ރާއްޖެ އަންނަ ފަތުރުވެރިންނަށް އެއް އަހަރު ދުވަހުގެ ވިސާ ލިބޭނެ ގޮތް ހަދަން މަސައްކަތް ކުރާ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅު ވެއްޖެ އެވެ.
މައުސޫމް "އަވަސް" އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ފަތުރުވެރިންނަށް ގިނަ ދުވަހު ރާއްޖޭގައި ތިބެވޭނެ ގޮތް ހަދައި ދިނުން ކަމަށެވެ. އޭނާ ވިދާޅުވީ ޓޫރިސްޓުންގެ ތެރެއިން ދުވަސްވީ މީހުންގެ މާކެޓަކީ ވަރަށް ޕޮޓެންޝިއަލް ބޮޑު މާކެޓެއް ކަމަށާއި އެފަދަ މީހުން އަވަސް އަވަހަށް އެހެން ތަންތަނަށް ދާން ބޭނުން ނުވާ ކަމަށެވެ. އެކަމަކު މިހާރު އޮންނަ ގޮތުން އެ މާކެޓުން ލިބެންވާ ފައިދާ ނުލިބޭ ކަމަށް އޭނާ ވިދާޅުވި އެވެ.
އަދި ވިދާޅުވީ އެކަމަށް ހައްލު ހޯދޭނީ އިމިގްރޭޝަންގެ ގާނޫނަށް ބަދަލު ގެނެސް ވިސާގެ މުއްދަތު އިތުރު ކޮށްގެން ކަމަށެވެ. އޭނާ އަދި ވިދާޅުވީ ފަތުރުވެރިންނަަށް އެއް އަހަރު ދުވަހުގެ ވިސާ ދިނަސް އޮން އެރައިވަލް ޓޫރިސްޓް ވިސާ ތިން މަހަށް ވުރެ އިތުރު ކުރަން ނުފެންނަ ކަމަށެވެ.
"ތިން މަހަށް ފަހު ވިސާ އިތުރު ކުރާނެ މުއްދަތު ނިންމާނީ ކޮންޓްރޯލާ އޮފް އިމިގްރޭޝަން. އަދި އެކަމަށް ގާނޫނަށް ވެސް ބަދަލު ގެންނަން ޖެހޭ. އެއްއަހުރު ވެސް އޯކޭ، އަޅުގަނޑު ބޮޑަށްބުރަވަނީ ފުރަތަމަ ތިން މަހަށް ފަހު ފަހަރަކު ގިަނވަގެން 30 ދުވަސް އިތުރު ކުރަމުން ގޮސް ދިގު ވެގެން ޖުމްލަ 270 ދުވަހުގެ ޓޫރިސްޓު ވިސާ ލިބޭ ގޮތްވުން. އަދި ޓޫރިސްޓު ވިސާގަ ހުންނައިރު ރާއްޖޭގެ ވަޒީފާއެއް އަދާ ކޮށްގެން ނުވާނެ." މިނިސްޓަރުގެ ފޭސްބުކް ޕޯސްޓެއްގައި ލިޔުއްވާފައި ވެއެވެ.
މިހާރު އޮންނަ ގޮތުން ރަޝިއާ، އިންޑިއާ، ޕާކިސްތާން އަދި ބަންގްލަދޭޝް މީހުންނަށް އޮން އެރައިވަލް ވިސާއަށް 90 ދުވަހަށް ލިބެ އެވެ. އެ ނޫން ގައުމުތަކުގެ މީހުންނަށް އޮން އެރައިވަލް ވިސާގެ ގޮތުގައި ލިބެނީ 30 ދުވަހެވެ.