟު ނަމާދުތަކަށް ރައްކާތެރިއެއް ނުވެއެވެ. ގަސްތުގައި ނަމާދު އެޅުމަކީ ދީނުންބޭރުވާފަދަ ނުރައްކާތެރިކަން ބޮޑު ފާފައެކެވެ.
އަދި ނަމާދު ނުކުރާ މީހަކު ނުކައިނުބޮއި ހުރުމަކަށް މާތް ﷲ އެދިވޮޑިއެއް ނުގަންނަވައެވެ. ވީމާ، ނަމާދުތަކަށް ފަރުވާތެރި ނުވެވޭނަމަ ހިފާ ރޯދައިގެ ފައިދާ އުނިވެގެން ހިނގައިދާނެއެވެ.

ރަމަޟާންމަހުގެ ޙުރުމަތް ކެނޑުމުގެ ތެރެއިން ހިމެނޭ އަނެއް ކަމަކީ، ރޯދަވެރިޔާ އޭނާގެ ދޫ ރައްކާތެރި ނުކުރުމެވެ. މީސްތަކުގެ ވާހަކަ ދައްކައި ޣީބަބުނެ ހެދުމެވެ. ޒުވާބުކޮށް އަރައިރުންވެ ހެދުމެވެ. އެފަދަ ޢަމަލުތަކުން އެއްކިބާ ނުވެއްޖެމީހާގެ ވާހަކަ ބަޔާންކުރައްވައި ކީރިތި ރަސޫލާ صلى الله عليه وسلم ގެ ޙަދީޘްފުޅެއްގެ މާނައިގައިވެއެވެ. "ނުބައި ބަސްތަކާއި އެފަދަ ޢަމަލުތައް ދޫކޮށްނުލައިފިމީހާ، ނުކައި ނުބައި ހުރުމަކަށް މާތް ﷲ އެދިވޮޑިއެއް ނުގަންނަވަތެވެ." (ރިވާކުރެއްވީ މުސްލިމް) ވީމާ، ރަމަޟާންމަހު ރުޅި އިސްކޮށް، ހިތްހަމަ ނުޖެހޭ ކޮންމެ ފަހަރަކު ދުލުން ހުތުރުބަސްތައް ބުނެ ނުހަދާށެވެ.

ރަމަޟާންމަހުގެ ޙުރުމަތް ކެނޑުމުންގެ ތެރެއިން ހިމެނޭ ކަންތައްތަކުގެ ތެރޭގައި، ރޯދަމަހުގެ ރޭގަނޑުގެ ވަގުތުތައް ކުޅިވަރުގައި ހޭދަކޮށް، ދުވާލު އެކުގައި ނުވަތަ ގިނަ ވަގުތު ނިދާފައި އޮތުން ހިމެނެއެވެ. ރަމަޟާންމަހުގެ ބަރަކާތްތެރި ރޭތަކާއި ދުވާލުގެ ވަގުތުތައް ބޭކާރުކޮށްލާ މީހަކީ އަބާއްޖަކަން ބޮޑު މީހެކެވެ. އެހެނީ، އެ މައްސަރުގައި ރޯދަ ހިފުމުގެ ފުރުސަތު ލިބި، އެކަމުގެ ސަބަބުން ފާފަތައް ނުފުއްސެވިއްޖެ މީހަކަށްވުރެ ބޮޑަށް ހެޔޮކަމުން މަޙުރޫމުވެގެންވާ މީހަކު ނުވާކަމަށް ނަބަވީ އިރުޝާދުތަކުގައި ވެއެވެ.

ވީމާ، މި ރަމަޟާންމަހުގެ ޙުރުމަތް ކަނޑާ މީހުންގެ ތެރެއިން ތިބާ ނުވާށެވެ. އަދި އެފަދަ ޢަމަލެއް ކުރެވޭނަމަ އެކަމުން ދުރުހެލިވެ ހެޔޮމަގަށް ރުޖޫޢަވާށެވެ.