ލައިފްސްޓައިލް

ކެއުމަކާ ހެދި މީހަކު އާއްމު ތަނެއްގައި ވަރިވެއްޖެ

ޖޯޑުން މީހަކު އާންމު ތަނެއްގައި އެންމެން ބަލަން ތިއްބާ އޭނާގެ އަންހެނުން ވަރިކޮށްފި އެވެ. މި ދެ މީހުން މަގުމަތީގައި އަރާރުން ވަމުން ދިޔައިރު އެ މަންޒަރު ބަލަން ގިނަ އަދަދެއްގެ ބަޔަކު އެއްވެ ތިއްބެވެ. މި މީހުން އަރާރުންވީ "މަންސަފު" ކިޔާ ކެއުމަކާ ގުޅޭ ގޮތުންނެވެ. މަންސަފު އަކީ ޖޯޑުންގައި މަޝްހޫރު އަރަބި ސަގާފީ ކެއުމެކެވެ.

ފޭސްބުކްގައި ޝެއާކުރި ޕޯސްޓެއްގައި ފިރިމީހާ ބުނެފައި ވަނީ އޭނާގެ އަންހެނުން ވަރިކުރަން ޖެހުނީ އޭނާގެ ފަރާތު އާއިލާއާ އަޅާ ނުލާ އަމިއްލަ އާއިލާއަށް ހުރިހާ ސަމާލުކަމެއް ދޭތީ އެވެ.

"ރޯދަ ވީއްލަން އަހަރެމެންގެ ގެޔަށް އޭނާގެ އާއިލާގެ މީހުންނަށް ދައުވަތު ދީގެން ގެންނަ ދުވަސް ދުވަހު އެމީހުންނަށް އޭނާ މަންސަފު ކައްކާނެ. އެކަމަކު އަހަރެމެންގެ މަންމަ އަންނަ ދުވަސު ދުވަހު ޝަވަރުމާ އޯޑަރު ކޮށްގެން ގެނައީ،" ފިރިހެންމީހާ ބުންޏެވެ.

ފިރިހެންމީހާ ބުނި ގޮތުގައި އޭނާގެ އަންހެނުން ވަރިކުރީ މި އަރާރުމުގެ ތެރޭގަ އެވެ.

ރޯދަ މަސް ފެށެން އެއް ދުވަހަށް ވެފައި ވަނިކޮށް ޖޯޑުންގެ އެހެން ފިރިހެނަކު ވެސް އޭނާގެ އަންހެނުން ޝޮޕިން މޯލެއްގެ ތެރޭގައި އެންމެން ބަލަން ތިއްބާ ވަރިކޮށްފައި ވެއެވެ. އެމީހާ އަންހެނުން ވަރިކުރީ ރޯދައަށް ތައްޔާރުވުމުގެ ގޮތުން ގަންނަން ބުނާހާ އެއްޗެތި ގަނެ ނުދެވުނީމަ އަރާރުންވާ ވަރުން އައި ރުޅީގައި ކަމަށް އެމީހާ ބުންޏެވެ.

"ރޯދަ ހިފަން ކަލޭ ބައްޕަގެ ގެޔަށް ދޭ. ތިހިރީ ވަރިކޮށްފަ،" ޖޯޑޫންގެ ވެރިރަށް އައްމާންގެ އުތުރުގައި ހުންނަ ސުވެއިލާ މޯލް އަށް ވިޔަފާރިކުރަން ގޮސް ތިބި އެތައް ބަޔަކު ބަލަން ތިއްބާ ފިރިހެންމީހާ ބުނި ކަމަށް ވެއެވެ.

މަންޒަރު ދުށް ބައެއް މީހުން ބުނި ގޮތުގައި ދެމަފިރިން އަރާރުން ވާން ފެށީ މޯލްގައި ހުރި ފިހާރަތަކުން އަންހެންމީހާ ބޭނުންވާ ހުރިހާ އެއްޗެއް ފިރިމީހާ އަށް ގަނެ ނުދެވިގެންނެވެ. މިކަމާ ރުޅިއައިސްގެން ވަރިވާނެކަމަށް ބުނެ ފުރަތަމަ ބިރު ދެއްކީ އަންހެންމީހާ ކަމަށާއި އެ އަރާރުމުގައި އައި ރުޅިން ވަގުތުން ފިރިމީހާ އޭނާގެ އަންހެނުން ވަރި ކުރީ ކަމަށް އެތާ ތިބި ބައެއް މީހުން ޖޯޑުން ނޫސްތަކަށް މައުލޫމާތު ދީފައި ވެއެވެ.